ރަށްރަށް ކުށްވެރިންގެ ''ސުވަރުގެ''އަކަށް، އާއްމުން ސިހިސިހި!

މަނަދޫގައި މަރާލި ނައީމާ ދިރިއުޅޭ ގެ: -- ސަން ފޮޓޯ: އަޙްމަދު ސާއިލް އަލީ

އާއްމު އުސޫލުން ލިޔާ ރިޕޯޓްތަކަށް ކިޔުންތެރިން ފޮނުވާ ކޮމެންޓްތައް ކިޔަމެވެ. އެގޮތުން އިއްޔެ ލިޔުނު, "މޫސަ މަރާލާފައި ފުލުހުންނާ ހަވާލުވީ ވެސް، ވަޅި ދެއްކީ ވެސް އަމިއްލައަށް!", މި ރިޕޯޓަށް އައި ގިނަ ކޮމެންޓްތައް ވެސް ކިޔާލީމެވެ. އެކި މީހުން ފޮނުވިކަން ކަށަވަރުވާ އެ ކޮމެންޓްތަކުގައި ފާހަގަކޮށްފައިވަނީ ބޮޑު ކަންބޮޑުވުމެކެވެ.

ރަށްރަށުގައި ކުށްވެރިން ފާޅުގައި އުޅެމުންދާކަމުގެ ކަންބޮޑުވުން އެތައް ބަޔަކު އެ ކޮމެންޓްތަކުގައި ފާހަގަކޮށްފައިވެއެވެ. އަދި, އެކަން ހުއްޓުވުމުގެ ގާނޫނީ ބާރު އޮންނަ, އަދި އެކަން ތަންފީޒުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ ފުލުހުންގެ މުއައްސަސާއަށް ގިނަ ކޮމެންޓްތަކެއްގައި ބޮޑެތި ތުހުމަތުތައްކޮށް ފާޑުކިޔާފައިވެއެވެ.

"ރަށްރަށަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރުމުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ ފަރާތްތަކަކީ އެ ރަށްރަށުގެ ޕޮލިހުންގެ ބޮޑުންނަށް ތިބޭ މީހުން ކަމަށް ޚަބަރު ލިބިފައިވޭ... މެދުރާއްޖެތެރޭގެ ވެރިކަންކުރާ މި ރަށުގެ ހާލަތަކީ ވެސް މިއީ. ހައްޔަރުކުރެވެނީ ވަކި ބައެއް. ހައްޔަރުކުރިޔަސް ދޫކޮށްލަނީ. ޕާޓޭންތައް މަގުތައް މަތީ ލާހޫރެނީ. އޭގެ ތެރޭގައި ވަގުން ވެސް ހިމެނޭ. ގޭގެއިން ވައްކަން ވެސް ކުރަނީ. އަދަބެއް ލިބެނިއްޔަކީ ނޫން. މި ދާވަރުން ދަންޏާ މީހުންވެސް މަރަން ފަށާނެހެން ހީވަނީ...." އާދަމްގެ ނަމުގައި އިއްޔެ ކޮމެންޓްކުރި މީހަކު ލިޔެފައިވެއެވެ.

https://www.sun.mv/209215

ގިނަ ކޮމެންޓްތަކެއްގައި ފުލުހުން ކުށްވެރިންނަށް އެއްބާރުލުން ދެނީ ކަމަށް ތުހުމަތުކުރާއިރު އެއީ ސީދާ ތެދެކޭ ނުވަތަ ދޮގެކޭ ވެސް ބުނާކަށް ނޭނގެއެވެ. ނަމަވެސް، ގިނަ ބަޔަކު އެ ތުހުމަތުކުރުމަކީ ސީރިއަސްކޮށް ވިސްނާލަން ޖެހޭ ކަމެކެވެ. އެނގޭހާ ވެސް އެއްޗަކީ ރާއްޖޭގެ ގިނަ ރަށްތަކަކީ ކުށްވެރިންގެ "ސުވަރުގެއެއް" ކަމެވެ. ޚާއްސަކޮށް މީގެ އަހަރުތަކެއް ކުރިން ވަރަށް އަމާންކޮށް އޮތް ކުދި އާބާދީގެ ރަށްތަކުގައި މިހާރު ވަނީ ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ. މަދު ކުށްވެރިއަކު ރަށްރަށުގައި އުޅެމުން, ކުރަމުން އަންނަ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން އެ ރަށްރަށުގެ އަމާންކަން ގެއްލިއްޖެއެވެ.

