އުރީދޫއަށް 20 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުލުމާލޭގައި ހުންނަ އެ ކުންފުނީގެ ހެޑް ކުއާޓާއަށް ގޮސް، ހިލޭ އައިސްކްރީމް ބުއިމަށް އުރީދޫން ދިރާގަށް ދައުވަތު ދީފިއެވެ.
ދިރާގުން މިރޭ ވަނީ ދެމީހަކު އައިސްކްރީމްއެއް ހިފައިގެން ހުރި ފޮޓޯއެއް ސޯޝަލް މިޑިއާގައި ހިއްސާކޮށްފައެވެ. މި ފޮޓޯއަށް އުރީދޫން ވަނީ ރައްދު ދީފައެވެ.
ވީޑިއޯއަކާއެކު އުރީދޫން ދިން އެ ރައްދުގައި ވަނީ، އެ ކުންފުނީގެ 20ވަނަ އަހަރީދުވަސް ފާހަގަކުރުމަށް އުރީދޫ ހެޑް ކުއާޓާއަށް މާދަމާ ދާނެކަމަށް އުންމީދު ކުރާކަމަށެވެ. މިއީ އުރީދޫން ދިރާގަށް ދިން ދައުވަތެކެވެ.
އުރީދޫން ވަނީ މި ދައުވަތު ހުރިހާ ދިވެހީންނަށް ދީފައެވެ. އެގޮތުން، ވަކިން ކޮށްފައިވާ ޕޯސްޓެއްގައި އުރީދޫން ވަނީ މާދަމާ ހިލޭ އައިސްކްރީމް ބުއިމަށް އެ ކުންފުނީގެ ހެޑް ކުއާޓާއަށް ދިއުމަށް އެދިފައެވެ.
އުރީދޫން އައިސްކްރީމް ބަހަނީ މާދަމާ ހަވީރު 04:30އިން ފެށިގެން 06:00އާ ހަމައަށެވެ. އެ ކުންފުނީގެ ހެޑްކުއާޓާ ހުންނަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައެވެ.
އުރީދޫގެ 20ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހިލޭ އައިސްކްރީމް ބޯން ދިރާގަށް ވެސް ދައުވަތު ދީފައި ވާއިރު، މި ދެ ކުންފުންޏަކީ މިހާރު ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އެންމެ ވާދަވެރި ދެ ކުންފުންޏެވެ.