ސޯޝަލް މީޑިއާ މެސެޖިން އެޕްލިކޭޝަން ޓެލަގްރާމްގައި "ޖަޒީރާ" އާއި "ޖަޒީރާ ގާލްސް" އާއި "ޖަޒީރާ އެސްކޯޓު ގެލެރީ" ނަމުގައި ޗެނަލްތަކެއް ހަދައި ގާނޫނާ ހިލާފު އަމަލުތައް ކުރަމުން ދިޔަ މީހަކު ބައި މިލިއަނެއްހާ ރުފިޔާއިން ޖޫރިމަނާކޮށް ހަތަރު އަހަރަށް ޖަލަށްލާން ކުރިމިނަލް ހުކުމްކޮށްފިއެވެ.
"ޖަޒީރާ އެޑްމިން" ގެ ނަމުގައި ޓެލެގްރާމް ޔޫސާއެއް ކްރިއޭޓްކޮށް، ޓެލެގްރާމްގައި "ޖަޒީރާ"، "ޖަޒީރާ ގާލްސް" އަދި "ޖަޒީރާ އެސްކޯޓު ގެލެރީ" ނަމުގައި ތިން ޗެނަލެއް އުފައްދައި އަދި އެ ޗެނެލްތައް މެދުވެރިކޮށް މަސްތުވާތަކެއްޗާއި ހަށި ވިއްކުމުގެ ވިޔަފާރި އިޝްތިހާރު ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރީ ދރ. 12966، އިބްރާހިމް ރަޝީދު ކިޔާ މީހެއްގެ މައްޗަށެވެ.
މި މައްސަލަތަކާ ގުޅިގެން އިބްރާހިމް ރަޝީދުގެ މައްޗަށް ހަތަރު ދައުވާކޮށްފައިވެއެވެ. އެއީ ހަޑި ހުތުރު އެއްޗެއް ރައްދު ކުރުމުގެ ކުށުގެ ދައުވާ، މަނީ ލޯންޑްރިންގެ ދައުވާ، މީހަކު ލައްވާ ހަށި ވިއްކުވުމުގައި އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ، އަދި މީހަކު ހަށި ވިއްކައިގެން ލިބޭ އާމްދަނީ ކަން އެނގި ހުރެ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.
މި މަހުގެ 16 ވަނަ ދުވަހު އޭނާގެ މައްޗަށް މި ވަނީ ހުކުމް އިއްވައިފައެވެ. އޭގެތެރެއިން މިހާތަނަށް ސާބިތުވެފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި މީހަކު ލައްވާ ހަށި ވިއްކުވުމުގައި އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލަތަކާ ގުޅިގެން އިބްރާހީމް ރަޝީދު ވަނީ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު އިއުތިރާފް އެއްބަސްވުމެއް ހަދާފައެވެ.
މި މައްސަލަތަކުގެ ތެރެއިން ހަށި ވިއްކުވަން އެހީތެރިވެދިނުމުގެ ދައުވާ ސާބިތުވެ އޭނާއަށް އިއްވީ އެއް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. މަނީ ލޯންޑާކުރިކަން ސާބިތުވެ އޭނާގެ މައްޗަށް އިއްވީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އަދި، 462،637.61ރ. އިން ވަނީ ޖޫރިމަނާކޮށްފައެވެ.
ޖަޒީރާ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަގައި އިބްރާހީމް ރަޝީދުއާއެކު، ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ އަލީ އާއި ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމްވެސް ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރިއެވެ.
ފުލުހުން މި ޗެނަލްތައް އަތުލައިގަނެ ހުއްޓުވާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. އޭރު އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި 5000 އަށްވުރެ ގިނަ މީހުން ތިއްބެވެ.