"މަސްތުވާތަކެތި ބޭނުންކުރުން އެއީ ކުށަކަށްނުވާ ހިސާބަށް ގޮސްފި މިހާރު. ކުދިކުދި އާބާދީ ވީމައި އެންމެންނަށް އެނގޭ ކާކު، ކީއްކަން ކުރަނީ. އެކަމަކު މަސްތުވާތަކެތި ވިއްކައިގެން އެ ބޭނުންކުރާތީ މާ ބޮޑު ކަމަކަށް މިހާރު މީހުން އެކަމެއް ނުހަދާ. ވައްކަމެއް ކޮށްފިއްޔާ ނޫނީ މާރާމާރީ ހިންގައިފިއްޔާ ކިރިޔާ ވެސް ކަންބޮޑުވަނީ. އެ ވަރަށް ރަށްރަށުގައި ކުށްކުރުން އިތުރުވެއްޖެ," އުތުރުގެ އަތޮޅެއްގެ ކައުންސިލް މެންބަރަކު ހާލަތު ކިޔައިދެއްވަމުން ވިދާޅުވިއެވެ.

މި ރިޕޯޓަށް މައުލޫމާތު ހޯދާލުމަށް ގިނަ ކައުންސިލަރުންތަކަކާ ވާހަކަދައްކާލީމެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން ފުރަތަމަ ކުރާ ޝަރުތަކީ ނަން ސިއްރުކޮށްދިނުމެވެ. އެއީ ވެސް އެ ރަށްރަށުގައި އަމާންކަން ނެތްކަމުގެ ހެއްކެކެވެ. އެއަށް ފަހު، އެ ރަށްރަށަށް ނިސްބަތްވާ މީހުންނާއި އެ މީހުންނާ ގުޅުން ހުރި އެހެން ބައެއް ކުށްވެރިން އެ ރަށްރަށަށް ދިރިއުޅުން ބަދަލުކޮށްގެން, ފާޅުގައި ހިންގަމުން އަންނަ ޖަރީމާތައް ކިޔައި ދެމުންދިޔައެވެ.

"މީހުންގެ ޅަދަރިންނަށް ވެސް މަސްތުވާއެއްޗެހި ދެނީ. ޒުވާން އަންހެން ކުދިންނާ ވެސް ބެހެނީ. މީހުންގެ އަނބިން ކައިރިއަށް ވެސް ވަންނަނީ. ރޯދައެއް ހިފަނީއެއް ނޫން. މިހެން ގޮސް އެ ހުރިހާ ކުށެއް ކުރަން ވަރަށް ފާޅުގައި އުޅެމުން އެ އަންނަނީ. މީގައި އެންމެ ކަންބޮޑުވާ ކަމަކީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ވެސް ކުޑަކުދީން އެ މީހުންގެ މަޅީގައި ޖައްސަމުން ދާތީ. ފުރަތަމަ ބޯން ދެނީ ހިލޭ. ދެން އެއާ ނުލައި ނޫޅެވޭ ވަރުވީމައި އެ ފަށަނީ އެ ކުދިންނަށް ވިއްކަން," ދެކުނުގެ ރަށެއްގެ ކައުންސިލްގެ ރައީސެއް ވިދާޅުވިއެވެ.

"އަޅުގަނޑަށް މީގައި މާ ގޯސް ބޯ މީހުންނަށް ވުރެ ވިއްކާ މީހުން. އެ މީހުންނާ ހެދި ބޮޑަށް މި މުޖުތަމައު ހަލާކު ވަނީ،"

