ހަތް އަހަރު ވަންދެން ވަގު އެމްބަސީއެއް ހިންގި ކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ފޭކް އެމްބަސީއެއް ހިންގި ކަމުގައި ތުހުމަތުކުރި އިންޑިއާ މީހާ. ފޮޓޯ/ނިއުސް18

ހަތް އަހަރު ވަންދެން ވަގު އެމްބަސީއެއް ހިންގި ކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ފުލުހުން ހައްޔަރު ކުރީ ހަރްޝްވަރްދާން ޖޭން ކިޔާ 47 އަހަރުގެ މީހެކެވެ.

އެ މީހާ އެމްބަސީ ހިންގަމުން ދިޔައީ ވެސްޓް އާކްޓިކާ، ޕޯލްވިއާ، ލަންޑޯނިއާ އަދި ސަބޯރްގާ ފަދަ ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިނުގަންނަ ގައުމުތަކުގެ ނަން ބޭނުންކޮށްގެންނެވެ.

އެމްބަސީ ހިންގީ ކުއްޔަށް ހިފާފައިވާ އިމާރާތުގެ ތެރެއިން 44.7 ލައްކަ ނަގުދު ފައިސާއާއި، ވަގު ޕާސްޕޯޓާއި، އަގުބޮޑު ކާރުތައްވެސް ފެނިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އުއްތަރު ޕްރަދޭޝް ޕޮލިހުން ބުނީ ޖޭން އަކީ 2012 ވަނަ އަހަރު ފްރާންސްގެ ބޯޑަރު ކައިރީގައި އޮންނަ ލިގޫރިއާ ސަރަހައްދުގެ އަވަށެއް ކަމަށް ބުނާ ސެބޯގާއިން އެޑްވައިޒަރެއްގެ މަގާމާއި 2016 ވަނަ އަހަރު ވެސްޓާކްޓިކާގެ އޮނަރަރީ ކައުންސިލްކަމުގެ މަގާމު ދީފައިވާ މީހެކެވެ.

އޭނާ ވަނީ އެ އެމްބަސީން ތަމްސީލުކުރާ އެކި ގައުމުތަކުގެ ދިދަ އުފުލައި، ގަވާއިދާ ހިލާފަށް ޑިޕްލޮމެޓިކް ރަޖިސްޓްރޭޝަން ޕްލޭޓް ޖަހާފައިވާ ހަތަރު ވެހިކަލް ބޭނުންކޮށްގެން ޣާޒިއާބާދުގައި ހުރި އޭނާގެ އޮފީސް އެމްބަސީއަކަށް ބަދަލުކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެމްބަސީގެ ތެރެއިން ފެނުނު ތަކެތީގެ ތެރޭގައި 44.7 ލައްކަ ރުފިޔާގެ ފައިސާއާއި ވަގު ވީއައިޕީ ރެޖިސްޓްރޭޝަން ނަންބަރު ޖަހާފައިވާ އަގުބޮޑު ހަތަރު ކާރާއި، 12 ފޭކް ޕާސްޕޯޓާއި، ތަފާތި ގައުމުތަކުގެ 34 ސްޓޭމްޕްގެ އިތުރުން ލެޕްޓޮޕާއި މޮބައިލް ފޯނުވެސް ހިމެނެއެވެ.

ފޭކު އެބްމަސީއެއް ހިންގާ ކަމަށް ޖޭން ވަނީ އެއްބަސްވެފައެވެ.

"ޖޭން 2016 ވަނަ އަހަރުން ފެށިގެން ޣާޒިއާބާދުގައި ފޭކް އެމްބަސީ ހިންގަމުން އައީ. މީގެ ކުރިން އޭނާ ހިންގަމުން އައީ އޭނާގެ ބައްޕަގެ ގޭގައި ނަމަވެސް މީގެ ފަސް މަސް ވަރަކަށް ކުރިން އޭނާ އާއި އާއިލާއާ އެކު މަހަކު 1.8 ލައްކަ ރުޕީސްގެ ކުއްޔަކަށް އެޕާޓްމަންޓަކަށް ބަދަލުވެފައި." ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރާޖްކުމާރު މިޝްރާ ވިދާޅުވިއެވެ.

ޖޭން މިހާރު ވަނީ އުއްތަރު ޕްރަދޭޝްގެ ކޯޓަކަށް ހާޒިރުކޮށް، 14 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް