ލަންކާއިން ފިލާވަޅު ދަސްކުރަންޖެހޭ، ނޫނީ ބޮނޑި ލިބިދާނެ

ލަންކާގެ ރައީސާއި ރައީސް މުއިއްޒު: ޑިފޯލްޓުވުމަށް ފަހު ލަންކާއިން އަންނަނީ ހަރުދަނާ އިގުތިސާދީ އިސްލާހުތަކެއް ގެންނަމުން --- ފޮޓޯ/ ރައީސް އޮފީސް

"ހަވާ އަރުވާލާއިރު ހީވެސް ނުވޭ ބަނގުރޫޓު ވުމުގެ ތުންފަތް މަތީ އޮތް ގައުމެކޭ،" މިއީ މީހަކު ސޯޝަލް މީޑިއާގައި ލިޔުނު ލިޔުމެކެވެ. އިހަށް ރޭ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައި، ހަވާ އެރުވުމުގެ ރިކޯޑު މުގުރާލަން ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް 'އަންދާލީ'އެވެ. ދައުލަތުން އެތައް ކުންފުންޏަކަށް ބިލިއަނުން ދަރާފައި އޮވެ، އެ ފައިސާ ނުދީ ތިބެގެންނެވެ.

އެހެން މީހަކު ދޫކޮށްލި ވާހަކައެކެވެ. ހަވާ އެރުވި މަންޒަރު ބަލަން އިން އެ މީހާގެ ބޮޑުބޭބެ ފެންކަޅިވީއެވެ. ރޮއޭ ގޮތްވީއެވެ.

ކީއްވެހެއްޔެވެ؟ ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދީމާ އުފަލަކަށް ނޫނެވެ. ނޫނިއްޔާ އެ މަންޒަރު ފެނި އާޝޯހުވެގެންނެއް ނޫނެވެ. އެ މީހާ ދަރައި ވިކިފައި ހުރީމައެވެ. އެ މީހާގެ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ އެއް މިލިއަން ރުފިޔާ ނުލިބި ދިގުލައިގެން ގޮސް، އެ މީހާ އެ ހުރީ މަގުމަތިވާ ހިސާބުގައެވެ. ބިލުތައް ނުދެއްކި، ދަރަނިވެރިވެފައެވެ. އެކަމަކު، ސަރުކާރުން އެއްވެސް އަޅައިލުމެއް ކަހައިލުމެއް ނެތި މިލިއަނުން ރުފިޔާ ޖައްވާއި ހަވައާއި ފަޒައަށް އަންދާލަނީއެވެ.

އިގުތިސާދު ދުޅަހެޔޮއިރު ހަވާ އަރުވައި، ނަށައި ހަދަންވީއެވެ. އެކަމަކު، ގައުމު ދަރަނިވެރިވެ، ދައުލަތަށް މަސައްކަތް ކޮށްދިން އެތައް ބައެއްގެ ފައިސާ ނުދީ ހިފަހައްޓައިގެން ތިބެ އެކަން ކުރީމާ މީހުން ރުޅި އަންނާނެއެވެ. އެ ތިބީ ދަރީންނަށް ކާންނުދެވިފައެވެ. ކަރަންޓާއި ފެނަށް ފައިސާ ނުދެއްކިފައެވެ.

https://sun.mv/209008

އަވައްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އެ ހުންނެވީ ރާއްޖޭގައެވެ. އިގުތިސާދީ އަނދަވަޅުން އެ މީހުން އަރައިގެން ގޮތް މި ފަހަރު ދިވެހީން ދަސްކުރަން ވާނެއެވެ. ގައުމުގެ ވެރިން އެކަންޏެއް ނޫނެވެ. އާންމުން ވެސް އެ ފިލާވަޅު ކިޔަންވާނެއެވެ. ލަންކާ 2022 ވަނަ އަހަރު ބަނގުރޫޓުވިއެވެ. އިގުތިސާދު ފުނޑި، ތެލަށް ޖެހުނެވެ. އިރުއިރުކޮޅުން ކަރަންޓު ކެނޑުނެވެ. ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ގޮސް، އެންމެން އެކީ ވިދުނެވެ. އެކަމަކު، އެ މީހުން މިއަދު އެ ތިބީ އެ ހާލަތު ބަދަލުކޮށްގެންނެވެ. ހެވި ދިލިފައެވެ. މަޑުމަޑުން އެ އަންނަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅަމުންނެވެ.

