މިދިޔަ ހަފުތާގައި ސްކޭމްގެ 41 މައްސަލަ، ތިން ލައްކައަށްވުރެ ބޮޑު ގެއްލުމެއް

މާލޭ މަގުމަތި: މިދިޔަ ހަފުތާގައި ސްކޭމްގެ 41 މައްސަލަ، ތިން ލައްކައަށް ވުރެ ބޮޑު ގެއްލުމެއް -- ފޮޓޯ/ މޫސާ ނަދީމް

މިދިޔަ ހަފުތާގައި ސްކޭމްގެ 41 މައްސަލައެއް ފުލުހަށް ހުށަހަޅާފައި ވާއިރު، އެ މައްސަލަތަކުގައި 372،000 އަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިރޭ ވަނީ ވޭތުވެދިޔަ ހަފުތާގައި ރިޕޯޓުކުރި ސްކޭމްތަކުގެ މައުލޫމާތު ހާމަކޮށްފައެވެ. މިދިޔަ މަހު ސްކޭމުގައި ގެއްލުނު ފައިސާގެ ތެރެއިން ހޯދިފައި ވަނީ 163،996.82 ރުފިޔާކަން މި މައުލޫމާތުން އެނގެއެވެ.

އެއީ ގެއްލުނު ފައިސާގެ 37.8 ޕަސެންޓެވެ.

އެންމެ ގިނައިން ފުލުހުންނަށް ނިމިދިޔަ ހަފުތާގައި ހުށަހެޅީ ޝަޚުސު އޮޅުވާލައިގެން ސްކޭމްކުރި މައްސަލަތަކެވެ. އެގޮތުން ޝަޚުސު އޮޅުވާލައިގެން ސްކޭމްކުރި 15 މައްސަލައެއް ހުށަހެޅިއިރު، އޮންލައިން ވިޔަފާރީގެ ސްކޭމްތަކުގެ 13 މައްސަލައެއް، ބޭރު ފައިސާ ބަދަލުކުރުމުގެ ސްކޭމްތަކުގެ ހަ މައްސަލައެއް، ފިޝިންގެ ދެ މައްސަލައަކާއި އެހެނިހެން ފަސް މައްސަލައެއް ހުށަހަޅާފައިވެއެވެ.

އެހެންކަމުން މިއީ ކުރީ ހަފުތާ އާ އަޅާބަލާއިރު 160،600.53 ރުފިޔާ އިތުރު އަދަދެކެވެ.

ފުލުހުން ވަނީ، ސްކޭމުން ރައްކާތެރިވުމަށްޓަކައި ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި، އެޕްތަކުގައި ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށާއި، ފައިސާދިނުމުގެ ކުރިން އެ ދެވެނީ ރަނގަޅު މީހަކަށްތޯ ކަށަވަރުކުރަން އެދިފައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފުލުހުންގެ އެމާޖެންސީ ނަންބަރު 911އާއި އެންޓި-ސްކޭމް ހޮޓްލައިން 125އަށް ގުޅައިގެން ރިޕޯޓުކުރެވޭނެއެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަފާތު އުކުޅުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިފަހުން ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތަކަށް ޚާއްސަކޮށް، ފުލުހުން އެންޓި ސްކޭމް ސެންޓަރެއް އުފެއްދީ މިދިޔަ މާރިޗު 17ގައެވެ.

comment ކޮމެންޓް