3،000 އަށްވުރެ ގިނަ ޔުނިޓު އެއްކޮށް ނިންމައި، އެފްޑީސީއާ ހަވާލުކޮށްފި

ފުލެޓުތަކުގެ މޮޑެލް ރައީސް ބައްލަވަނީ: ތިން ހާހަށް ވުރެ ގިނަ ފުލެޓުތަކުގެ ތަޅުދަނޑި އެފްޑީސީއާ ވަނީ ހަވާލުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމި 4،000 ފުލެޓުގެ ތެރެއިން 3،000 އަށް ވުރެ ގިނަ ޔުނިޓްތަކުގެ މަސައްކަތްތައް ނިންމައި، ތަޅުދަނޑި މިހާރު ހަވާލުކޮށްފައިވާ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މިއަދު ބުނެފިއެވެ.

އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ފުލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ނިމި ފައިނަލް އިންސްޕެކްޝަންގެ މަސައްކަތް ކަމަށެވެ.

އެގޮތުން، އެ ކޯޕަރޭޝަންގެ އަމާޒަކީ ހުރިހާ ފުލެޓުތަކެއްގެ މަސައްކަތް ނިންމައި، އަންނަ ސެޕްޓެންބަރު މަހުގެ ނިޔަލަށް މީހުންނަށް ފުލެޓުގައި ދިރިއުޅެން ފެށޭވަރު ކޮށްދިނުން ކަމަށް ހަމްދާން ވިދާޅުވިއެވެ. އޭނާ ވަނީ މިހާރު އެފްޑީސީއާ ތަޅުދަނޑި ހަވާލުކޮށްފައިވާ ޔުނިޓުތަކުގެ ތަފާސްހިސާބުތައް ވެސް ހާމަކުރައްވާފައެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: ތިން ހާހަށް ވުރެ ގިނަ ޔުނިޓުތަކުގެ ތަޅުދަނޑި އެފްޑީސީއާ ހަވާލުކޮށްފި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މިގޮތުން، އެ ފުލެޓުތަކުގެ ތެރެއިން 'ދޯދި އުދަރެސް' ޕްރޮޖެކްޓުގެ 1،776 ޔުނިޓެއްގެ ތަޅުދަނޑި ހަވާލުކޮށްފައިވާއިރު، ބާކީ 224 ޔުނިޓުގެ ފައިނަލް އިންސްޕެކްޝަންގެ މަސައްކަތް މިހާރު ކުރިއަށްދާކަން ހަމްދާން ފާހަގަކުރެއްވިއެވެ. 'އުދަރެސް ޕްރޮޖެކްޓު'ގެ 1،522 ޔުނިޓެއްގެ ތަޅުދަނޑި މިހާރު އެފްޑީސީއާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އުންމީދަކީ ބާކީ ޔުނިޓަކުގެ ތަޅުދަނޑިތައް މި މަހުގެ ނިޔަލަށް ފޯރުކޮށްދިނުން ކަން ހަމްދާން ފާހަގަކުރެއްވިއެވެ.

ޓެނަންޓުން މޫވްއިން ކުރުމަށް ފަހު އަޅުގަނޑު ބޭނުމެއް ނޫން ޓެނަންޓަކަށް އެއްވެސް ކަހަލަ ދަތިކަމެއް އަންނާކަށެއް. އެހެންވީމާ އެންމެ ފުރިހަމަ ސިފައެއްގައި ޔުނިޓުގެ މަސައްކަތް ނިމި ޓެނަންންޓުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން މިދަނީ ފައިނަލް އިންސްޕެކްޝަން ތެރޭގައި ވެސް ކިރިޔާ ވެސް އިޝޫއެއް އަންނަންޏާ ވަކިވަކިން އެބަ އަންގަން މިތަން ރެކްޓިފައި ކުރާށޭ، މިވެނި ކަމެއް ރަނގަޅު ކުރާށޭ. [ރަނގަޅު] ކޮށްފައި އަޅުގަނޑުމެން ޔުނިޓާ މި ހަވާލުވަނީ، އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް

އޭނާ ވިދާޅުވީ، ފުލެޓުގެ ހުރިހާ ކަމެއް ރާވަނީ ޝެޑިއުލްކޮށްގެން ކަމަށެވެ.

އެ ތަނުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްތަކެއް ކުރާކަން ހަމްދާން ފާހަގަކުރެއްވިއެވެ. އެގޮތުން، ހުރިހާ ޓަވަރުތަކެއްގައި ސީސީޓީވީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކޮންމެ ޓަވަރެއްގައި ސެކިއުރިޓީ ބަލަހައްޓާނެ މީހަކު ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ ދުވަހަކު ޓަވަރުތަކުގެ ސެކިއުރިޓީ ބަލަހައްޓާނެ ކަމަށާއި 24 ގަޑިއިރު ތެރޭ މަދުވެގެން ދެ ފަހަރު ކޮންމެ ޓަވަރެއް ޗެކު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 29ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަަބްދުﷲ މުއްތަލިބު ވިދާޅުވީ، 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި އަމާޒަކީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ.

އެ ފުލެޓުތައް މިހާރު ހަވާލުކުރަން އުޅޭއިރު ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަންއިން ޖަމިއްޔާއިން ވަނީ މި ސަރުކާރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކާއި، ހިޔާ އަދި ވިނަރެސް ފްލެޓާއި، ރާއްޖޭގެ އެހެން ސޯޝަލް ހައުސިން ޔުނިޓަކުގެ ކުލި ކުޑަކުރި ގޮތަށް އެފްޑީސީގެ 4،000 ފްލެޓުގެ ކުލި ކުޑަކޮށްދިނުމަށް ގޮވާލައިފައެވެ.

comment ކޮމެންޓް