އާބާދީ ބޮޑު ސިޓީތަކާއި ރަށްތަކާ ހިލާފަށް ކުދިކުދި އާބާދީތަކުގެ ގިނަ ރަށްތަކަކީ މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު ރާއްޖޭގައި ވަރަށް އަމާން, އޮމާން, ހަމަޖެހޭ ދިރިއުޅުމެއް ގިނަ ބަޔަކު އުޅެމުން ދިޔަ މުޖުތަމައުތަކެކެވެ. އެ މީހުންގެ މުދަލާއި އަގު ބޮޑުތަކެއްޗާއި ޅަދަރީންގެ ސަލާމަތަށްޓަކައި މާ ބޮޑު ފިކުރެއް ކުރާކަށް ނުޖެހެއެވެ. ނަމަވެސް، އެއީ މިހާރު މާޒީއެވެ. ގިނަ ރަށްރަށުގައި ކުށްކުރާ މީހުން ފާޅުގައި އުޅެމުން އަންނާތީއާ އެކު އެ ހަމަޖެހުމެއް މިއަދު ނެތެވެ. ދޭތެރެ ދޭތެރެއިން ބޮޑެތި ޖަރީމާތައް ހިންގާތީ ރައްޔިތުން ތިބެން ޖެހެނީ ސިހިސިހިއެވެ.

"ކޮންމެ މީހެއްގެ ވެސް އާއިލާއެއް އޮވޭ. ތިމާމެންގެ މީހެއް ވީމާ ކިތަންމެ ނުލަފާ ވިޔަސް އޭނާގެ އާއިލާއަށް އެ މީހަކު ދޮންފުތުވޭ. އެއީ މި ކުދިކުދި ރަށްރަށުގައި ވަރަށް ބޮޑު ކަމެއް އަދި. އެ މީހަކާ ދެކޮޅަށް އެއްޗެއް ބުނެފިނަމަ ނުވަތަ ކަމެއް ކޮށްފިނަމަ އެ އާއިލާއެއް އޭނާ ދިފާއުގައި ނުކުންނާނެ. އެ މީހުންނަށް އޭނާގެ ކުށެއް ނުފެންނާނެ. އެހެންވެ ވެސް މިނިވަންކޮށް ކުށްކުރަން އުޅެވޭ," ވަރަށް ބޮޑު ހަގީގަތެއް ހާމަކޮށްދެމުން އުތުރުގެ ރަށެއްގެ ކައުންސިލްގެ ނައިބު ރައީސަކު ވިދާޅުވިއެވެ.

މީގެ ކުރިން ދުވަހަކު ވެސް އެފަދަ ބޮޑު ކުށެއް ހިނގާފައިނުވާ ބައެއް ރަށްރަށުގައި މިހާރު މީހުން އެބަ މަރައެވެ. މި ފަހުން އއ. މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް ރަހުމު ކުޑަ އަނިޔާއެއް ދީ މަރާލާފައިވާއިރު އަދިވެސް ގާތިލެއް ނުހޯދެއެވެ. އަދި، މިދިޔަ ހޯމަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ހަމަނުޖެހުމެއްގައި ކަމަށް ތުހުމަތުކުރެވޭ މާރާމާރީއެއްގައި ލ. މާވަށުގެ ޒުވާނެއްގެ ކަރުގައި ވަޅި އަޅައި ވަނީ މަރާލައިފައެވެ.

ފުލުހުން ށ. މިލަންދޫގައި ކުރިއަށްގެންދާ އަމާން ވެށި ޕްރޮގްރާމްގެ ތެރެއިން
ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މާލޭގައި ދިރިއުޅޭއިރު ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކުރާ ކުށުގެ ގާތްގަނޑަކަށް 15 ނުވަތަ 20 ޕަސެންޓް ހިއްސާ ކުރަނީ އަތޮޅުތެރޭގައެވެ. ޖުމުލަ ނަންބަރު މަދު ނަމަވެސް އަތޮޅުތެރޭގައި ކުރާ ކުށްތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މަސްތުވާތަކެއްޗަކީ އެހެން ހުރިހާ ކުށެއްގެ މަންމަ ކަމަށްވާއިރު ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުން ވެސް އަތޮޅުތެރޭގައި މި މައްސަލަ ބޮޑުކަން ފާހަގަކުރެވެއެވެ. އަދި، ތަފާސްހިސާބުތަކުން އެހެން ވާހަކައެއް ވެސް ބުނެދެއެވެ. އަތޮޅުތެރޭގައި ހިންގާ ކުށްތަކުގެ ތެރެއިން ދައުވާކުރަން ފޮނުވާފައިވަނީ ހިނގި ކުށުގެ ގާތްގަނޑަކަށް 35 ޕަސެންޓާއި 40 ޕަސެންޓް މައްސަލައެވެ.

