މިހާރު ބޭރަށްދާ ބަލި މީހުންނަށް ބޭންކުން 2،000 ޑޮލަރު ވިއްކާނެ

ބީއެމްއެލް އިން ހުޅުމާލޭގައި އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގުމުގެ ހިދުމަތް ފެއްޓެވުމަށްފަހު --- ފޮޓޯ: ބީއެމްއެލް

އެންސްޕާއާއި އާސަންދައިގެ އެހީގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރަން ޖެހޭ ބަލި މީހުންނަށް މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 2،000 ޑޮލަރު ވިއްކާނެކަން އެ ބޭންކުން މިއަދު އިއުލާނުކޮށްފިއެވެ.

ބޭންކުން ބަލި މީހުންނަށް ދޭ ޑޮލަރުގެ ލިމިޓު ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ މިދިޔަ މަހު 21 ގައެވެ.

ބީއެމްއެލްއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކޮށްފައިވާ ކަމަށެވެ. އެ ގޮތުން، އާސަންދަ ހަމަޖެހޭ ބަލި މީހުންނަށާއި އެންސްޕާގެ އެހީގައި ބޭރަށްދާ ބަލި މީހުންނަށް ބޭންކް ރޭޓުގައި 2،000 ޑޮލަރާ ހަމައަށް ވިއްކާނެއެވެ. އަދި، އަމިއްލަ ޚަރަދުގައި ބޭސް ފަރުވާއަށްދާ މީހުންނަށް ވެސް 1،000 ޑޮލަރު ބޭންކުން ވިއްކާނެއެވެ.

ބަލި މީހުންނަށް ބޭންކުން ވިއްކާ ޑޮލަރުގެ ލިމިޓު ބޮޑުކުރިއިރު، ދިވެހި ރުފިޔާގެ އަގު ރިކޯޑު މިންވަރަކަށް ދަށްވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއިން މައްޗަށް ގޮސްފައެވެ. ބޭންކްތަކުން ރަސްމީ ރޭޓު 15.42 ރުފިޔާއަށް ޑޮލަރު ގަންނަން ނުލިބޭތީ ޒަރޫރީ ބޭނުންތަކަށް ވެސް ފަރުދުންނާއި އަދި ވިޔަފާރިތަކުން ވެސް ޖެހެނީ ބޮޑު އަގުގައި ޑޮލަރު ގަންނާށެވެ.

ޑޮލަރުގެ އަގު މިހާ މައްޗަށް ދިޔައީ އިގުތިސާދު ރަނގަޅުވެ، ޑޮލަރު ރޭޓު ދަށްވާނެ ކަމަށް މީގެ ކުރިން ސަރުކާރުން ތަކުރާރުކޮށް ބުނެފައިވަނިކޮށެވެ.

ރާއްޖެއަށް ދަރަނީގެ މައްސަލަ ބޮޑުވެ، މި އަހަރާއި އަންނަ އަހަރު ދައްކަންޖެހޭ ބޮޑެތި އަދަދުތަކުގެ ލޯނުތައް ނުދެއްކިދާނެކަމުގެ ބިރު ބޮޑުވެ ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ވަންނަ ޑޮލަރުގެ ބައެއް މާރުކުރަން ޖެހޭއިރު ބޭންކްތަކަށް ވަންނަ ޑޮލަރުގެ 90 އިންސައްތަ މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ނަގަން ވަނީ ނިންމައިފައެވެ.

ރާއްޖޭން މި އަހަރު 500 މިލިއަނެއްހާ ޑޮލަރު ދަރަންޏަށް ދައްކަންޖެހޭއިރު އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

comment ކޮމެންޓް