އޭއައިގެ ދާއިރާއިން ކުރި ހޯދުމަށް އެޕަލްއިން ބޮޑު ހޭދައެއް ކުރަނީ

އައިފޯން ތަކުގައި މިހާރަށްވުރެ ބޮޑަށް އޭއައި އިތުރުކުރުމަށް އެޕަލްއިން ދަނީ ވިސްނަމުން ---

އެޕަލްއިން ފޯރުކޮށްދޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ޚިދުމަތްތައް މިހާރަށްވުރެ ވެސް ރަނގަޅު ކުރުމަށް ބޮޑު ހޭދައެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވެއްޖެއެވެ.

އެޕަލްގެ އެންމެ ފަހުގެ މާލީ ނަތީޖާތައް ހާމަކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުކް ވަނީ އޭއައިގެ ދާއިރާއިން ވާދަވެރިންނާ ހަަމަކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

އޭއައިގެ ދާއިރާގައި ގޫގުލްއާއި މައިކްރޮސޮފްޓް ފަދަ ވާދަވެރިންނަށް ވުރެ އެޕަލް ފަހަތުގައި އުޅޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން "އެޕަލް އިންޓެލިޖެންސް"ގެ ނަމުގައި އެ ކުންފުނިން ތައާރަފުކުރި އޭއައި ފީޗާތަކަށް ވަނީ ބައެއް ފާޑުކިޔުންތައް ވެސް އަމާޒުވެފައެވެ.

މި ފަރަގު ކުޑަކުރުމަށްޓަކައި، އިތުރު ޑޭޓާ ސެންޓަރުތައް ބިނާކުރުމާއި، އެހެން ކުންފުނިތައް ގަތުން ފަދަ ކަންކަމަށް އެޕަލްއިން ބޮޑު ހޭދައެއް ކުރާނެ ކަމަށް ޓިމް ކުކް ވިދާޅުވިއެވެ. މިއީ މީގެ ކުރިން އެޕަލްއިން އެހާ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމެއް ނޫނެވެ.

އެޕަލްގެ ވާދަވެރި ގޫގުލްއިން ކުރިއަށް އޮތް އަހަރު އޭއައިއަށް 85 ބިލިއަން ޑޮލަރު ހޭދަކުރަން ރާވާފައިވާއިރު، މައިކްރޮސޮފްޓުން 100 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހޭދަކުރާނެ ކަމަށް ބެލެވެއެވެ.

އެންމެ މަޝްހޫރު އޭއައި ޗެޓްބޮޓް ކަމަށްވާ ޗެޓްޖީޕީޓީ އުފެއްދި އޯޕެންއޭއައިއާ އެކު އެޕަލްއިން ޕާޓްނާޝިޕެއް ހެދި ނަމަވެސް އެ ކުންފުނިން މިހާތަނަށް ބޮޑަށް އިސްކަން ދެމުން އައީ ކުންފުނީގެ ތެރެއިން އޭއައި ޚިދުމަތްތައް އަމިއްލައަށް ތަރައްގީ ކުރުމަށެވެ.

އެ މަސައްކަތްތަކަށް އެޕަލްއިން އާންމުކޮށް ބޮޑެތި ކުންފުނިތައް ނުގަންނާތީ، އޭއައި ޚިދުމަތްތައް ތަރައްގީ ކުރުމަށް މި ސިޔާސަތު ބަދަލުކޮށްފާނެތޯ އެނެލިސްޓުން ވަނީ ޓިމް ކުކްއާ ސުވާލުކޮށްފައެވެ. ޖަވާބުގައި ކުކް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ވެސް ކުދި ހަތް ކުންފުންޏެއް ގަނެފައިވާ ކަމަށާއި، ބޮޑެތި ކުންފުނިތައް ގަތުމަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުޗާޓު އަވަސްކޮށްދޭނެ ކުންފުންޏެއް ނަމަ، އެކަމަށް އަޅުގަނޑުމެން ޝައުގުވެރިވަން،" ކުކް ވިދާޅުވިއެވެ.

އެޕަލްއަށް މިވަގުތު ބޭރުގެ ގޮންޖެހުންތައް ވެސް ވަނީ ކުރިމަތިވެފައެވެ. އައިފޯނުގެ ޑިފޯލްޓް ސާޗް އިންޖީނުގެ ގޮތުގައި ގޫގުލް ބޭނުންކުރުމަށްޓަކައި އެ ކުންފުނިން އަހަރަކު ދައްކާ ބިލިއަނެއްހާ ޑޮލަރު، އެމެރިކާގެ ކޯޓުގައި ހިނގަމުންދާ އެންޓިޓްރަސްޓް މައްސަލައަކާ ގުޅިގެން ގެއްލުމުގެ ބިރު އެބައޮތެވެ.

މީގެ އިތުރުން، ޕާޕްލެކްސިޓީ ފަދަ އޭއައި ސްޓާޓްއަޕްތަކުން އަންނަނީ ފޯނު އުފައްދާ ކުންފުނިތަކާ ވާހަކަ ދައްކައި، ގޫގުލްގެ ބަދަލުގައި އަމިއްލަ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެޕަލްއިން ޕާޕްލެކްސިޓީ ގަތުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޕަލްގެ ޗީފް ފައިނޭންޝިއަލް އޮފިސަރު، ކެވަން ޕަރޭކް ވަނީ، އެ ކުންފުނިން ޑޭޓާ ސެންޓަރުތަކަށް ކުރާ ހޭދަ ހާމަނުކުރި ނަމަވެސް، އެ އަދަދު ވަރަށް ބޮޑަށް އިތުރުކުރާނެ ކަމަށް ވިދާޅުވެފައެވެ.

"މިކަން ގުޅިފައިވަނީ އޭއައިއަށް އަޅުގަނޑުމެން ކުރަމުންދާ އިންވެސްޓްމަންޓްތަކާ،" ޕަރޭކް ވިދާޅުވިއެވެ.

މި ޚަބަރާ ގުޅިގެން އިއްޔެގެ ޕްރީމާކެޓް ޓްރޭޑިންގައި އެޕަލް ކުންފުނީގެ ހިއްސާގެ އަގު ވަނީ 1.7 އިންސައްތަ އުފުލިފައެވެ.

comment ކޮމެންޓް