މައްސަލައަކީ ފުލުހުންތަ؟

ކައުންސިލަރުން ވިދާޅުވަނީ މައްސަލަ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އަބަދުވެސް ގެންނަ ކަމަށެވެ. އަދި، ކުށްކުރަނީ ކޮން ބައެއް, ކިހިނެއްކަން ވެސް ބުނެދޭ ކަމަށެވެ. ނަމަވެސް، ހުއްޓުވޭ ތަނެއް ނުފެނެއެވެ. އެހެންވެ، ގިނަ ކައުންސިލަރުންނަށް އިހުސާސް ވަނީ އެ މުޖުތަމައު އަމާން ތަނަކަށް ހެދުމުގެ ބާރު އެ މީހުންގެ އަތުގައި ނެތް ކަމަށެވެ. އެ މާޔޫސީކަން ގިނަ ކަންސިލަރުންގެ މެދުގައި ބޮޑެވެ.

ފުލުހުންގެ ޚިދުމަތް ފުޅާކޮށް, ކައިރިން ކަންކަން ބެލުމަށްޓަކައި މީގެ ދެތިން އަހަރެއް ކުރިން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ބެއިތިއްބުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެ މަޝްރޫއުގެ ދަށުން ގިނަ ރަށްރަށުގައި މިހާރު ފުލުހުން ގާއިމުވެ ތިބެއެވެ. އަދި، ކުށްކުރުން ހުއްޓުވުމަށް ތަފާތު ޕްރޮގްރާމްތައް ވެސް ހިންގައެވެ. ނަމަވެސް، ކުށްކުރުން މަދުވޭތޯއާއި ފުލުހުންނަށް ގާނޫނު ތަންފީޒު ވޭތޯ މިއީ ކޮންމެހެން ކުރަންޖެހޭ ސުވާލެކެވެ.

އަތޮޅުތެރޭ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ފުލުހުންގެ ޚިދުމަތާމެދު އިތުބާރު ދަށަށް ދިއުމަކީ ކުރީންސުރެ އޮންނަ މައްސަލައެކެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން 2022 ވަނަ އަހަރު ކުރިއަށް ގެންދިޔަ ޕޮލިސް ޕާސެޕްޝަން ސާވޭއިން ދައްކާގޮތުގައި ޖަވާބުދާރީވުމާއި އިންސާފުވެރިކަމާއި ދެފުށް ފެންނަގޮތަށް މަސައްކަތް ކުރުން ފަދަ ދާއިރާތަކުން ގިނަ ބައިވެރިން ވަނީ ފުލުހުންނަށް ދަށް ރޭޓިންއެއް ދީފައެވެ. އެ ރިޕޯޓް ބުނާގޮތުން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރުން މަދުވާ ސަބަބުތަކުގެ ތެރޭގައި ބަދަލުހިފުމުގެ ބިރު އޮތުމާއި ސިޔާސީ ނުފޫޒު ފޯރުވުމާއި ގާނޫނީ ގޮތުން ހޭލުންތެރިކަން އާއްމުންގެ ދަށްވުން ވެސް ހިމެނެއެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ޖުޑީޝިއަރީ ކޮމިޓީގެ މުގައްރިރުކަން ކުރެއްވި, އަދި ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވި ގޮތުގައި ރަށްރަށުގައި މިނިވަންކޮށް ކުށްކުރަން މީހުން ދޫވެފައި ތިބޭ ތިބުން ގުޅިފައިވަނީ ގާނޫނު ތަންފީޒުނުކުރެވުމާއެވެ. ކުށްވެރިން ނުހުއްޓުވެނީ ގާނޫނު ނެތިގެން ނޫން ކަމަށް ސިރާޖު ވިދާޅުވިއެވެ.

"ފުލުހުން މާ ބޮޑަށް ދޫދެނީ އަސްލު. ކޮމިއުނިޓީ ކުޑަވީމާ ކަމަށް ވެސް ވެދާނެ. ގާނޫނު ނެތީއެއް ނޫން. ހަގީގަތަކީ ކުށްވެރިން ހުއްޓުވޭ ވަރަށް ގާނޫނު އެބަހުރި ރާއްޖޭގައި ހަދާފައި. ހަގީގަތަކީ އެޓެންޑް ނުވެވޭކަން," ބޮޑެތި ކޭސްތަކުގައި މަސައްކަތް ކުރައްވާފައިވާ ވަކީލް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ގަބޫލު ކުރައްވާގޮތުގައި މި މައްސަލައަށް އޮތް ހައްލަކީ ކުށްކުރުން ހުއްޓުވުމުގެ ޒިންމާ އޮތް ފުލުހުންގެ އިދާރާ ހަރުދަނާ ކުރުވުމެވެ.