ލަންކާ އަރައިގަތީ ހިތި ބޭސް ބޮއެގެން

ހަގީގަތަކީ ލަންކާއަށް ވެސް ފިލާވަޅު ދަސްވީ ވަގުތު ފާއިތުވި ފަހުންނެވެ. ކޮވިޑާއި އެ ގައުމުގައި ދިން ބަޑީގެ ހަމަލާގެ ސަބަބުން އިގުތިސާދަށް ކުރިމަތިވި އަޑިގަނޑުން އަރައިނުގަނެވުނީއެވެ. ސަރުކާރުގެ ޚަރަދު ކުޑައެއް ނުކުރެއެވެ. ވައްކަމެއް ވެސް ނުހުއްޓައެވެ. އޭރު އޮތް ގޮޓާބަޔާ ރާޖަޕަކްސާގެ ވެރިކަމުން އެ ގައުމުގެ ރައްޔިތުންނަށް ހެދީ ދޮގެވެ. ދެއްކީ ފޮނި ހުވަފެންތަކެވެ.

https://sun.mv/209171

އެކަމަކު، އިގުތިސާދު އެކީ ފުނޑުނީއެވެ. ދޮގަކުން ފުއްދައިނުލެވޭ ވަރަށް ގޯސްވީއެވެ. ކަރަންޓާއި ތެލާއި ބޭސް ލިބުން ވެސް ދަތިވީއެވެ. އެންމެ ފަހުން ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލީއެވެ. ރިޔާސީ ގަނޑުވަރަށް ވަދެގަތީއެވެ. ވެރިންނަށް އިސްތިއުފާ ދީފައި ފިލަން މަޖުބޫރުވީއެވެ.

ލަންކާއަށް ވެސް ފިލާވަޅު ލިބުނީ އެ ހިސާބުންނެވެ. އޭގެ ކުރިން ތިބީ ޚަރަދު ކޮށްލަކޮށްލައެވެ. ދަރަނީގެ ބޯ ވިލާގަނޑަށް ބަލަހައްޓައިގެން ނުވެހޭނޭ ކިޔާލަކިޔާލަ ތިއްބާ އޮއްސައިގަތީއެވެ. ޚަރަދު ކުދަކުރަން މަޖުބޫރުވީއެވެ. ވަގުތީ ގޮތުން ވެރިކަމާ ހަވާލުވި ރަނިލް ވިކްރަމަސިންހާއަށް ޖެހުނީ ހިތި ބޭސް ދޭން ފަށާށެވެ. ބޭކާރު ޚަރަދުތައް ކުޑަކުރާށެވެ. އަރަމުން އަރަމުން ގޮސް 70 އިންސައްތައިގައި ހުރި އިންފްލޭޝަން ކުޑަކުރަން ފިޔަވަޅުތައް އަޅާށެވެ. ކުޑަކުޑަ ވަފުދަކާ އެކު ސްރީލަންކަން އެއާލައިންސްގައި މިހާރު ރާއްޖެ ވަޑައިގެން ހުންނެވި ޑިސަނަޔަކަ އިންތިޚާބުވީ އިގުތިސާދީ އިސްލާހީ އެޖެންޑާއެއް ހިތްޕަވައިގެންނެވެ. ސަރުކާރު ކުޑަކޮށް، އިސްރާފު ހުއްޓުވައި، ކޮރަޕްޝަން ކުޑަކުރަން ވައުދުނާމާ ވަމުންނެވެ.

