ހިންގުމުގެ ހުއްދަ ލިބިގެން ނޫނީ ފަތުރުވެރިކަމުގެ ޚިދުމަތްތައް އިޝްތިހާރު ނުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ރޭ އައު ގަވައިދެއް ނެރެފިއެވެ.
"ދިވެހި ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަން އިސްތިހާރު ކުރުމުގެ ގަވައިދު"ގެ މަގުސަދެއް ކަމަށް ބުނެފައިވަނީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ބޭރު ދުނިޔޭގައި ދައްކާ އިޝްތިހާރުތަކުގައި ހިމެނޭ މައުލޫމާތަކީ ތެދު މައުލޫމާތުކަން ކަށަވަރުކުރުމާއި ފަތުރުވެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ޒިންމާދާރުކަމާ އެއްކޮށް އިޝްތިހާރު ކުރުމެވެ.
އޭގެއިތުރަށް، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގެ ވަށައިގެންވާ މާހައުލާއި ލިބެން ހުންނަ ޚިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު އާންމުކުރުމުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުނުވާނެހެން ރާއްޖެ ޒިޔާރަތް ކުރަން ބޭނުންވާ ފަތުރުވެރިންނަށް އިޝްތިހާރުކޮށްދިނުން މި ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ފަތުރުވެރިންތަކެއް: ފަތުރުވެރިކަމުގެ ޚިދުމަތްތައް މިހާރު އިޝްތިހާރު ކުރެވޭނީ ހިންގުމުގެ ހުއްދަ ލިބިގެން -- ފޮޓޯ/ އެކްސްޕްލޯ މޯލްޑިވްސް
މި ގަވައިދު ހިނގާ ތަންތަނުގެ ތެރޭގައި ހިމެނެނީ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓާއި ޕްރައިވެޓް ރަށްތަކާއި ޓޫރިސްޓު ހޮޓާތަކާއި ގެސްޓުހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކާއި ޔޮޓު ބަނދަރާއި ފީނުމުގެ ޚިދުމަތްދޭ ތަންތަނުގެ އިތުރަށް ވޯޓާ ސްޕޯޓްސްގެ ޚިދުމަތްދޭ ތަންތަނެވެ.
އެތަންތަނުގެ އިތުރަށް ވެސް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތަންތަނަށް ފަތުރުވެރިކަމުގެ ޚިދުމަތްތައް އިޝްތިހާރު ކުރެވޭނެ ކަމަށް ގަވައިދުގައިވެއެވެ. އަދި، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރަމުން އަންނަ ތަންތަނަށް އިޝްތިހާރު ކުރުމުގެ ހުއްދަ ދިނުމުގެ އިޚްތިހާރު މިގަވައިދުގެ ދަށުން މިނިސްޓްރީއަށް ވަނީ ދީފައެވެ.
އެއާއެކު، މިގަވައިދުގެ ދަށުން ފަތުރުވެރިކަމުގެ ޚިދުމަތްތައް އިޝްތިހާރު ކުރުމަށް ހުއްދަ ހޯދަން ޖެހޭއިރު، އެހުއްދަ ހޯދެނީ މިނިސްޓްރީން ކަނޑައަޅާ ޕޯޓަލެއް މެދުވެރިކޮށް ފޯމު ހުށަހަޅައިގެންނެވެ.
ގަވައިދުގައި އިރުޝާދު ދީފައިވާ ގޮތުން، ޚިދުމަތްތައް އިޝްތިހާރުކުރަން ވާނީ ރަޖިސްޓްރީއާއި އޮޕަރޭޓިން ލައިސަންސާ އެއްގޮތަށެވެ. އެގޮތުން،
- ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރާއިރު، ހަގީގަތާ ޚިލާފު ފޮޓޯތަކާއި ވީޑިއޯތައް ބޭނުންނުކުރުން
- ހަގީގަތާއި ޚިލާފު އޮންލައިން ރިވިއުތަކާއި ކޮމެންޓުތައް ނުކުރުން
- އޭއައި ނުވަތަ މެޝިން ލާނިން ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓެއް ބޭނުންކުރާނަމަ އެކަމެއް ސާފުކޮށް ބަޔާންކުރުން
- އިޝްތިހާރު ކުރުމުގައި ބޭނުންކުރަނީ އަމިއްލަ ކޮންޓެންޓަކަށްވުން
ގަވައިދުގައި ވަނީ، ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ތަންތަނާއި މިނިސްޓްރީން އެކަމަށް ހުއްދަ ދޫކޮށްފައިވާ ތަންތަނުން ގަވައިދާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިގޮތުން، 24 ގަޑިއިރު ތެރޭގައި އެ އިޝްތިހާރު ނަގަން އަންގާނެއެވެ. އެ އިޝްތިހާރު ނުނަގާނަމަ ޖޫރިމަނާކުރާނެ ކަމަށް ގަވައިދުގައިވެއެވެ.
ގަވައިދާ ޚިލާފުވުމުން ފުރަތަމަ ފަހަރަށް 10،000 ރުފިޔާއިން ޖޫރިމަނާކުރާއިރު، ދެވަނަ ފަހަރަށް ކުރަނީ 50،000 ރުފިޔާއިންނެވެ. އަދި، ތިން ވަނަ ފަހަރަށް ގަވައިދާ ޚިލާފުވެއްޖެނަމަ، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.