ވައްކަން ހުއްޓުވެން އެބައޮތް: މިކަން ކުރަން ކެރޭނެތަ؟

މާ ދުރުދުރުން ނުގޮސް ސާފުކޮށް ބުނެލާނަމެވެ. މިހާތަނަށް ރާއްޖޭގައި ކަންހިނގާ ގޮތަށް ބަލާއިރު ސިޔާސީ ދާއިރާ ގިނަ ބަޔަކު އިޚުތިޔާރުކުރަނީ މައިގަނޑު ދެ ބޭނުމެއްގައެވެ. އެއް ކަމަކީ ނުފޫޒާއި ބާރުވެރިކަން ހޯދުމެވެ. އަނެއް ކަމަކީ ކުރު މަގަކުން އިންތިހާއަށް ތަނަވަސްކަން ހޯދުމެވެ. ގައުމަށްޓަކައި, ދީނަށްޓަކައި, ރައްޔިތުންނަށްޓަކައި, ފަދަ ބަސްތައް ބޭނުންކުރަނީ މި ބުނި ކަންކަމަށް މަގުފަހިކުރުމަށްޓަކައެވެ. ގިނަ ސިޔާސީ މީހުންނަކީ އެ މީހުންގެ ސިޔާސީ މުސްތަގުބަލަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކުރާ ޒާތުގެ މީހުންނެވެ. ހަގީގަތުގައި އެއީ ނުރައްކަލެކެވެ. އެހެންކަމުން އެފަދަ މީހުންނަށް މުޅިން ކޮންޓްރޯލް ނުދޭން ވާނެ ގިނަ ކަންކަން ހުންނާނެއެވެ.

އެފަދަ އެއް ކަމަކީ އެކިއެކި ވިޔަފާރިތައް ކުރުމަށާއި ޚިދުމަތްތައް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނިތަކެވެ. އެފަދަ ކުންފުނިތައް ސިޔާސީން ބޭނުން ގޮތަކަށް ހިންގަން ފުރުސަތު ދިނުމުން ކަންކަން ދާނީ ގޯހުން ގޯހަށްކަން ޔަގީން ކުރުމަށް ރާއްޖެވަރުގެ ދެވަނަ މިސާލެއް މި ދުނިޔެއިން ހޯދަން މަދުވާނެއެވެ. ރާއްޖޭގައި ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި ހިންގާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އޭގެ ތެރެއިން 22 ކުންފުންޏަކީ ސީދާ 100 ޕަސެންޓް ސަރުކާރުން ހިއްސާ އޮތް ކުންފުންޏެވެ. މިވީ ދިގު މުއްދަތުގެ ތެރޭގައި މީގެ ތެރެއިން ފައިދާއެއް ނެރެވެނީ އެއް އަތުން ގުނާލެވޭހާ މަދު ކުންފުންޏަކަށެވެ. ގާތްގަނޑަކަށް 90 ވަރަކަށް ޕަސެންޓް ކުންފުނި ހިންގަނީ ގެއްލުމުގައި, އަދި ކުރަން ނުވާނެ ހުރިހާ ކަމެއް ކޮށްގެންނެވެ.

