އާރްޓީއެލްއަށް 12 ފެރީ ބަންނަން ބޭނުންކުރުމަށް، އިންޑިއާއިން 100 މިލިއަން ރުފިޔާ ދީފި

ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ގެންދިޔަ ފެރީއެއް މާލެ ބަނދަރުގައި: އާރްޓީއެލްއަށް 12 ފެރީ ބަންނަން ބޭނުންކުރުމަށް، އިންޑިއާއިންވަނީ 100 މިލިއަން ރުފިޔާ ދީފައި --- ފޮޓޯ/ އެމްޓީސީސީ

ގައުމީ ދަތުރުފަތުރުގެ ނިޒާމު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތަށް ބޭނުންކުރާ ފެރީ ބަނުމަށްޓަކައި 100 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާއިން ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ މެއި މަހުގެ 18 ވަނަ ދުވަހެވެ.

ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު ވިދާޅުވީ އާރްޓީއެލް ފެރީތައް ބަނުމަށްޓަކައި އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދޭން އެއްބަސްވި 100 މިލިއަން ރުފިޔާ ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ނިންމައި، އެމްއޯޔޫގައި ސޮއިކުރުން --- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ

ޔާސިރު ވިދާޅުވި ގޮތުގައި އެ އެހީގެ ދަށުން 12 ފެރީ ބަނެ، އެއް ފެރީ ހަބް ގާއިމުކުރާނެއެވެ. އެއީ ރ. އުނގޫފާރުގައި ގާއިމުކުރާ ފެރީ ހަބެވެ. އެ މަސައްކަތުގެ ދަށުން އުނގޫފާރުގައި ގާއިމުކުރާ ފެރީ ހަބްގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންދިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

100 މިލިޔަން ރުފިޔާގެ ހިލޭ އެހީ އިންޑިއާ ސަރުކާރުން ވަނީ ލިބިފައި. އެއީ 12 ފެރީ ބަނުމުގެ މަސައްކަތަށް. އަދި ޒޯން ދޭއްގެ މައި ފެރީ ޓާމިނަލާއި، އުނގޫފާރުގެ ފެރީ ހަބް އަޅާނީ ވެސް މި އެހީގެ ދަށުން، ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު އިބްރާހީމް ޔާސިރު

ޔާސިރު ވިދާޅުވީ އާރްޓީއެލް ޚިދުމަތަށް ބޭނުންވާ ފެރީތައް މިވަގުތު ވެސް ބަންނަމުންދާ ކަމަށެވެ. އޭގެ ތެރޭގައި 'ބެކަޕް'ގެ ގޮތުގައި ބޭނުންކުރާނެ ފެރީތައް ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާރްޓީއެލް ޚިދުމަތަށް އަޅާ މައި ފެރީ ޓާމިނަލްތަކަކީ ކޮންމެ ޒޯނެއްގައި ހިމެނޭ އަތޮޅުތަކުގެ ޚިދުމަތް ބަލަހައްޓާ މައި ޓާމިނަލްތަކެވެ.

އާރްޓީއެލް ފެރީއެއް --- ފޮޓޯ/ އެމްޓީސީސީ

ފާހަގަކޮށްލެވޭ ގޮތުގައި އާރްޓީއެލްގެ ޚިދުމަތަކީ މުޅި ރާއްޖެ ފެރީގެ ނިޒާމަކުން ގުޅާލުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށް ފެށި ޚިދުމަތެކެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރު ނިމުނުއިރު ރާއްޖޭގެ އަށް އަތޮޅަކަށް ވަނީ މި ޚިދުމަތް ދީފައެވެ. އެފަހުން މި ސަރުކާރު އައުމަށްފަހު އިތުރު ހަތަރު އަތޮޅެއްގައި ވަނީ އެ ޚިދުމަތް ފަށައިފައެވެ.

މި ޚިދުމަތް ދެނީ ތިން ފިޔަވައްސެއް ހިމެނޭ ގޮތަށް ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ. މި ޚިދުމަތުގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު، ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ޒޯނެއްގައި މި ޚިދުމަތް ފެށުމެވެ.

https://www.sun.mv/209266

ފާހަގަކޮށްލެވޭ ގޮތުގައި މިފަހުން އާރުޓީއެލްގެ ލޯގޯއިން ރީނދޫ ކުލަ އުނިކުރުމުން މީހުން ވަނީ ފާޑުކިޔައިފައެވެ. އާރުޓީއެލް ފެރީގެ ޚިދުމަތް ބ. އަތޮޅުގައި ފަށާކަން އިއުލާނު ކުރުމަށް އެމްޓީސީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުން ފެންނަ ގޮތުން، ފެރީގައި ހުރި ލޯގޯގައި ރީނދޫކުލައިގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ އަޅިކުލައެވެ.

މިއީ ކިހިނެތް ގެނައި ބަދަލެއްކަމެއް އަދި ސާފެއް ނުވެއެވެ. އާރުޓީއެލްގެ ލޯގޯ ރަސްމީކޮށް ބަދަލުކުރިކަން މިހާތަނަށް އިއުލާނުކޮށްފައެއް ވެސް ނުވެއެވެ. އެ ކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެމްޓީސީސީގެ ފަރާތުން ޖަވާބެއް ވެސް ނުދިނެވެ.

comment ކޮމެންޓް