ލަންކާގެ އެ ދަތުރުން އެތައް ފިލާވަޅެއް

އާންމުކޮށް ބޭރަށް ދަތުރުކުރައްވައި ނޫޅުއްވާ ޑިސަނަޔަކަ ރާއްޖެ ވަޑައިގެން އެ ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަދަކަށެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ބޭރު ދަތުރުފުޅުތަކަށް ހޭދަކުރެއްވީ އެންމެ 6،000 ޑޮލަރެވެ. މިހެން ހުރި ކަންކަމަކީ ދިވެހި ލީޑަރުންނަށް ފިލާވަޅެކެވެ. އިގުތިސާދީ އިސްލާހަށް ވަކާލާތުކުރައްވައިގެން ޑިސަނަޔަކަ ބޮޑެތި ޕާޓީތަކުގެ މައްޗަށް ހޯދި ކުރިއެރުމަކީ އިގުތިސާދަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް އެ މީހެއްގެ އެދުން އިސްކޮށްގެން ވޯޓުދޭ އެތައް ހާސް ބަޔަކު ވެސް ދަސްކުރަންޖެހޭ ފިލާވަޅެކެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ޑިސަނަޔަކަ ވަނީ ސަރުކާރު ކުޑަކޮށްފައެވެ. ރައީސާއި ބޮޑުވަޒީރު ހިމެނޭހެން ކެބިނެޓްގެ ސައިޒަކީ 21 އެވެ. އެއީ، މި ފަހުން ލަންކާގައި އެކުލަވާލި އެންމެ ކުޑަ ސަރުކާރެވެ. ތިއްބަވަނީ އެންމެ 29 ޑެޕިއުޓީ މިނިސްޓަރުންނެވެ. ސްޓޭޓް މިނިސްޓަރުންނެއް ނުތިއްބަވައެވެ.

ލަންކާގެ ރައީސާއި ރައީސް މުއިއްޒު: ލަންކާގެ އިގުތިސާދު މިހާރު ރަނގަޅުވާއިރު ރާއްޖެއަށް ގޮންޖެހުން ބޮޑު -- ފޮޓޯ/ ރައީސް އޮފީސް

އެކަމަކު، މި ކުޑަކުޑަ ރާއްޖެގައި މިނިސްޓަރުން އެކަނި ވެސް 20 އެބަތިއްބެވިއެވެ. އެ ފެންވަރުގައި ވެސް 14 ބޭފުޅުން އެބަތިއްބެވިއެވެ. ސްޓޭޓް މިނިސްޓަރުކަމުގައި 93 ބޭފުޅުން އެބަތިއްބެވިއެވެ. އެ ފެންވަރުގައި ހަތް ބޭފުޅުން އެބަތިއްބެވިއެވެ. އަދި، ޑެޕިއުޓީ މިނިސްޓަރުންގެ ބޮޑު ފީންޏެކެވެ. ޖުމުލަ 216 ޑެޕިއުޓީ މިނިސްޓަރުން ތިއްބެވިއިރު އެ ފެންވަރުގެ ވެސް 20 ބޭފުޅުން އައްޔަންކުރައްވާފައި އެބަތިއްބެވިއެވެ. ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނޭ ކިޔައި 318 ބޭފުޅުން ތިއްބެވިއިރު އެ ފެންވަރުގެ އަށް ބޭފުޅުންނާއި ޕޮލިޓިކަލް ޑިރެކްޓަރުކަމުގައި 169 ބޭފުޅުންގެ އިތުރުން އެ ފެންވަރުގެ ހަތަރު ބޭފުޅުންނެވެ. އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުންނާއި އެހެނިހެން ސިޔާސީ މަގާމުތަކުގައި ވެސް 49 ބޭފުޅުން އެބަތިއްބެވިއެވެ. މިއީ އަދި ރަސްމީކޮށް ހާމަކުރެއްވި 922 ސިޔާސީ މަގާމެވެ. ސަރުކާރު ހިއްސާވާ އެކިއެކި ކުންފުނިތަކުގައި ވެސް އެއްވެސް މަސައްކަތެއް ނުކޮށް، ގައުމަށް ފައިދާއެއްނުވާ ތަނުގައި ގެއްލުންދޭ އެތައް ބަޔަކު އެބަތިއްބެވެ. އެ މީހުންގެ އަދަދު ވަނީ ވަންހަނާވެގެންނެވެ.