ރައީސް މުއިއްޒާއި މާލީ ވަޒީރު ޒަމީރު: -- ފޮޓޯ/ ރައީސް އޮފީސް
ހަމައެކަނި މި ސަރުކާރެއް ނޫނެވެ. މާޒީގައި ކުރި ވެރިކަންތަކުގައި ވެސް ސަރުކާރުގެ ކުންފުނިތައް ހިންގީ މިގޮތަށެވެ. ފުރަތަމަ ކަމަކަށް, ގިނައިން ކުންފުނިތަކުގެ ވެރިންނަށް އައްޔަންކުރަނީ ހިންގުމުގެ ތަޖުރިބާއެއް, އިލްމެއް ނެތް މީހުންނެވެ. އެކަން އެގޮތަށް ކުރަނީ ނޭނގިއެއް ނޫނެވެ. އެއީ އުސޫލަށް ނުބަލާ ވެރި މީހާ ބުނިހާ ގޮތެއް ހަދައިދޭނީ އެ މީހުން ކަމަށް ވާތީއެވެ. ވިޔަފާރި ނޭނގުނަސް, އިސްލާމް ޓީޗަރުންނާއި, އަބަދު ހަޅޭއްފަޅޭ ލަވަން އުޅޭ މީހުންނަށް އިސް މަގާމުތައް ދެނީ އެހެންވެއެވެ. ސީދާ ވައްކަންކުރުމަށް ފަސޭހަކުރުމުގެ ބޭނުމުގައެވެ. އަނެއް ކަމަކީ ވޯޓްގެ ބޭނުމަށް ފައިދާތައް ހޯދުމެވެ. އޭގެ ތެރޭގައި ސިޔާސީ ކަންކަން ޝަރުތުކޮށް, ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ހިތުހުރި ގޮތަކަށް ބަހާލުން ހިމެނެއެވެ. ހަމައެކަނި ވަޒީފާއެއް ނޫނެވެ. ކުންފުނިތަކުގެ ވަސީލަތްތަކާއި މުދަލާއި ފައިސާ ވެސް ސިޔާސީ ބޭނުމަށް ހިތުހުރި ގޮތަކަށް ބޭނުންކުރެއެވެ. ޕާޓީތަކުގެ ޖަގަހަ ހިންގާށާއި މަގުމަތީ ބެނާ ދަމާށާއި ސިޔާސީ ޖަލްސާތަކަށް ފަހު ދޭ ބިލެއް މީރުކޮށްލުމަށް ވެސް ކުންފުނިތަކުގެ ފައިސާއާއި މުވައްޒަފުން ބޭނުން ކޮށްފައި އެބަހުއްޓެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައިސް އެކިއެކި ނާޖާއިޒު ފައިދާ ނަގައިގެން ހޯދާ ފައިސާ އާންމު ގޮތެއްގައި ބަހާނީ ތިން ބަޔަކަށެވެ. އޭގެ ތެރެއިން އެއް ބަޔަކީ އޭރަކު ވެރިއަކަށް ހުންނަ މީހާއަށް ދޭ ބައެވެ. އަނެއް ބަޔަކީ ވެރިކަމުގައި އޮންނަ ޕާޓީ ހިންގަން ދޭ ބައެވެ. ތިންވަނަ ބަޔަކީ ވައްކަން ކުރާ މީހާ ނަގާ އޭނާގެ ބައެވެ.

"މި ބައި އެޅުމުގައި ޖެހޭ މައްސަލައިގައި މަގާމުން ވަކިކޮށް އެ ކަހަލަ ކަންކަން ހިނގަނީ. ސީދާ މި ތިން ބަޔަކަށް ބައި އަޅައިގެން މި ވައްކަންތައް ކުރަނީ," ފާޅުގައި މިފަދަ ކަންކަން ހާމަކުރައްވާ އުމަރު ވިދާޅުވިއެވެ.

https://www.sun.mv/205473

މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅަކު ޚިޔާތާނުގެ އެ ކުޅި ކުޅޭގޮތް ކިޔައިދެއްވަމުން ވިދާޅުވީ، ރައީސުންނާއި ވެރިކަން ކުރާ ޕާޓީތަކުގެ އިސްވެރިން ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ގުޅައި ފައިސާ ފޮނުވަން އެދުމަކީ އާންމު ކަމެއް ކަމަށެވެ. އެހެންކަމުން މަގާމުގައި ހުރުމުގެ ބޭނުމަށް ކުންފުނިތަކުގެ އެ ވެރިން ފައިސާ ފޮނުވާނެ ކަމަށާއި އެ ފޮނުވާ ފައިސާ އޭނާ ހޯދާނީ އެ ކުންފުނީގެ ތެރެއިން ނާޖާއިޒުކޮށް ކަންކަން ހިންގައިގެން ކަމަށް އޭނާ ކިޔައިދެއްވިއެވެ.

