އިންޑިއާގެ ދެކުނުގެ ކަރްނާޓަކާ ސްޓޭޓްގެ ކުރީގެ މަޝްހޫރު މަޖިލިސް މެންބަރެއްގެ މައްޗަށް އޭނާގެ ގޭގައި ގެންގުޅޭ މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވެ، އުމުރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ކަރްނާކާ ސްޓޭޓްގެ ނުފޫޒުގަދަ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ޕްރަޖްވާލް ރެވާނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ހޮނިހިރު ދުވަހު އޭނާގެ ކުރީގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ސާބިތުވިތާ އެއް ދުވަސް ފަހުންނެވެ.
އުމުރުން 34 އަހަރުގެ ރެވާނާގެ މައްޗަށް ކުރާ ތުހުމަތުތައް އެންމެ ފުރަތަމަ ފެންމަތިވީ 2023 ވަނަ އަހަރު އޭނާ ފެންނަ އެތައް ސަތޭކަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. ރެވާނާ އޭރު ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް، ކުށް ސާބިތުވުމުން އޭނާ ވަނީ އަދަބު ލުއިކޮށްދިނުމަށް އެދިފައެވެ.
އެ ހުކުމް ރެވާނާއަށް އިސްތިއުނާފު ކުރެވޭނެއެވެ.
ރެވާނާއަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އެޗް ޑީ ދޭވޭ ގައުޑާގެ ކާފަ ދަރިއެކެވެ. އޭނާގެ ޖަނަތާ ދާލް ޕާޓީއަކީ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީއާ ގުޅިފައިވާ ޕާޓީއެކެވެ.
އިންޑިއާގައި އެފަދަ ނުފޫޒުގަދަ ސިޔާސީ މީހަކަށް އަދަބު ލިބުމަކީ ވަރަށް މަދުންވާ ކަމެކެވެ.
ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ، ގިނަ އަދަދެއްގެ ވީޑިއޯ ދައުރުވާން ފެށުމުން ޑިޕްލޮމެޓިކް ޕާސްޕޯޓު ބޭނުންކޮށްގެން މިދިޔަ އަހަރު އޭނާ ވަނީ ގައުމުން ބޭރުވެފައެވެ. އޭނާ ހައްޔަރުކުރީ ޖަރުމަނުން އެނބުރި ގައުމަށް އައިތާ މަހެއްހާ ދުވަސް ފަހުންނެވެ.
އޭނާގެ މައްޗަށް ޖިންސީ ގޯނާކުރިކަމުގެ އިތުރު ދެ މައްސަލައެއް ވެސް އެބައޮތެވެ. ނަމަވެސް، އެ ދައުވާތަކަށް ރެވާނާ ވަނީ އިންކާރުކޮށްފައެވެ.