އަންނަ ބުރާސްފަތި ދުވަހު ސޯބިރުގެ ތައުޒިޔާގެ ދަފުތަރެއް ހުޅުވަނީ

ސޯބިރު: އަންނަ ބުރާސްފަތި ދުވަހު ސޯބިރުގެ ތައުޒިޔާގެ ދަފްތަރެއް ހުޅުވަނީ ----

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ޙަސަން ސޯބިރު އިއްޔެ އަވަހާރަވުމާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހު ތައުޒިޔާގެ ދަފުތަރެއް ހުޅުވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ދަފުތަރު ހުޅުވުމަށް ރައީސް ނިންމަވާފައި ވަނީ، ޓޫރިޒަމް އެންޑް އެންވަރަމެންޓް މިނިސްޓްރީގައެވެ. ރައީސް އޮފީހުން ބުނީ، އެއީ، އެންމެ ދިގު މުއްދަތަކަށް ސޯބިރު ޚިދުމަތް ކުރައްވާފައި ވަނީ ފަތުރުވެރިކަމުގެ ވުޒާރާއަށް ކަމަށްވާތީ ކަމަށެވެ.

ދަފުތަރު ހުޅުވާފައި ހުންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00އިން މެންދުރުފަހު 1:00 އަށެވެ.

އުމުރުން 74 އަހަރުގައި ސޯބިރު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވާތާ ގިނަ ދުވަސްވީ ފަހުން، ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

އޭގެފަހުން، އިއްޔެގެ އަސުރު ނަމާދަށް ފަހު، ރަސްމީ އިއްޒަތުގައި ސޯބިރު ވަނީ ގަލޮޅު ސަހަރާގައި ފަސްދާނުލައްވާފައެވެ.

ސަރުކާރަށް 25 އަހަރު ޚިދުމަތް ކުރެއްވި ސޯބިރު ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި މަސައްކަތްކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1998އިން 2004އަށެވެ. އޭގެ ކުރިން 1991ގައި ޕްލޭނިން އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި 1993ގައި ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވިއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، 1999އިން 2004އަށް އޭނާ ރައްޔިތުންގެ މަޖިލީހުގައި އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން ކުރެއްވިއެވެ. އެއަށްފަހު ޚާރިޖީ ދާއިރާގައި އެކި ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރެއްވިއެވެ.

comment ކޮމެންޓް