ފާޅުގައި ހިންގާ މި ވައްކަންތަކާއި ނާޖާއިޒު ސިޔާސީ މަންފާތަކުގެ ސަބަބުން އެ ބުރަ އުފުލަން ޖެހިފައިވަނީ ގައުމަށެވެ. ތަފާސްހިސާބުތައް ބުނެދެނީ އެ ވާހަކައެވެ. އެ ކުންފުނިތަކުގެ އެސެޓުތައް އިތުރުވިއިރު ޒިންމާވާންޖެހޭ ކަންކަން ވެސް ވީ އިތުރެވެ. އެގޮތުން 2023 ނިމުނުއިރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ހުރީ 125 ބިލިއަން ރުފިޔާގައެވެ. އޭގެ ބޮޑު ބަޔަކީ ދަރަނީގެ ގޮތުގައި ހޯދި ފައިސާއެވެ. އޭގެ ތެރޭގައި ސޮވެރިން ގެރެންޓީގެ ދަށުން ނެގި 12.67 ބިލިއަން ރުފިޔާ ހިމެނެއެވެ. ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި އެއާޕޯޓު ހިންގާ އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތަކުގައި ދަރަންޏާއި ހަރުމުދަލުގެ ރޭޝިއޯ ހުރީ 50 އިންސައްތައަށްވުރެ މަތީގައެވެ. އެހެންވެ، ދަރަނި ދެއްކުމުގެ ގާބިލުކަމާ މެދު ކަންބޮޑުވުން އުފެދެއެވެ. ޚާއްސަކޮށް ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓުތައް މަތިވާތީއެވެ.

ސަރުކާރު ކުންފުނިތަކުގައި ތިބި ޖުމުލަ މުވައްޒަފުންގެ އަދަދު 34,000އިން މައްޗަށް އަރައެވެ. އޭގެ ތެރޭގައި ގިނައީ އެ ކުންފުނިތައް ހިންގަން ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވައްދާފައި ތިބި މީހުންނެވެ. ބައެއް ކުންފުނިތަކުގައި މުވައްޒަފުންނަށް މުސާރަ ދެވޭނެ ވަރު ވެސް ނެތެވެ. އަނެއް ބައި ކުންފުނިތަކުގައި މުސާރަ ދީފައި ވިޔަފާރި ފުޅާކުރާނެ ފައިސާއެއް ނެތެވެ. ހަމައެހެންމެ މީގެ ސަބަބުން ހަމައެކަނި އަސަރުކުރަނީ ބަޖެޓަކަށް ނޫނެވެ. ގައުމުގެ އުފެއްދުންތެރިކަމަށް ވެސް ބޮޑު އަސަރެއް ކުރެއެވެ. މުސާރަ ނަގާލަ, ނަގާލާ އެތައް ހާސް ބަޔަކު އެ ތިބެނީ އުފެއްދުންތެރި އެއްވެސް ކަމެއް ނުކޮށެވެ.

ސިޔާސީ ޕްރެޝަރުން ސަލާމަތްވާން ނުއަގުގައި މަސް ގަތުމާއި ދެވެން ނެތް ވަޒީފާ ދިނުމާއި ހިންގެން ނެތް ޕްރޮޖެކްޓްތައް ހިންގުން ފަދަ ކަންކަމުން ކުންފުނިތައް ހަލާކުވެއްޖެއެވެ. ޚާއްސަކޮށް ކުންފުނިތަކުގެ މެންޑޭޓުން ބޭރުންކުރަން ޖެހޭ ކަންކަމުގެ ސަބަބުންނެވެ.

ހައްލު އެނގޭ, އެކަމަކު ކުރަން ބޭނުމެއް ނުވޭ

ސީދާ ވައްކަންކުރަން ހިންގާ ތަންތަނުން އެކަން ކުރެވެން އޮއްވައި އެ ދޮރު ބަންދުކުރުމަކީ އެކަން ކުރާ މީހުން ކުރާނެ ކަމެއް ނޫނެވެ. މޮޅެތި, ފޮނި ވައުދުތަކާ އެކު ރާއްޖޭގެ ވެރިކަމަށް އަންނަ އެއްވެސް ބޭފުޅަކު އެކަންނުކުރަނީ އެހެންވެއެވެ. ނަމަވެސް، ގައުމުގެ ސަލާމަތަށް އެކަން ކުރަން މިވަނީ މަޖުބޫރުވެފައެވެ. އެހެންކަމުން އެންމެ ފުރަތަމަ ހައްލުކުރަން ޖެހެނީ އެންމެ ބޮޑު މައްސަލައެވެ. އެ މައްސަލައަކީ ސިޔާސީގެ ނުފޫޒު ކަނޑުވާލުމެވެ. ސުވާލަކީ އޭރުން ނަތީޖާ ރަނގަޅު ވާނެތޯއެވެ؟

