1،500އަށްވުރެ ގިނަ ގޭމަރުންނާ އެކު ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން މުބާރާތްކަމަށްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) މިއަދު ފަށައިފިއެވެ.
ދިރާގުން ބުނީ، ތިން ދުވަހުގެ މުއްދަތަކަށް، ވާދަވެރި ހަތަރު މެޗުގެ ފޯމެޓަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ދިވެހި ގޭމަރުންގެ އެކި ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމަރުންނަށް ޖުމްލަ 170،000 ރުފިޔާގެ އަގުހުރި އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް، ދިރާގުން ބުންޏެވެ.

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓްގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ދޭ ޓްރޮފީ ---ސަން ފޮޓޯ: މޫސާ ނަދީމް
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓާ ބެހޭގޮތުން އެ ކުންފުނީގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، މިއަދު މި ފެށީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އީ ސްޕޯޓްސް މުބާރާތް ކަމަށާއި، މިއީ ދިރާގު ގޭމާސް ގިލްޑް މެދުވެރިކޮށް ގޭމަރުންގެ ހުނަރު ދައްކާލައި، ގޭމިން ކޮމިއުނިޓީއަށް ކުރިއެރުންތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓްގެ ބައެއް ބައިވެރިން --- ސަން ފޮޓޯ: މޫސާ ނަދީމް
ޑީއެމްޖީސީ 2025ގެ މައިގަނޑު މުބާރާތްތަކުގެ އިތުރުން ރޭސިން ސިމިއުލޭޝަން ޒޯން، ވާޗުއަލް ރިއަލިޓީ (ވީއާރު) ޒޯން، ފްރީ ޓު ޕްލޭ ސްޓޭޝަންސް އަދި ބޯޑް ގޭމްސް ފަދަ ތަފާތު ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި، މި ހަރަކާތްތައް ކުރިއަށްދާއިރު، ކާބޯތަކެއްޗާއި ގޭމިން އެކްސެސަރީތަކާއި އެހެނިހެން ތަކެއްޗަށް ޚާއްސަ ސްޓޯލް ހިމަނާފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.