އިންޑިއާގެ މަޝްހޫރު ޕަބްލިކް ޕްރޮސެކިއުޓާ އުޖްވަލް ނިކަމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބަޔޮޕިކްގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެކްޓަރު ރާޖްކުމާރު ރާއޯ އުޖްވަލް ނިކަމްގެ ރޯލް ކުޅޭ މި ފިލްމަކީ އިންޑިއާގެ މުމްބާއީއަށް ދިން 26/11ގެ ޓެރަރިޒަމްގެ ހަމަލާތަކާ ގުޅުންހުރި ބޮޑު ބައެއް ހިމަނައިގެން ގެނެސްދޭ ފިލްމެކެވެ. މީގެ އިތުރުން، 1993 ވަނަ އަހަރު ބޮމްބޭއަށް ދިން ބޮމުގެ ހަމަލާއާއި 2008 ވަނަ އަހަރު މުމްބާއީގެ ރޭލަކަށް ދިން ހަމަލާތަކާ ގުޅިގެން ކުރިއަށްދިޔަ ގާނޫނީ މައްސަލަތައް މި ފިލްމުގައި ގެނެސްދޭން ވަނީ ނިންމާފައެވެ.
ފިލްމުގައި ރާޖްކުމާރު ރާއޯ ކުޅޭ ރޯލަށް ތައްޔާރުވުމުގެ ޚާއްސަ އެކްޓިން ވޯކްޝޮޕްތަކެއް އެކްޓަރު ފުރިހަމަކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ޕްރޮސެކިއުޓަ އުޖްވަލް ނިކަމް--ފޮޓޯ/ފޭސްބުކް
ފިލްމުގައި ރާޖް ފެންނާނީ ޕްރޮސެކިއުޓަރުގެ ރޯލުން ކަމަށްވާތީ ޤާނޫނީ ވަކީލެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ކަމެއް ރާޖްގެ އެކްޓިންއިން ބެލުންތެރިންނަށް ދައްކަންޖެހޭތީ އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
މެޑްޑޮކް ފިލްމްސްއިން ދިނޭޝް ވީޖަން ޕްރޮޑިއުސްކޮށް އަވީނާޝް އަރުން ޑައިރެކްޓްކުރާ މި ބަޔޮޕިކް އެންމެ ފުރަތަމަ ހުށަހެޅި އެކްޓަރު އާމިރު ޚާނަށެވެ.
ނަމަވެސް، އާމިރުގެ ޝެޑިއުލް ހުރިގޮތުން އެހެން ފިލްމީ މަސައްކަތްތަކަކަށް މާ ކުރިން އެއްބަސްވެފައިވާތީ ފިލްމު ފަހުން ހުށަހެޅީ ރާޖްކުމާރު ރާއޯއަށެވެ. ރާޖަކީ ކުރިން ވެސް ޕްރޮޑިއުސަރު ދިނޭޝާ އެކު މެޑްޑޮކް ފިލްމްސްގެ މަޝްހޫރު ފްރެންޗައިސް "އިސްތިރީ"ގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ.
އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އިންޑިއާގެ ކުޅަދާނަ ޕަބްލިކް ޕްރޮސެކިއުޓަރު އުޖްވަލް ނިކަމްއަކީ އިންޑިއާގައި ހިނގާފައިވާ ބޮޑެތި ޓެރަރިޒަމުގެ ހާދިސާތަކާ ގުޅިގެން ކުރިއަށްދިޔަ ޤާނޫނީ މަސައްކަތްތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ޤާނޫނީ ޝަހުސެކެވެ.