މިކްސް މެޑްލޭ ޓީމުވެސް ފެތުމުގެ ގައުމީ ރިކޯޑު އައުކޮށްފި

މިކްސް މެޑްލޭ ޓީމުގައި ހިމެނޭ ހަތަރު ފެތުންތެރިން---

ދުނިޔޭގެ އެންމެ ބޮޑު ފެތުމުގެ މުބާރާތުގައި ރާއްޖޭގެ މިކްސް މެޑްލޭ ޓީމުވެސް ގައުމީ ލޯންގްކޯސް ރިކޯޑު އައުކޮށްފިއެވެ.

ސިންގަޕޫރުގައި ކުރިއަށްދާ 22ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގައި ހަތަރު ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ޓީމު ރެކޯޑް ހެދީ، 4:40.23 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިއީ ކުރިން އޮތް ރެކޯޑަށް ވުރެ 8.28 ސިކުންތު އަވަސް ޓައިމިންއެކެވެ. މި ޓީމުގައި ހިމެނެނީ ރިހާން އާއި އާންގެ އިތުރުން، މުބާރާތުގައި ދެން ވާދަކުރާ އަންހެން ދެ ފެތުންތެރިން ކަމަށްވާ މެރާލް އައިން ލަތީފާއި އަމްނާ ތަޒްކިޔާ މިރުސޯދު (ތަޒްކީ)އެވެ.

މިކްސްޑް މެޑްލޭ އިވެންޓުގެ ރެކޯޑް އެންމެ ފަހުން އާކުރީ 2023ވަނަ އަހަރެވެ. އެ އަހަރު މި ރެކޯޑް ދެ ފަހަރު ހެދި އެވެ. ފުރަތަމަ އެ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި، 2019ވަނަ އަހަރުގެ ރެކޯޑެއް މުގުރާލިއިރު، 19ވަނަ އޭޝިއަން ގޭމްސްގައި މުބާލް އައްޒާމް އިބްރާހީމް، އިމްއާން އަލީ، ހަމްނާ އަހްމަދު އަދި ހަނާން ހުސައިން ހަލީމް ވަނީ 04.48.51އިން ފަތާފައެވެ.

މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ވާދަކުރި ފަސް އިވެންޓުން ވެސް ގައުމީ ރެކޯޑް އާކޮށްފައެވެ.

comment ކޮމެންޓް