"ފުލުސް އޮފީސް މީގައި ރަނގަޅު ވާން ޖެހެނީ. ފުލުސް އޮފީސް ރަނގަޅު ވީމާ މިކަން ރަނގަޅުވާނެ. ތަހުގީގު ހިންގާއިރު ވަރަށް ގޯސް އެބަހަދާ. އެވިޑެންސް ކަލެކްޓިންގައި ވެސް ގޯސް ހަދާ،" ސިރާޖު ވިދާޅުވިއެވެ.

ކުށްވެރިން ހައްޔަރުކުރަން ކޯޓުތަކުން އަމުރުތައް ނުދޭ ވާހަކައާއި ހުކުމް ސާބިތުނުވާ ވާހަކަ ސިރާޖު ގަބޫލެއް ނުކުރައްވައެވެ. އެކަށީގެންވާ ހެއްކާއެކު ހުށަހަޅައިފިނަމަ ގިނަ ފަހަރަށް ކޯޓްތަކުން އަމުރު ވެސް ދޭ ކަމަށާއި އަދި ކުށް ސާބިތު ވެސް ވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ވަރަށް ތަޖުރިބާކާރު ގާނޫނީ ވަކީލަކާ މި ސުވާލު ކުރުމުން ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި މި މައްސަލަ ގުޅެނީ ކޯޓުތަކުގެ ސުޕީޑާއެވެ. ގިނައިން ކުށްކުރާ މީހުން މުޖުތަމައަށް ދޫވެފައި ތިބެނީ ކޯޓުތަކުން އެ މީހުންގެ މައްސަލަ ނުނިމި ދިގުލައިގެންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގައި ފުރަތަމަ ކަމަކީ ކޯޓުން މައްސަލަ ނިންމުން. ދެވަނަ ކަމަކީ ހުކުމް ތަންފީޒުކުރުން. އަދަބު ކުޑަވުމާއި ބޮޑުވުމާ އެއީ ކުށްކުރުން ތަކުރާރުވުމާ ގުޅޭ ކަމެއް ނޫން," ތަޖުރިބާގެ އަލީގައި އޭނާ ވިދާޅުވިއެވެ.

"ކުށް ތަކުރާރު ކުރުން ގޮސް ގުޅެނީ ސިސްޓަމުން އެ މީހުން ޓޮލެރޭޓް ކުރަން ރެޑީވެފައި އޮތް މިންވަރާ. ނުވަތަ ސިސްޓަމްގެ ނަހަމަ ބޭނުން ކުރަން ފުރުސަތު ހުރި މިންވަރާ. މިސާލަކަށް ކޯޓުގައި މައްސަލަ ނުހިނގާނެކަން އެނގޭނަމަ ސިސްޓަމް ދެކެ ބިރެއް ނުގަންނާނެ."

އޭނާ ވިދާޅުވި ގޮތުގައި ކުށްކުރާ މީހުން ސިސްޓަމް ދެކެ ބިރު ނުގަންނަ އަނެއް ސަބަބަކީ ކޯޓުގައި އޮތް މައްސަލަ ލަސްކޮށްގެން, ހެކިންގެ ހެކިބަސް ނުދެވޭ ގޮތަށް ބިރު ދެއްކޭނެކަން އެނގުމެވެ. ހަމައެހެންމެ ހުކުމެއް ސާބިތުވެއްޖެނަމަ މަޖިލިސް މެންބަރު ކައިރި ބުނެގެން މިނިވަންވެވޭނެކަން އެނގުމަކީ ވެސް ސިސްޓަމް ދެކެ ބިރު ނުގަންނަ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކަން ކަށަވަރު ވަނީ ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައްސަލަތައް ހިނގާތީ. އެ ބާވަތުގެ މައްސަލައެއް ސިސްޓަމްގައި ނުހިނގައިގެން ނޫޅޭ ނޫންތޯ. ބަންދުން ދުލެއް ވެސް ނުކުރޭ. ހުކުމް ވެސް ކުރޭ. ތަންފީޒު ވެސް ވޭ. މަޖިލިސް މެންބަރަށް ނުކެރޭ އޭގެން މީހަކު ދޫކޮށްލަ ދޭން ހިނގާކަން ވެސް،" އޭނާ ވިދާޅުވިއެވެ.

