އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސްއިން އުމްރާއަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލައިގެން ލަނޑު ދީފައިވާ މައްސަލައިގައި، އެ ކުންފުންޏަށް މީހުން އުމްރާއަށް ގެންދިޔުމަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި، ޖޫރިމަނާކޮށް، ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ތުހުމަތު ކުރެވޭ ގޮތުގައި މިއީ އެ ޖަމާއަތުން ބަޔަކަށް މި ގޮތަށް ލަނޑުދިން ތިންވަނަ ފަހަރެވެ.
އަސްކޮއި ގްރޫޕުގެ ހަމަ މިފަދަ މައްސަލައެއް މި އަހަރުގެ މެއި މަހު ވެސް ފެންމަތިވިއެވެ. އެފަހަރު މައްސަލަ ބެލުމަށް ފަހު, އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް, 130،000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރިއެވެ.
އެފަހުން އަނެއްކާވެސް އަސްކޮއި ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާން ފައިސާ ދެއްކި ބަޔަކު އެ ގްރޫޕުން އުމްރާއަށް ނުގެންދިޔަކަމަށް ބުނާ މައްސަލައެއް ފެންމަތިވީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަސްކޮއި ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިއުމަށްޓަކައި ފައިސާ ދައްކާފައި ވަނިކޮށް، އެ ގްރޫޕުން އުމްރާއަށް ފުރަން ހަމަޖެހިފައިވާކަން އެންގުމަށްފަހު، މިވަގުތު ސައުދީ އަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށާއި، ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރުކުރަން ކުންފުނިން ބޭނުންނުވާކަމަށް ބުނެ އުމްރާ ފަސްކޮށްފައިވާކަން އެންގި ކަމަށެވެ.
އެއާއެކު އެ ދަތުރަށް ފައިސާ ދައްކާފައިވާ މީހުން އެކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ. އަދި ފައިސާ ދައްކާފައިވާ މީހުން، އަސްކޮއި ގްރޫޕަށް ހުށަހަޅާފައިވާ އެ މީހުންގެ ޕާސްޕޯޓާއި، މުހިންމު ލިޔެކިޔުންތައް ހޯދުމަށްޓަކައި އެ ގްރޫޕްގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމުގެ ޝަކުވާތައް ވެސް މިނިސްޓްރީއަށް ހުށަހެޅި ކަމަށް ބުންޏެވެ.
ހަމައެއާއެކު ކުންފުނީގެ އިސްވެރިޔާއާ ރަސްމީގޮތުން މިނިސްޓްރީން ވެސް މުއާމަލާތު ކުރި ކަމަށާއި، ނަމަވެސް މިނިސްޓްރީއަށް ވެސް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ޚިލާފަށް އަސްކޮއި ގްރޫޕުން އަމަލުކޮށްފައިވާތީ، އެ އުސޫލުގެ ދަށުން ކުންފުންޏާމެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެ ފިޔަވަޅުތަކަކީ:
- އުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން.
- ޖޫރިމަނާކުރުން.
- އަސްކޮއި ޓްރެވަލް ސާވިސް ކުންފުންޏާއި، އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުން.
- ޖުލައި 2025ގެ އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ މީހުންނަށް ރިފަންޑް ދޭން އެންގުން.
- މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅަން ފުލުހަށް ހުށަހެޅުން.
މި ފިޔަވަޅުތައް ތަންފީޒުކުރުމަށް މިނިސްޓްރީން އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސްއިން އުމްރާއަށް ގެންދާނެ ކަމަށް ބުނެ, އޮޅުވާލައިގެން ލަނޑު ދީފައިވާނަމަ އެކަން ހުށަހެޅުމަށް ވެސް އެދިފައެވެ.
މީގެ ކުރިން ވެސް އަސްކޮއި ގްރޫޕުން ލަނޑު ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކުން ސޯޝަލް މީޑިއާގައި ގޮވާލާފައި ވަނީ އެ ޖަމާއަތުގެ ހުއްދަ ބާތިލް ކުރުމަށެވެ.
މިއީ ރާއްޖޭގައި އައު ކަމެއް ނޫނެވެ. އެންމެ މާތް އަޅުކަންތަކުގެ ތެރޭގައި ހިމެނޭ ހައްޖާއި އުމްރާއަށް ދިއުމަށް, ބުރަ މަސައްކަތުން ހޯދި ފައިސާ ދައްކައިގެން އެ އަޅުކަމަށް ދިއުމުގެ ފުރުސަތު ނުލިބުންފަދަ އެތައް ލަނޑެއް ގިނަ އަދަދެއްގެ ދިވެހީންނަށް ލިބިފައި އެބަހުއްޓެވެ. އެހެން އެކަން ދިމާވަނީ ޖަމާއަތްތަކުން އޮޅުވާލައި ފައިސާއަށް ހިޔާނާތްތެރި ވާތީއެވެ.