ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ދެނީ 76 މާކްސް ލިބޭ މީހުންނަށް ކަމަށްވާއިރު، އެ މާކްސް ލިބުނު ބައެއް މީހުންނަށް ފުލެޓް ދޭން ގުރުއަތު ނުނަގައި ހުރިކަން ފާހަގަވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބެނީ 76އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް ކަމަށާއި، އެ މީހުންނަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ދޭނެ ކަމަށް ކުރީ ސަރުކާރުން އިއުލާންކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް މިދިޔަ ސަރުކާރުން ނޮވެންބަރު 16، 2023ގައި ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76އަށް ވުރެ މަތިން މާކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ބަޔަކު ހުރިކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
"އަދި 76 (ހަތްދިހަ ހައެއް) އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 (ހަތްދިހަ ފަހެއް) އަށް ވުރެ މަތިން މާރކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައެވެ." މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
އެހެންވެ، އެ މިނިސްޓްރީން މިހާރު ނިންމައިފައިވަނީ 75 މާކްސް ލިބުނު މީހުންގެ ގުރު ނަގާނީ، ކުރީ ސަރުކާރުގެ ފުލެޓު ލިސްޓުގައި 76 މާކްސްއަށް ވުރެ އިތުރަށް ލިބުނު މީހުންނަށް ފުލެޓް ކަނޑައަޅައި، އެ މަރުހަލާތައް ނިމުމުން ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓް ހައްގުވާ މީހުންގެ ލިސްޓު ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާ ކުރުމަށް ފަހު، އައު ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ ފެބްރުވަރީ މަހެވެ.
އެ ލިސްޓާ ގުޅޭ ގޮތުން ވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް ހައުސިން މިނިސްޓްރީން ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް ވިދާޅުވެފައެވެ.
މިހާރު މި ސަރުކާރުން ދަނީ ފުލެޓު ލިބޭ މީހުންނާއެކު އެއްބަސްވުން ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ކުރަނީ، ހައުސިން މިނިސްޓްރީން ފަހި ދިރިއުޅުން ކޯޕަރޭޝަނާ މައުލޫމާތު ހިއްސާކޮށްގެންނެވެ. ނަމަވެސް މިނިސްްޓްރީން ފޮނުވި ލިސްޓެއްގައި މައްސަލަ ހުރުމުން، ބައެއް މީހުންގެ އެއްބަސްވުން ނުހެދޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.