ކައުންސިލަރުންގެ ފަރާތުން އެނގުނު ގޮތުގައި ރަށްރަށުގައި މިނިވަންކޮށް ކުށްވެރިންނަށް އުޅެވޭ މައިގަނޑު އެއް ސަބަބަކީ ސިޔާސީ މީހުންގެ ނުފޫޒެވެ. ވޯޓުގެ ބޭނުމަށް ކުށްވެރިން މިނިވަން ކޮށްދިނުމާއި އެ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމާއި ކުރާ ކުށް ތަހުގީގު ކުރިޔަނުދީ ސިޔާސީ މީހުން ފާޅުގައި ނުފޫޒު ފޯރުވަނީއެވެ. ނަތީޖާއަކަށް ވަނީ ކިތަންމެ ބޮޑު އަދި ގިނަ ކުށްތަކެއް ކުރިނަމަވެސް އަބަދު ނުލިބި މުޖުތަމައަށް ދޫވެފައި ތިބުމެވެ.

މި ރިޕޯޓަށް ފުލުހުންގެ ރަސްމީ ބަހެއް ހޯދާލުމަށް މަސައްކަތް ކުރިނަމަވެސް އަދި ވަނީ ކޮމެންޓެއް ލިބޭގޮތް ނުވެފައެވެ.

ރަށްރަށުގައި ކުރާ ކުށްތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މިވަނީ ޖެހިފައެވެ. އެކަމަކު އެކަން ވާނީ ވަށާ ޖެހޭ ގޮތަށް މުޅި މައްސަލަ ހައްލުވެގެންނެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮމިއުނިޓީ ޕޮލިސިން އިނީޝިއޭޓިވްސް އިތުރަށް ހަރުދަނާކުރުމެވެ. އެގޮތުން، ރަށްރަށަށް ރަނގަޅު ތަމުރީނު ލިބިފައިވާ އޮފިސަރުން ފޮނުވުމާއި ކައުންސިލްތަކާއި ރައްޔިތުންނާ އެކު ގުޅުން ބަދަހިކުރަން ޖެހެއެވެ. ލާމަރުކަޒީ ގާނޫނުތަކުން ކައުންސިލްތަކަށް ބާރުތައް ދީފައިވީ ނަމަވެސް، ކުށްކުރުން ހުއްޓުވުމަށާއި މުޖުތަމައުގައި އަމާންކަން ގާއިމުކުރަން އެހީތެރިވުމަށް އިތުރު ގާނޫނީ ބާރުތަކާއި ވަސީލަތްތައް ފޯރުކޮށްދޭން ޖެހެއެވެ. ހަމައެހެންމެ ފުލުހުންނަށް ނުފޫޒު ފޯރުވުމަށް ހުރި މަގުތައް ބަންދުކުރަންޖެހެއެވެ. ސިޔާސީ ނުފޫޒުން އެއްކިބާވެގެން ގާނޫނުގެ ކުރިމަތީ އެންމެން ހަމަހަމަކުރަން ޖެހެއެވެ.

އަތޮޅުތެރޭގެ އަމާން ދިރިއުޅުމުގައި އުޅެމުން ދިޔަ ރައްޔިތުން މިއަދު ބިރުން ސިހިސިހި ތިބުމަކީ އަވަސް ހައްލެއް ބޭނުންވާ ކަމެކެވެ. ގިނަ ސަބަބުތަކަކާ ހުރެ ކުށްވެރިން އެ ރަށްތަކަށް ނުފޫޒު ފޯރުވައިފިއެވެ. މަދު ބަޔަކާ ހެދި ގިނަ ބަޔަކު ތިބެން ޖެހިފައިވަނީ ބިރުވެރިކަމެއްގައެވެ. މި ކަމަށް އަވަސް ހައްލެއް ބޭނުންވެއެވެ.

comment ކޮމެންޓް