މި ސުވާލުކުރުމުން, ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ކުރިން ހުންނެވި, މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ފަތުހުﷲ ޖަމީލް ދެއްކެވީ މިސާލެކެވެ. ސަރުކާރު 100 ޕަސެންޓް ހިއްސާވާ މަދު ކުންފުންޏެއް ނޫނީ ރަނގަޅަށް ނުހިނގާއިރު, ނިސްބަތުން ސަރުކާރުގެ ހިއްސާ މަދު ދިރާގާއި، ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގާ އެމްޑަބްލިޔުއެސްސީ، އިސްލާމިކް ބޭންކް ފަދަ ކުންފުނިތަކުގެ ހިންގުން ރަނގަޅުވުމެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގާއެކު އެމްއޭސީއެލްގެ ވެރިންތަކެއް -- ފޮޓޯ/ އެމްއޭސީއެލް
މި މައްސަލަ ހައްލުކުރަން ފަތުހުاللهގެ ޚިޔާލަކީ ސީދާ ރައީސް އޮފީހުން ކުންފުނިތަކަށް ވެރިން އައްޔަންކުރުމުގެ ބަދަލުގައި, ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އަށް ޕްރޮފެޝަނަލްކޮށް އެ މަސައްކަތްކުރަން ބާރުތައް ދިނުމެވެ. އެގޮތުން، ކުންފުނިތަކުގެ ސީއީއޯއާއި މެނޭޖިން ޑިރެކްޓަރުން ފެށިގެން އެހެން ޑިރެކްޓަރުންނަކީ ވެސް އިއުލާނުކުރުމުން ކުރިމަތިލާ މީހުންގެ ތެރެއިން, ގާބިލު މީހުންނަށް ބަލައި "މެރިޓް" އުސޫލުން ނަގާ ބަޔަކަށް ވާންޖެހޭ ކަމަށް ފަތުހުالله ވިދާޅުވިއެވެ.

"ގަވާނަންސް ރަނގަޅުކުރެވޭނީ ކުންފުނިތައް ހިނގާގޮތް އެނގޭ, ފައިނޭޝިއަލް ބެކްރައުންޑް ހުރި މީހުން ވެރިންނަށް އައްޔަންކޮށްގެން. ވިޔަފާރި ކުންފުނިތަކުގެ އޮޕަރޭޝަންސް ހިނގާ ގޮތް އެނގޭ މީހަކަށް ކުންފުނި ރަނގަޅަށް ހިންގޭނީ. އެފަދަ މީހުން ކުންފުނިތަކަށް އައްޔަންކޮށްގެން ރަނގަޅަށް ކުންފުނި ހިންގޭނީ," ފަތުހުالله ވިދާޅުވިއެވެ.

މިހާރު ކޮންމެ ވެރިކަމަކާ އެކު ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއްގެ ވެރިން ބަދަލުވެއެވެ. ބައެއް ފަހަރު ސިޔާސީ ކަންކަމުގައި ޖެހި އައްޔަންކުރައްވާތާ މާ ގިނަ ދުވަހެއް ނުވެ ވެސް މަގާމު ގެއްލެއެވެ. ގިނަ ފަހަރަށް ޖެހެނީ ޚިޔާނާތުން ހޯދާ ފައިސާއިން ބައި އަޅާ ގޮތުގެ މައްސަލަ ކަމަށް ބުނެވެއެވެ. އަނެއް ބައިފަހަރު ބުނިހާ ގޮތެއް ނުހަދާތީ ވެސް މަގާމު ގެއްލުވާލައެވެ.

