ރަޝިޔާއަށް ރައްދު ދިނުމަށް ދެ ނިއުކްލިއާ ސަބްމެރިން ތައްޔާރުކުރުމަށް ޓްރަމްޕް އަމުރުކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި ރަޝިއާގެ ރައީސް ވުލަމީޑިއާ ޕުޓިން. (ވ). ފޮޓޯ/ރޮއިޓާސް

ރަޝިޔާގެ ނިއުކްލިއާ އިންޒާރުތަކަށް ރައްދު ދިނުމުގެ ގޮތުން ދެ ނިއުކްލިއާ ސަބްމެރިން އެކަށީގެންވާ ސަރަހައްދުތަކުގައި ތައްޔާރަށް ބޭއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފިއެވެ.

ޓްރަމްޕް އެގޮތަށް އަމުރު ކުރައްވާފައި ވަނީ ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް 10 ނުވަތަ 12 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާ ކަމަށް އިއުލާނުކުރެއްވުމަށްފަހުއެވެ.

"ރަޝިޔާގެ ތަރުޖަމާނު ޑިމިޓްރީ މެޑްވެޑެވްގެ ބަޔާންތަކަށް ބަލައި، އެކަށީގެންވާ ސަރަހައްދުތަކުގައި ދެ ނިއުކްލިއާ ސަބްމެރިން ބޭއްވުމަށް އަމުރުކޮށްފިން." ޓްރަމްޕް ޓްރޫތް ސޯޝަލްގައި ލިޔުއްވާފައިވެއެވެ.

"ބުނާ ބަސްތަކަކީ ވަރަށް މުހިންމު އެއްޗެހި، އަދި ގިނަ ފަހަރަށް ނޭދެވޭ ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމެއް. އަޅުގަނޑު އުންމީދު ކުރަން މިއީ އެ މިސާލުތަކުގެ ތެރެއިން އެއް މިސާލަކަށް ނުވާނެ ކަމަށް."

ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިންގެ ގާތް އެކުވެރިއެއް ކަމަށްވާ ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް ވަނީ ޓްރަމްޕް ރަޝިޔާއެކު ކުޅެނީ ގޭމެއް ކަމަށާއި އެފަދަ ގޮތަކަށް ކަންތައް ކުރުމުން އެމެރިކާ ބައިވެރިވާ ހަނގުރާމައެއް އުފެދިދާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ޓްރަމްޕްގެ ޑިމާންޑްތަކަށް އެއްބަސްވާނެ ކަމުގެ އެއްވެސް އިޝާރާތެއް ރަޝިޔާއިން މިހާތަނަށް ވެސް ދީފައެއް ނުވެއެވެ.

ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން މަސައްކަތް ކުރި ނަމަވެސް ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭ ކަމަށް ބުނެ، ޓްރަމްޕް ވަނީ ތަކުރާރުކޮށް އެކަމަށް ނުރުހުން ފާޅުކުރައްވާފައެވެ. އަދި، ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއިން އެއްބަސްނުވެއްޖެ ނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޓްރަމްޕް އިންޒާރު ދެއްވިއެވެ.

ޖެނުއަރީ މަހު ވައިޓް ހައުސްގައި ދެވަނަ ދައުރަކަށް ވަޑައިގަތުމުގެ ކުރިން ޓްރަމްޕް ވަނީ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެ ހަނގުރާމަ 24 ގަޑިއިރު ތެރޭގައި ހުއްޓުވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް