ވެރިކަން ކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި، އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި މި ފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން، ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމީ، ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލީ 18 މީހުންގެ ތެރެއިންނެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް، ޝަހީދުއާއެކު ދެން އައްޔަންކުރަން ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ.
ހައިކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ނިންމި ޝަހީދައަކީ، މި ހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ޝަހީދުގެ ފޭސްބުކްގައި، އެ ދުވަހު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ވަކިވެވަޑައިގެންނެވި ކަން ޝަހީދު ހާމަ ކުރައްވާފައިވެއެވެ. ހައިކޯޓަށް ފަނޑިޔާރުން ހޯދަން ޖޭއެސްސީން އިއުލާން ކުރީ އެ ދުވަހުއެވެ.
ޝަހީދަކީ މިދިޔަ ރިޔާސީ އިންތިހާބު އަދި އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައިވެސް މިހާރު ވެރިކަން ކުރާ ޕީއެންސީއަށް ވަރުގަދައަށް ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ. އަދި ހޯމް މިނިސްޓަރީގެ ނައިބު ކަމުގެ މަގާމުގައި ހުންނަވައިގެން، ސަރުކާރު ދިފާއު ކުރުމުގައި އެކިއެކި ޕްލެޓްފޯމްތަކުގައި ވަރުގަދައަށް ވަކާލާތު ކުރެއްވި ސިޔާސީ ބޭފުޅެކެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އަދި ޖަމީލް އައްޔަން ކުރީ އެ މަގާމަށް ކުރިމަތިލީ 18 ބޭފުޅުންގެ ތެރެއިންނެވެ.
ރައީސް މުއިއްޒުގެ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުން ހިމެނެއެވެ. ނަމަވެސް ސަރުކާރުގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކި ކުރި ކުރުމާއެކު ވެސް ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާ ކަމުގެ އަޑުތައް ވަނީ އިތުރުވެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ހުސްނުއްސުއޫދު ވަކި ކުރިއިރު މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ ސުއޫދަކީ ކުރިން އެމްޑީޕީގައި އުޅުއްވި ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާފައިވާ ބޭފުޅުން ފަނޑިޔާރުންގެ މަގާމުގައި ތިބެގެން ނުވާނެ ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން އޭރު ވިދާޅުވިއެވެ.