އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް ޚާއްސަ، 'އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް'ގެ ނަމުގައި އައު އިންޑެކްސްއެއް ތައާރަފުކުރަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މި ސަރުކާރު އައިސް ފާއިތުވެދިޔަ ދެ ރަމަޟާން މަހު ވެސް އާންމުންނަށް ދަތިނުވެ، އެކަށީގެންވާ އަގުގައި ކާބޯތަކެތި ލިބުނު ކަމަށެވެ. މަދު ހާލަތެއްގައި ދެތިން ދުވަހަށް ބައެއް ތަކެތި ނުލިބި ދިޔަ ނަމަވެސް ކޮންމެވެސް ގޮތަކުން އެކަން ކަމަށް ވެސް ހައްލު ހޯދުނުކަން ސައީދު ވިދާޅުވިއެވެ.
އެއީ ސަރުކާރުން ކާބޯތަކެތީގެ އަގުތައް ހެޔޮކޮށް، ފަސޭހައިން ލިބޭ ގޮތް ހެދުމަށް އެޅި މުހިންމު ފިޔަވަޅުތަކުން ލިބުނު ކާމިޔާބީ ކަމަށް ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް
ސައީދު ވިދާޅުވީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއެކު ވަރަށް އަވަހަށް އުފައްދާ އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސްއިން ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަންނާނެ ކަމަށެވެ.
މި އިންޑެކްސްގެ ތެރެއިން އާންމުކޮށް ގޭބީސީތަކުން މި ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އެޅޭނެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކުރިއަށް މިއޮތް ދެ ދުވަހެއްވަރު ތެރޭގައި އާންމުކުރާނަން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ސައީދު ވިދާޅުވީ އެ އިންޑެކްސްގެ ދަށުން މޮނިޓަކުރުމަށް 162 އައިޓަމް ހިމަނާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމަށް ބޭނުންކުރާ 111 އައިޓަމަކާއި، މޭވާއާއި ތަރުކާރީގެ 39 ބާވަތަކާއި، މަހުގެ 10 ބާވަތެއްގެ އިތުރުން ހަކަތައިގެ ދެ އައިޓަމް ހިމެނެއެވެ. އޭގެ ތެރެއިން ވެސް، 'ކްރިޓިކަލް އައިޓަމް'ގެ ގޮތުގައި, ބަދަލުގައި އެހެން އެއްޗެއް ބޭނުންނުކުރެވޭ 35 ބާވަތް ފާހަގަކޮށްފައިވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މާރުކޭޓު ގޮޅިތަކުގައި މީހުން ތޮއްޖެހިފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މި އައު އިންޑެކްސްއާއެކު މަސް ނިމުމުން އެ ތަކެތީގެ އަގުތައް އުފުލިފައިހުރި މިންވަރު ދެނެގަނެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ކާބޯތަކެތީގެ އަގުތައް ދެނެގަތުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް ބޮޑެތި ފިހާރަތަކުގައި ތަކެތި ވިއްކާ އަގުތައް ދެނެގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ވެސް 'ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި)' ބޭނުންކޮށްގެން ސްޓެޓިސްޓިކްސް ބިއުރޯއިން ތަކެތީގެ އަގުތައް އުފުލޭ މިންވަރު ދެނެގަނެއެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން އެންމެ ފަހުން މިދިޔަ ޖޫން މަހު އާއްމުކުރި ސީޕީއައި ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގެ އިންޕްލޭޝަން ހުރީ 3.76 ޕަސެންޓުގައެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަހު ރެސްޓޯރަންޓުތަކުން ވިއްކާ ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 29.6 ޕަސެންޓުގައެވެ. އޭގެ ފަހުން، ނިމުނު ޖޫން މަހު އެ ދާއިރާތަކުގެ އިންފްލޭޝަން ހުރީ 29.4 ޕަސެންޓުގައި ކަމަށްވާއިރު، އެއީ މި އަހަރު އެންމެ ބޮޑަށް އިންފްލޭޝަން އުފުލުނު ދާއިރާއެއް ކަމަށް ހިސާބުތަކުން ދައްކައެވެ.