ލަންކާގެ އާ ސަރުކާރުން ކުރައްވަން ފެއްޓެވި އަނެއް މުހިންމު ކަމަކީ ތާކުންތާކުނުޖެހޭ މަޝްރޫއުތަކަށް ޚަރަދުކުރުން ހުއްޓާލުމެވެ. ކޮންމެހެން އިގުތިސާދަށް ބޭނުންވާ ކަންކަމަށް ޚަރަދު ކުރުމެވެ. އަދި، އިގުތިސާދީ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ބުނެދިނުމެވެ. ދަރަނި އޮތްވަރާއި އެއަށް ހަދަން ވިސްނާ ގޮތާއި މަޝްވަރާތަކުގެ ވެސް ވާނުވާ ރައްޔިތުންނަށް ކިޔައިދިނުމެވެ.

ރާއްޖޭގައި އެކަން ވެސް އޮތީ ގޯހުން ގޯހަށެވެ. ކަނޑު އަޑީގެ ޓަނަލާއި ރަސްމާލެ ހިއްކާށާއި ފާޑުފާޑުގެ ރިކޯޑު މުގުރަން ހަވާ އަރުވަން ވެސް މިލިއަނުން ޚަރަދުކުރަނީއެވެ. ދަރަންޏާއި އިގުތިސާދީ ކަންކަމުގައި ސަރުކާރުން ގިނަ ފަހަރު ރައްޔިތުންނަށް ދައްކަން ބޭނުންވަނީ ވެސް ގޯސް މަންޒަރެކެވެ. 'މާ ބޮޑު ކަންބޮޑުވުމެއް ނެތް' ކަމަށް ދެއްކިޔަސް އެ ބޭފުޅުން ވެސް ތިއްބެވީ ބިރުފުޅުގެންފައެވެ. އިގުތިސާދުގައި ހަކަތައެއް ނެތެވެ. ދިވެހި ރުފިޔާގެ އަގު ތާރީޚުގައި ދަށްނުވާ ވަރަށް ދަށްވެ، ޑޮލަރެއްގެ އަގު އެ ހުރީ 20 ރުފިޔާއިން މަތީގައެވެ. އެކަމަކު ވެސް 'އިގުތިސާދު އެ ހުރީ ރަނގަޅުވާން ހިފާފަ'އެވެ.

https://sun.mv/208752

އޭގެ ބަދަލުގައި ލަންކާގެ އާ ސަރުކާރުން ދައްކަނީ ހެޔޮ ނިޔަތެވެ. ކަންކަން ރަނގަޅުކުރަން ބޭނުންވާ ކަމެވެ. އެ މީހުންގެ ދުވަހަށް ދުވަހަށް ހިނގާ ޚަރަދުތައް ވެސް މިހާރު ބަލައެވެ. ކޮންމެ ފައިސާ ފޮތްޗެއް ޚަރަދުކުރަނީ އެންމެ ބޭނުންތެރި ގޮތުގައިތޯއާއި އެއީ އެންމެ ޚަރަދު ކުޑަ ގޮތްތޯ ބަލައިގެންނެވެ. ދުވަހުން ދުވަހަށް ހިނގާ ޚަރަދުތައް ހުރީ ދަށްކޮށްފައެވެ. ސަރުކާރު ކުންފުނިތަކަށް ބޭނުމެއް ނެތް ސިޔާސީ މީހުންނެއް ނުލައެވެ. އޭގެ ބަދަލުގައި އެ ތަންތަން ހިނގަނީ އެންމެ ބޭނުންތެރި ގޮތުގައިތޯ ބަލަނީއެވެ. އެ ތަންތަނުގެ ބޭނުން ހިފޭތޯ ޔަގީން ކުރަނީއެވެ.

މި ހުންނަނީ ލަންކާގެ ރައީސާ އެކު ދިވެހި ލީޑަރުން ތިއްބަވާއިރު ހިތަށް ވަންނަންވާނެ ކަންކަމެވެ.

ލަންކާއެކޭ އެއްގޮތަށް ދިވެހި ސަރުކާރު ވެސް ކުޑަކުރަން ޖެހެއެވެ. ކޮންމެ އާއިލާއަކީ ސަރުކާރު ވަޒީފާއަށް ބަރޯސާވާ އާއިލާއެއް ގޮތުގައި ބާއްވަން ސަރުކާރުތަކުން ކުރާ އަޅުވެތިކަމުގެ މަސައްކަތް ހުއްޓާލަން ޖެހެއެވެ. ރަނގަޅު އޮޑިޓެއްކޮށް، ސަރުކާރުގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއާއި ސިވިލް ސާވިސް މަގާމުތަކުގައި ވެސް މުވައްޒަފުން ތިބީ އެކަށިގެންވާ އަދަދަށްތޯ ބަލައި ޔަގީންކުރަން ޖެހެއެވެ. ސަރުކާރުގެ ސައިޒް ކުޑަކޮށް، ކޮންމެ ފައިސާ ފޮތްޗެއް ދައުރުވާ ގޮތް ބަލަން ޖެހެއެވެ.

https://sun.mv/208664

ސަރުކާރު ކުންފުނިތަކާއި ސިވިލް ސާވިސްގައި ވެސް ހިނގާ ބޭކާރު ޚަރަދުތައް ދެނެގަނެ ހުއްޓުވަން ޖެހެއެވެ. ކުންފުނިތަކުގެ ފައިސާއަކީ ވެސް ރައްޔިތުންގެ ފައިސާއެވެ. އެއީ، ރައްޔިތުންނަށް ޚިދުމަތް ދޭން އުފެއްދި ތަންތަނެވެ. އެ ތަންތަނުގެ ވެރިންނަށް މުއްސަނދިވާން ހެދި ކުރު މަގެއް ނޫނެވެ.

އެކަމަކު، އެ ބަދަލުތައް ފަށަން ވާނީ އެންމެ މަތިންނެވެ. ރައީސްގެ ދަތުރުފުޅުތަކުގެ ބޭނުން ހިފޭތޯ ބަލައި އޮޑިޓްކުރަން ޖެހެއެވެ. މިހާ ބައިވަރު މިނިސްޓްރީ ހުންނަން ޖެހޭތޯ ދިރާސާކުރަން ޖެހެއެވެ. ގައުމިއްޔަތަށް ވަކި މިނިސްޓްރީއެއް، ކުޅިވަރަށް ވަކި މިނިސްޓްރީއެއް އޮންނަން ޖެހޭތޯ ބަލަން ޖެހެއެވެ. އަމުދުން އެއްވެސް މަސައްކަތެއް ނުކޮށް، ރައީސާއި ސަރުކާރުގެ ވެރިންނަށް ސަނާ ކިޔަން 30،000 އިން 40،000 އިން މުސާރަ ދީފައި އެ މަގާމުތަކަށް ކުފޫ ވެސް ހަމަނުވާ ބޭފުޅުން ބައިތިއްބަން ޖެހޭތޯ ރައްޔިތުން ގާތުގައި ނަމަވެސް އަހާލަން ޖެހެއެވެ.

ލަންކާ ރައީސް ގާތުގައި އައްސަވައިގެން ނަމަވެސް ދިވެހީން މި ފިލާވަޅުތައް ދަސްކުރަން ޖެހެއެވެ. ސަރުކާރުން އެ ކަންކަން ބަލަން ޖެހެއެވެ. ނޫން ނަމަ، ރާއްޖެއަށް ވެސް އެ ފިލާވަޅު ދަސްވާނީ މާ ލަހުންނެވެ. އޭރަށް ބޯންޖެހޭ ބޭހުގެ ހިތިކަން ގަދަވާނެއެވެ. ކުރާ އަސަރު ބޮޑުވާނެއެވެ. ވާ ތަދު މާ ވަރުގަދަވާނެއެވެ.

comment ކޮމެންޓް