މާލެއަށް ވާރޭވެހޭއިރު، ސިފައިންނާއި ކައުންސިލަރުން މިހާރު ތިބޭނީ ގޭގައި: އާޒިމް

މާލޭގެ މޭޔަރު އާދަމް އާޒިމް: ވިދާޅުވީ، މިހާރު ވާރޭ ވެހޭއިރު، ސިފައިންނާއި ފުލުހުންނާއި ކައުންސިލަރުން ތިބޭނީ ގޭގައި ކަމަށް --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މިހާރު މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހޭއިރު، ސިފައިންނާއި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރުން ތިބޭނީ ގޭގައި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުވުމަށް މިރޭ ބޭއްވި ޖަލްސާގައި މޭޔަރު ވިދާޅުވީ، މީގެކުރިން ރައްޔިތުން، މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކާ މެދު ކުރަމުން ދިޔައީ ނާއުންމީދު ކަމަށެވެ.

އެކައުންސިލްގެ ދައުރުގެ ފުރަތަމަ ހަ މަސްނިމޭއިރު، ރައްޔިތުންނާ ގާތުން ޚިދުމަތްތަކެއް ފޯރުކޮށްދެވިފައިވާކަމުގެ ޝުއޫރުތައް ލިބުމަކީ އުފާކުރާ ކަމެއް ކަމަށާއި އެންމެންގެ މަސައްކަތުން ކުރީގެ ތަޞައްވުރު ބަދަލުކުރެވިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެގޮތުން، މާލޭގެ ރައްޔިތުންގެ ޝަކުވާ ގުޅިފައި ހުންނަނީ މާލޭގައި ދިރިއުޅޭއިރު ދިމާވާ ދަތިތަކާކަން އާޒިމް ފާހަގަކުރެއްވިއެވެ. އެއްކަމަކަށް އާޒިމް ފާހަގަކުރެއްވީ، މާލޭގެ ކާނުތައް ސާފުނުކޮށް ހުރުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައެވެ.

އެ މައްސަލަ ހައްލުކުރުމުގެ ސަބަބުން، ވާރޭވެހުނު ނަމަވެސް ގޭގެއަށް ފެން ނުވަންނާތީ މިހާރު 'އެންމެން' ހަމަޖެހިގެން ނިދާކަން ހިނިތުންވުމާ އެކު އާޒިމް ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ކުރިން ފެންބޮޑުވި ދުވަހެއްގައި ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ: މޭޔަރު ވިދާޅުވީ މިހާރު ވާރޭ ވެހޭއިރު، ސިފައިންނާއި ފުލުހުންނާއި ކައުންސިލަރުން ތިބޭނީ ގޭގައި ކަމަށް -- ސަން ފޮޓޯ/ މުހައްމަދު މާވީ

އިތުރަށް އެކަމާ ގުޅުވައި، އާޒިމް ވިދާޅުވީ ވާރޭ ވެހޭނަމަ އާންމުކޮށް އޭނާއަށް ވެސް ނުނިދޭ ކަމަށެވެ. އެއީ، އެތައް ބައިވަރު ރައްޔިތުނެއް އުޅޭނެ ހާލު ހިތަށް އަރާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވުމުން ފެންވަދެގެން މާލޭގެ 300އަށް ވުރެ ގެތަކުން ފަރުނީޗަރުތައް ހަލާކުވަމުން ދިޔަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަޅުގަނޑުމެން އަމާޒުހިފީ، [ވުޒާރާތަކުގެ ވެރިން] އެބޭފުޅުން ވެސް ގޭގައި ބައިތިއްބަން، ސިފައިންނާ ފުލުހުން ވެސް ގޭގައި ބައިތިއްބަން. އަޅުގަނޑުމެންގެ މުވައްޒަފުން ވެސް ވާރޭވެހޭއިރު ގޭގައި ބައިތިއްބަން. އިރާދަކުރެއްވިއްޔާ މިއަދު އެމީހުން [ވުޒާރާތަކުގެ ވެރިން] ވެސް ތިބޭނީ ގޭގައި، ސިފައިން ވެސް ތިބޭނީ ގޭގައި. ފުލުހުން ވެސް ތިބޭނީ. މާލެ ސިޓީގެ މުރާލި މުވައްޒަފުން ވެސް ވާރޭވެހޭއިރު ތިބޭނީ ގޭގައި

އެކަމަށްޓަކައި މާލޭ ސިޓީގެ ކައުންސިލަރުން ކުރި މަސައްކަތަށް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ބޯކޮށް ވާރޭވެހޭނަމަ ބައެއްފަހަރު ކަކުލާ ހަމައަށް ބައެއް މަގުތަކުގައި ފެންބޮޑުވެއެވެ. މިފަދަ ހާލަތްތަކުގައި މަގުތަކުން ފެންހިދުމަށް ސިފައިން ނިކުމެއެވެ. އާންމުކޮށް ކުޑައިރުކޮޅެއް ތެރޭ މަގުތަކުން ފެންހިންދައި، އާންމު ހާލަތަށް ގެނެއެވެ.

comment ކޮމެންޓް