ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީސީ)އިން، އެ ކޯޕަރޭޝަންގެ ލޯކަލް އެމްބެސެޑަރަކަށް މަޝްހޫރު ފުޓްބޯޅަ ކޮންޓެންޓް ކްރިއޭޓަރު އަދި ސްޕޯޓްސް ޓޫރިޒަމް ޗެމްޕިއަން މުހައްމަދު ނައުޝާދު މިއަދު ހަމަޖައްސަވައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ، މި ސްޓްރެޓީޖިކް ޕާޓްނަޝިޕްގެ މައިގަނޑު މަގުސަދަކީ ކުރިއަރަމުން އަންނަ ކުޅިވަރު ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަ ސަމާލުކަމެއްދީ، ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަފާތު ތަޖުރިބާތަކަށް އަލިއަޅުވާލުމަށް ލޯކަލް އަޑުތައް ބޭނުންކޮށްގެން ގިނަ ފަރާތްތަކެއް ހިމެނޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދައްކާލުން ކަމަށެވެ.
މުހައްމަދު ނައުޝާދަކީ ލޯކަލް ކުޅިވަރާއި ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޮންޓެންޓް ކްރިއޭޓަރެއް، އިވެންޓް މެނޭޖަރެއް، އަދި ސްޕޯޓްސް ޓޫރިޒަމް ޗެމްޕިއަނެކެވެ. އޭނާގެ ހިތްގައިމު ސްޓޯރީޓެލިންއާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އޭނާގެ ޕްރެސެންސްއަކީ ދިވެހިރާއްޖޭގެ ކުޅިވަރާއި ގުދުރަތީ ރީތިކަން ޕްރޮމޯޓްކުރަން ވަރުގަދަ އަޑެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ، އަމާޒަކީ ނައުޝާދު ފަދަ ނުފޫޒު ގަދަ މީހުންނާ ގުޅިގެން ރާއްޖެއަކީ ފުޅާ ދާއިރާއެއްގައި ޚާއްސަކޮށް ކުޅިވަރާއި އެޑްވެންޗާ ޓްރެވަލް ކޮމިއުނިޓީތަކުގެ ތެރޭގައި ޓޮޕް އޮފް މައިންޑް ޓްރެވަލް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުން ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ޕާސަނަލް އިންފްލޫއެންސްއާއި ޕްރޮފެޝަނަލް ނެޓްވޯކްތައް ބޭނުންކޮށްގެން ދިވެހިރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކުރުމަށްވުރެ އިތުރުން ތަފާތު ތަޖުރިބާތައް ވެސް ލިބޭ މަންޒިލެއްގެ ގޮތުގައި ދައްކުވައިދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި، ސްޓޯރީޓެލިންގެ ތެރެއިން ރާއްޖޭގެ އޮތެންޓިކް ތަޖުރިބާތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ލޯކަލް ސަގާފަތާއި ކުޅިވަރަށް ހުންނަ ޝައުގުވެރިކަން ވެސް ދައްކާލާނެއެވެ. މިއީ ދިވެހިން ބައިވެރިކޮށްގެން ޑެސްޓިނޭޝަން ބްރޭންޑިން ހަރުދަނާކުރަން ކުރަމުން އަންނަ މަސައްކަތެކެވެ.
ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި މީގެ ކުރިން ވަނީ މިއުޒިކް ބޭންޑް '2އޮފްއަސް' ހަމަޖައްސާފައެވެ. އެ ކުންފުނީގެ އަމާޒަކީ ދިވެހި ފަންނާނުންނާއި ހުނަރުވެރިން ބައިވެރިކޮށްގެން އެ މީހުންގެ ތަފާތު ވާހަކަތައް ދުނިޔެއާ ހިއްސާކުރުމަށް ބާރުވެރިކޮށްދީ، ފަތުރުވެރިކަން ޕްރޮމޯޓްކުރުމާއި ލޯކަލް ކޮމިއުނިޓީއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.