ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ތިން މެންބަރުންގެ ދައުރު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން އަލުން މިއަދު ހުޅުވާލައިފިއެވެ.
މި ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ފުރަތަމަ ހުޅުވައިލީ، މިމަހުގެ ހަވަނަ ދުވަހުއެވެ. އޭރު މި މަގާމަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ، އަންނަ މަހުގެ 12ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލާން ހުޅުވައިލައިފައެވެ.
މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00އަށް ރައީސް އޮފީހުންނެވެ.
އެކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
ސިވިލް ސާވިސް ކޮމިޝަންގައި ދައުރު ހަމަވާ މެންބަރުންނަކީ ކޮމިޝަނުގެ ރައީސް، މުހައްމަދު ނާސިހާއި، މުހައްމަދު ފަރުސަތުގެ އިތުރުން، ފާތިމަތު ޝަރީފެވެ. މި ތިން ބޭފުޅުން ވެސް އެ ކޮމިޝަނަށް އައްޔަނުކުރީ 2020ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތިންވަނަ ދުވަހެވެ. މި އަހަރުގެ ސެޕްޓެންބަރު ތިންވަނަ ދުވަހަށް މި ބޭފުޅުންގެ ދައުރު ހަމަވާނެއެވެ.
އެންމެ ފަހުން އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރީ މުޙައްމަދު މުޖުތާޒެވެ. އޭނާ މަގާމަށް އައްޔަނު ކުރިތާ 10 ދުވަސް ފަހުން ވަނީ ކޮމިޝަނުގެ ނައިބު ރައީސް ކަމަށް އައްޔަނުކޮށްފައެވެ.
ދައުރު ހަމަވާ މެންބަރުންގެ އިތުރުން ދެން އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވީ ފާތިމަތު ހަބީބާއެވެ. އޭނާ އެ ކޮމިޝަނަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޖޫން ހަތަރުވަނަ ދުވަހެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ.