ޣައްޒާ ހިފުމަށް އިސްރާއީލުން ރާވާފައިވާ ޕްލޭނާ އެމެރިކާއިން ނުބެހޭނެ: ޓްރަމްޕް

ޣައްޒާގެ އުތުރަށް ވަންނަ އެހީ ޓްރަކްތަކުން އެހީ ހޯދަން މަސައްކަތްކުރި ބަޔަކު މަރާލުމާ ގުޅިގެން އާއިލާގެ މެމްބަރުން ހިތާމަ ކުރަނީ. ފޮޓޯ/އޭޕީ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ދެމުންގެންދާ ހަމަލާތަކުގެ ޕްލޭނަށް ބަދަލު ގެނެސް ހަމާސް އެއްކޮށް ނައްތާލައި، މުޅި ޣައްޒާ ކޮންޓްރޯލު ކުރުމަށް އިސްރާއީލުން ރާވާފައިވާ ޕްލޭނާ އެމެރިކާއިން ނުބެހޭނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މުޅި ފަލަސްތީނުގެ ސަރަހައްދު ހިފުމަށް ނިންމާފައިވާ ކަމަށް ބުނެ އާންމުވެފައިވާ ރިޕޯޓަކާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަދި އެމަނިކުފާނު މިހާރު ފޯކަސް ކުރައްވަނީ ޣައްޒާގައި ތިބި މީހުންނަށް ކާންދިނުމަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

"ތިކަމާ ބެހޭގޮތުން އަޅުގަނޑަކަށް މާބޮޑު އެއްޗެއް ނުބުނެވޭނެ. އެއީ އިސްރާއީލުގެ ކަމެއް." ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ވޮޝިންޓަނުން އިސްރާއީލަށް އަހަރަކު އެތައް ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭއިރު، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުމުން އެ އެހީތެރިކަން ވަނީ ކުރިއަށްވުރެ އިތުރުކޮށްފައެވެ.

އިސްރާއީލުން މިހާރު ވަނީ ފަލަސްތީނުގެ 86 ޕަސަންޓް ސަރަހައްދު އަސްކަރީ ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

ބާކީ ސަރަހައްދުތަކުގައި އަސްކަރީ އޮޕަރޭޝަންތައް އިތުރުކުރުމަކީ މިހާރު ވެސް ކޮންމެ ދުވަހަކު ބޮމުގެ ހަމަލާތަކާއި އިސްރާއީލުން ލާޒިމުކުރާ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ މީހުންގެ ފުރާނައަށް އިތުރަށް ނުރައްކާވާނެ ކަމެކެވެ.

ޣައްޒާ ފަތަހަ ކުރުމަށް ނަތަންޔާހޫ ރާވާފައިވާ ކަމަށް ބުނާ ޕްލޭންތަކުގެ ސަބަބުން ހަމާސް އާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން އެ ސަރަހައްދުގައި ހިފަހައްޓާފައިވާ އިސްރާއީލުގެ ބާކީ ތިބި އަސީރުންގެ ސަލާމަތާ މެދު ވެސް ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

އދ.ގެ އެންމެ އިސް އޮފިޝަލް މިރޮސްލާވް ޖެންކާ ވިދާޅުވީ މުޅި ޣައްޒާ ހިފުމަކީ ނަތީޖާ ވަރަށް ހިތިވާނެ ކަމެއް ކަމަށެވެ.

އިސްރާއީލުގެ އަމާޒަކީ ޣައްޒާގެ ނަސްލު ނައްތާލުމަށް ފަލަސްތީނުގެ ހުރިހާ ރައްޔިތުން އެ ސަރަހައްދުން ބޭލުން ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ. ފަލަސްތީނުގެ އާންމުން ޣައްޒާއިން ބާލައި އެ ސަރަހައްދު އާރާސްތު ކުރާނެ ކަމަށް ޓްރަމްޕް ވެސް މީގެކުރިން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް