ކުރިމަތިލި މީހުންގެ ނަންތައް ހާމަކުރިތާ އިރުކޮޅެއްގެ ތެރޭގައި ހައިކޯޓަށް ފަނޑިޔާރުން ނަގައިފި

ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާދަމް

ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ހާމަކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހައިކޯޓަށް ދެ ފަނޑިޔާރުން ނަގައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ މީހަކު ނަގަން އިއުލާން ކުރީ، ޖުލައި 10 ވަނަ ދުވަހުއެވެ. އެ އިއުލާންގެ މުއްދަތު ޖުލައި 16 ވަނަ ދުވަހަށް ހަމަވިއިރު، ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލީ މީހުންގެ ނަންތައް ހާމަނުކޮށް އޮތުމަށް ފަހު، އެ ނަންތައް ހާމަކުރީ، އިއްޔެ އެ ފަރާތްތަކާ އިންޓަވިޔު ކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

އިއްޔެއާއި ރޭ ކުރިއަށް ދިޔަ އިންޓަވިޔުތަކަށް ފަހު، އޭގެތެރެއިން ދެ ފަނޑިޔާރަކު ހައިކޯޓަށް އައްޔަން ކުރަންވަނީ ރޭ ނިންމާފައެވެ.

އެކި މަސްދަރުތަކުން "ސަން" އަށް އެނގިފައިވާ ގޮތުގައި ހައިކޯޓަށް އައްޔަން ކުރަން ނިންމި ފަނޑިޔާރުންގެ ތެރެއިން އެކަކީ ދަށު ކޯޓެއްގެ ފަނޑިޔާރެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ދެވަނަ މީހަކީ ވެރިކަން ކުރާ ޕީއެންސީގެ ހަރަކާތްތަކުން ފެނިފައިވާ އަދި ސިޔާސީ މަގާމެއް ފުރަމުން ދިޔަ މީހެއް ކަމަށް ވެސް ވަނީ އެނގިފައެވެ.

ނަމަވެސް މިހާތަނަށް ޖޭއެސްސީއިން ވެސް އަދި ހައި ކޯޓުން ވެސް އެ ދެ ފަނޑިޔާރުންގެ ނަންތައް ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ޖޭއެސްސީން އަމަލު ކުރަމުން އައި ގޮތަކީ ފަނޑިޔާރުކަމުގެ މަގާމްތަކަށް އިއުލާން ކުރުމަށް ފަހު، އިއުލާންގެ މުއްދަތު ހަމަވުމުން، ކުރިމަތިލީ މީހުންގެ ނަންތައް އިއުލާން ކުރުމެވެ. ކުރިމަތިލީ ފަރާތްތަކާ ޖޭއެސްސީން އިންޓަވިއުކުރަނީ އެ އެންމެންގެ ނަންތައް އާއްމުކޮށް އިއުލާން ކުރުމަށް ފަހުއެވެ. މި ފަހުން ސުޕްރީމް ކޯޓުން ދެ ފަހަރެއްގެ މަތިން ހުސްވި ތިން ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައްވެސް ޖޭއެސްސީން އިއުލާން ކުރިއެވެ.

އެކަމަކު ކުރިއާ ހިލާފަށް މި ފަހަރު ހައިކޯޓަށް ފަނޑިޔާރުން ނެގުމުގައި ޖޭއެސްސީން ނަންތައް ހާމަކުރީ އިންޓަވިޔުއަށް ވަގުތުތައް ކަނޑައަޅައި ހުރިހާ ކަމެއް ނިންމައި، އިންޓަވިޔުކުރުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

ހައިކޯޓަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ޖޭއެސްސީން އިއުލާން ކުރުމުގެ ކުރިން، އެ ނަންތައް ސޯޝަލް މީޑިއާގައިވަނީ އެކި ގޮތްގޮތުން ލީކުވެފައެވެ. ޖޭއެސްސީން ރޭ އިއުލާން ކުރި 18 މީހުންގެ ލިސްޓު އެ ހުރި ގޮތަށް ކުރިން އޮތީ އާއްމުވެފައެވެ. އެކަމަކު ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޖޭއެސްސީގެ މެންބަރު އަލީ އަބްދުއްލަތީފު ނަން ނެގިކަން ރަސްމީކޮށް އެނގުނީ ޖޭއެސްސީގެ އިއުލާނުންނެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލީ މީހުން

1- އަހްމަދު ނައުޝާދު

2- ހާފިޒާ އަބްދުއްސައްތާރު

3- އަޝްފާގު ނައީމް

4- މުހައްމަދު ފައްވާޒު

5- އަހްމަދު ޝުކޫރު

6- އިބްރާހިމް އަލީ

7- އިބްރާހީމް ނާސިހް

8- މުހައްމަދު ޝަހީދު

9- ހަސަން ފަހީމް އިބްރާހީމް

10- އާދަމް އާރިފް

11- މުހައްމަދު ޒާހިދު

12- ޝުޖާއު އުސްމާނު

13- އަހްމަދު ތައުފީގު

14- އަލީ އަބްދުއްލަތީފު

15- ސުލައިމާން މުހައްމަދު

16- މުހައްމަދު އިބްރާހީމް

17- ޢަބްދުﷲ ޖަމީލް މޫސާ

18- މުހައްމަދު ރާގިބު އަހްމަދު

comment ކޮމެންޓް