ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކާއެކު، މާލީ މިނިވަންކަން ކައުންސިލްތަކަށް ގެއްލޭ ކަމަށް ބުނެ، އެ ބިލު އަނބުރާ ގެންދިޔުމަށް ކުޅުދުއްފުށި ސިޓީއާޢި ލ. ގަމު ކައުންސިލުން މިއަދު ގޮވާލައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފައެވެ.
އެ ބިލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފައެވެ.
އެ އިސްލާހުތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެއީ ކައުންސިލްތަކަށް ލިބިދީފައިވާ މާލީ މިނިވަންކަމާއި، ވަސީލަތްތަކުގެ މިލްކުވެރިކަމާއި، ރަށްރަށުގެ ޚިދުމަތްތަކާއި އުމްރާނީ ތަރައްގީއަށް ފަހިވެފައިވާ ދޮރުތައް ބަންދުކުރުމުގެ ނިޔަތުގައި ސަރުކާރުން ގެންނަ ބަދަލުތަކެއް ކަމަށެވެ.
އެކަމުގެ ސަބަބުން ރައްޔިތުން ފަސް އަހަރު ދުވަހަށް އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ނުކުޅެދި، ކައުންސިލަރުންނާއި ރައްޔިތުންގެ ހައްގުތައް ވެސް ގެއްލޭ ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި އެއީ ގާނޫނުއަސާސީއާއި ލާމަރުކަޒީ ރޫހާ ވެސް ޚިލާފު ބަދަލުތަކެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން ވަނީ އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައިފައެވެ. އަދި ބިލު އަނބުރާ ނުގެންގޮސްފިނަމަ ވެސް ރައްޔިތުންގެ ހައްގުގައި، މަޖިލީހުގެ މެންބަރުން އެ ބިލަށް ވޯޓު ނުދިނުމަށް އެދިފައިވެއެވެ.
ގަމު ކައުންސިލުން ވެސް ވަނީ އެ ބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކާ އެމްޑީޕީން އަބަދުވެސް ދިޔައީ ދެކޮޅު ހަދަމުންނެވެ. އަދި އެ ޕާޓީން ވެރިކަމުގައި އޮވެ، ފައްކާކުރި ލާމަރުކަޒީ ދާއިރާ މި ސަރުކާރުން ފުނޑާލަން އުޅުމުގެ ގޮތުގައި ސިފަކުރެއެވެ.
އެގޮތުން އެ އިސްލާހުތަކާއެކު، މާލީ މިނިވަންކަން ކައުންސިލްތަކަށް ގެއްލި، ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ފާއިތުވެދިޔަ މުއްދަތުގައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި, ލާމަރުކަޒީ ނިޒާމު 'ބޮޑުތަނުން ފަހަތަށް ސޮއްސާލާނެ' ކަމަށެވެ.
އިސްލާހުގައިވާ ގޮތުންނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.
އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
ލާމަރުކަޒީ ގާނޫނަށް މިފަދަ އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން މި ހުށަހެޅީ، އެފަދަ ވާހަކަތަކެއް މީގެ ކުރިން ވެސް ދެކެވިފައިވަނިކޮށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ދެތިން ފަހަރު އިސްލާހު ވެސް ގެނެސްފައެވެ.