ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ރައީސް ނިންމަވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިރޭ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.
އެހެންކަމުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ދަންނަވާފައި ވާކަމަށް އެ ޕޯސްޓުގައި ވެއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ރިމާންޑް ސެންޓަރުތައް ގާއިމްކޮށް، ފަރުވާގެ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތް ކުރާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރު ތެރޭ 600 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނެވެ. ނަމަވެސް، އެއާ ޚިލާފަށް ފާއިތުވި 2024ވަނަ އަހަރު 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި ބޯޑަރުތަކުން މަސްތުވާތަކެތި އެތެރެކުރަން ގެންގުޅޭ މަގުތައް ވެސް މިހާރު ބަންދުކޮށްފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
ރާއްޖޭގައި މީގެ 14 އަހަރުކުރިން އަމަލުކުރަން ފެށި މަސްތުވާތަކެތީގެ ޤާނޫނުގައިވާ ގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ އަދަބަކީ 10 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން އުމުރަށް ޖަލަށްލުމެވެ.
މަސްތުވާތަކެތި ޕެޑްލްކުރާ މީހުންގެ އަދަބަކީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލައި 10،000ރުފިޔާ އާއި ދޮޅުލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި މަސްތުވާތަކެތިން މުއާމަލާތުކުރާ މީހުންގެ އަދަބަކީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލައި، 25،000ރުފިޔާ އާއި ބައިމިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައި ވާފަދައިން މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާކަމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ އާއި އީރާނާއި ސައޫދީ އަރަބިއްޔާ އާއި ސިންގަޕޫރާއި އިންޑޮނީޝިއާ އާއި ވިއެޓްނާމެވެ.
މީގެ އިތުރުން މެލޭޝިއާ އާއި ތައިލޭންޑާއި އެކުވެރި އަރަބި އިމާރާތާއި އަވަށްޓެރި ބަންގްލަދޭޝާއި ޕާކިސްތާނުގައި ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒުކުރެއެވެ. އެކަމަކު މެލޭޝިއާގައި މަރުގެ އަދަބު މިހާރު އިޚްތިޔާރީ އަދަބަކަށް ބަދަލުކޮށްފައިވާއިރު، ތައިލޭންޑާއި ޕާކިސްތާނުގައި މަރުގެ އަދަބު މިހާރު ދެނީ ވަރަށް މަދުންނެވެ.
މަސްތުވާތަކެއްޗާ ގުޅޭ ބޮޑެތި މައްސަލަތަކުގައި ބަންގްލަދޭޝްގައި މަރުގެ އަދަބު ދެއެވެ.