ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ބައެއް މީހުން މައުލޫމާތު އާންމުކުރީ މެންބަރުންގެ އަގު ވައްޓާލުމުގެ މަޤުސަދުގައި ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
މި ފަހުން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ބައެއް މެންބަރުން މަޖިލީހުގައި އެއްވެސް މަސައްކަތެއް ނުކުރައްވާކަން ދޭހަވާ ގޮތަށް ޕޯސްޓުކޮށްފައެވެ.
މިއަދުގެ ޖަލްސާ ހުސް ވަގުތުކޮޅަށް މެދުކަނޑާލެއްވުމުގެ ކުރިން އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ވެބްސައިޓަށް ވަދެ، ކޮންމެ މެންބަރެއްގެ ނަމަށް ފިތާލުމުން މެންބަރުން ހުށަހެޅުއްވި ބިލުތަކާއި ޤަރާރުތަކާއި ކުއްލި މައްސަލަތައް ފެންނާނެ ކަމަށެވެ. އެ މަސައްކަތްތައް ނުފެނުމަކީ މެންބަރުން މަސައްކަތްނުކުރައްވާ ކަމަށް ލިސްޓުކޮށްގެން މައުލޫމާތު އާންމުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަދި އަހަރަކާއި ދެ މަސް ދުވަސް ފާއިތުވިއިރު، މި މަޖިލީހުގައި ތިއްބަވާ 93 މެންބަރުންނަށް ބިލުތައް ހުށަނޭޅި އޮތުމަކީ މެންބަރުން މަޖިލީހުގައި މަސައްކަތްނުކުރައްވާ ކަމަށް ވާހަކަދެކެވެން ޖެހޭ ކަމެއް ނޫން ކަމަށެވެ.
މީގެ ކުރިން ވެސް ވިދާޅުވިގޮތަށް، މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރަނީ ކޮމިޓީތަކުގައިކަން ވިދާޅުވާ ވިދާޅުވުން މިއަދު ވެސް އަބްދުއްރަހީމް ތަކުރާރުކުރެއްވިއެވެ.
"އެހެންވީމާ އަދި ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ތަޅުމުގައާއި ކޮމިޓީތަކުގައި ކުރެވޭ މަސައްކަތަށް ބައްލަވާނުލައްވާ ހަމައެކަނި އިއްޒަތްތެރި މެންބަރުންގެ އަގު ވައްޓާލެއްވުމުގެ މަގުސަދެއް އޮވެގެން ކަމަށް އަލުގަނޑަށް ގަބޫލުކުރެވެނީ އެ ކަހަލަ ކަންތައްތައް އެ ކުރައްވަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ދަންވަރު ނެރުނު ނޫސްބަޔާނެއްގައި މަޖިލީހުގެ އިދާރާއިން ބުނީ، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަނީ ވީހާވެސް ބޮޑަކަށް އާންމުން ހޭލުންތެރިކުރުވައި، ވަކި ފަރާތަކަށް ނުޖެހި ތެދު ޚަބަރު ފޯރުކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.
އެގޮތުން، މަޖިލީހުގައި މެންބަރުން ހުށަހަޅާ ބިލުތަކާއި، ގަރާރުތަކާއި، މައްސަލަތަކުގެ އިތުރުން އެ ނޫން ވެސް މަސައްކަތްތައް މަޖިލިސް ވެބްސައިޓުގައި ޝާއިއުކޮށް، ތަފާސްހިސާބުތައް ވެސް ފެންނަން ހުންނާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ކުރާ މަސައްކަތްތައް ނިމޭނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ބައިވެރިވުމާ ވެސް އެކު ކަމަށް އެ އިދާރާއިން ބުންޏެވެ.
މެންބަރުން ކުރާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި މެންބަރުން މަޖިލީހަށް ސްޕޮންސާކުރައްވާ ބިލުގެ އަދަދުން ނޫން ކަމަށާއި އެކި މަރުހަލާތަކުގައި މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ ވެސް އޮންކަމަށް އެ އިދާރާއިން ބުންޏެވެ. މަޖިލިސް މެންބަރުންނަށް ލިބޭ މުސާރައާއި އެކަށީގެންވާ ވަރަށް މަސައްކަތްނުކުރާ ކަމަށް ބުނެ ވަރަށް ގިނައިން ވާހަކަދެކެވެއެވެ.
މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި ގިނަ ބިލުތައް ހުށަހަޅަނީ ސަރުކާރުގެ ފަރާތުންނެވެ. ނަމަވެސް, އެންމެ ގިނަ ކުއްލި މައްސަލަތަކާއި ގަރާރުތައް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީން ހުށަހަޅާ ގިނަ މައްސަލަތައް ސަރުކާރު މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.
މަޖިލިސް މެންބަރުންނަށް ލިބޭ މުސާރައާއި އެކަށީގެންވާ ވަރަށް މަސައްކަތްނުކުރާ ކަމަށް ބުނެ ވަރަށް ގިނައިން ވާހަކަދެކެވެއެވެ.
ވަކިން ޚާއްސަކޮށް 20 ވަނަ މަޖިލިސް ފެށުނު ފަހުން ވަކި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލަ ވެސް ބޮޑެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ޗުއްޓީގައި ނޫންނަމަ ހަފުތާގެ ތިން ދުވަހު ޖަލްސާ ބާއްވަން ޖެހޭނެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ.