ބޮލީވުޑް ތަރިން ކަމަށްވާ ސިދާތް މަލްހޯތުރާ އާއި ޖާންވީ ކަޕޫރު އެކީގައި ކުޅޭ ފިލްމު "ޕަރަމް ސުންދަރީ"ގެ ފުރަތަމަ ލަވަ ރިލީޒް ކުރުމާ އެކު ގިނަ ބައެއްގެ ތައުރީފު އެ ލަވައަށާއި ލަވައިގެ މިއުޒިކަށް ވަނީ ލިބިފައެވެ.
މި ފެށޭ އޮގަސްޓް މަހުގެ 29ގައި ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމުގެ ލަވަ "ޕަރުދޭސިއާ"އިން ބެލުންތެރިންނަށް ހަނދާންކޮށްދިނީ 1992 ވަނަ އަހަރު ރިލީޒްކުރި ތަމަޅަ ރޮމޭންޓިކް ތުރިލާ "ރޯޖާ"ގެ ލަވަ "ޔޭ ހަސީން ވާދިޔާ" ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މަޝްހޫރު މިއުޒިކް ކޮމްޕޯސަރުން ކަމަށްވާ ސަޗިން-ޖިގަރު މި ލަވައިގެ ލިރިކްސް ލިޔެފައި ވަނީ ރީތި ހިތްގައިމު ލަވަތަކެއް ފިލްމުތަކަށް ލިޔެދީފައިވާ ޅެންވެރިޔާ އަމީތާބް ބަޓާޗާރިއާއެވެ.

ފިލްމު "ޕަރަމް ސުންދަރީ"ގެ މަންޒަރެއްގައި ޖާންވީ އާއި ސިދާތު--ފޮޓޯ/ފޭސްބުކް
އިންޑިއާގެ ކާމިޔާބު ލަވަކިޔުންތެރިޔާ ސޯނަމް ނިގަމް އާއި ކްރިޝްނާކާލީ ސަހާގެ އަޑުން ކިޔާފައިވާ މި ލަވަ އަކީ ސޯނު ނިގަމްގެ ރީތި ލަވައަކަށް ގިނަ ބަޔަކު ކުރަމުން އައި އިންތިޒާރީއަށް ނިމުން ގެނެސްދިން ލަވައެއް ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
މި ފިލްމުގެ ލަވަ "ޕަރުދޭސިއާ" ރިލީޒްކުރުމާ އެކު މިއީ ޖަޒުބާތުން ފުރިގެންވާ ވަރަށް ފުރިހަމަ ލަވައެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މި ލަވައަށް ތައުރީފުކޮށްފައެވެ.
ބެލުންތެރިންނެކޭ އެއްގޮތަށް "ޕަރަމް ސުންދަރީ"ގެ މި ލަވައަކީ ލަވަކިޔުންތެރިޔާ ސޯނޫއަށް ވެސް ވަރަށް ހާއްސަ ލަވައެއް ކަމަށް ކުޅަދާނަ ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.
މި ލަވައަށް ލިބެމުން އަންނަ ތަރުހީބާ އެކު އެ ހާއްސަކަން އެތައް ގުނައެއް އިތުރުވެއްޖެ ކަމަށާއި މި ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ލަވައިގައި ފެންނަ ދެ ތަރިންގެ ކެމިސްޓްރީ ކަމަށް ސޯނޫ ވަނީ ބުނެފައެވެ.
ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ "ޕަރަމް ސުންދަރީ"އަކީ މެޑްޑޮކް ފިލްމްސްއިން ޕްރޮޑިއުސަރު ދިނޭޝް ވީޖަން ގެނެސްދޭ ފިލްމެކެވެ. މިއީ ސިދާތު އާއި ޖާންވީ އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.