ފަތުހުالله ވިދާޅުވި ގޮތުގައި ރަނގަޅަށް, އަދި ދުރުރާސްތާ ޕްލޭނެއް ހަދައިގެން ކުންފުނިތައް ހިންގަން މިއީ ދިމާވާނެ ގޮންޖެހުމެކެވެ. އޭގެ ބަދަލުގައި ރަނގަޅަށް ޕާފޯމް ކުރެވޭނަމަ ވެރިންނަށް ނަތީޖާއެއް ނެރެވޭހާ ދުވަހު ކުންފުނިތަކުގައި ހުރުމުގެ ފުރުސަތު ލިބެން ވާނެ ކަމަށް ފަތުހުالله ވިދާޅުވިއެވެ.

ދެން އޮތް އަނެއް ގޮތަކީ, ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެޖޯރިޓީ ހިއްސާ ވިއްކުމެވެ. ނުވަތަ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމެވެ. މިއީ އެކަމަކު ހުރިހާ ކުންފުނިތަކަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެއެވެ. ޚާއްސަކޮށް އަސާސީ ޚިދުމަތްތަކާއި ޒަރޫރީ ޚިދުމަތްދޭ ކުންފުނިތަކެވެ. ނަމަވެސް، އާންމު އުސޫލުން ވިޔަފާރިކުރާ ކުންފުނިތައް ރަނގަޅު ގޮތުގައި ޕްރައިވަޓައިޒް ކުރެވިއްޖެ ނަމަ، ހިންގުން މާ ބޮޑަށް ވެސް ހަރުދަނާ ކުރެވޭނެއެވެ.

މި ރިޕޯޓަށް މައުލޫމާތު ދެއްވި ދިވެހި އިކޮނޮމިސްޓަކު ވިދާޅުވިގޮތުގައި އަމިއްލަ މީހުންގެ ހިއްސާ ކުންފުނީގައި އިތުރުވުމުގެ އެންމެ ބޮޑު ފައިދާއަކީ މާލީ ގެއްލުން ކުޑަކޮށް, ފައިދާ ނެރުމަށް އިސްކަން ދޭ މިންވަރު އިތުރުވުމެވެ. އެހެންކަމުން ޚަރަދު ކުޑަކުރުމަށާއި ފައިދާ އިތުރު ކުރެވޭނެ ކަންކަން ކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ނިންމުންތައް އަވަސްކޮށް ސިޔާސީ މަންފާއަށް ވުރެ ބާޒާރުގެ ޓްރެންޑަށް ބަލައިގެން ކަންކަން ނިންމާނެއެވެ.

"މި ބަދަލުގެ ސަބަބުން އާ ތަޖުރިބާތަކެއް ލިބި، މެނޭޖްމަންޓް ޕްރެކްޓިސްތައް ރަނގަޅުވާނެ. ސަރުކާރަށް ބަރޯސާވުން ކުޑަވާނެ. ދިރާގާއި ބީއެމްއެލް އަދި އެމްޑަބްލިއުއެސްސީ ފަދަ ސަރުކާރު ނޫން ބައެއް ހިއްސާ އޮންނަ އެސްއޯއީތައް އެވްރެޖްކޮށް މުޅިން ސަރުކާރު ހިއްސާވާ އެސްއޯއީތަކަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެމުންދާތީ އެއީ މިކަމުގެ ހެއްކެއް," ހުންނެވި މަގާމުގެ ގޮތުން ނަން ހާމަނުކުރަން އެދި އެ އިކޮނަމިސްޓް ވިދާޅުވިއެވެ.

އޭނާ ދެން ފާހަގަކުރެއްވީ އެސްއޯއީތަކުގެ ކަންކަން ބަލަހައްޓާ ޕީސީބީއަށް ގެންނަން ޖެހޭ ބަދަލުތަކެވެ. މިހާރު ޕީސީބީ ހިންގަމުން އަންނަނީ 2013 ގައި ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން ކަމަށާއި އެ ގާނޫނުގައި ކުންފުނިތައް ހަރުދަނާ ކުރުމަށް ކޮންމެހެން ބޭނުންވާނެ ގިނަ ބާރުތަކެއް ޕީސީބީއަށް ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވެވިއެވެ. އޭގެ ތެރޭގައި ކުންފުނި ހިންގާ ބޯޑުގެ ގަވާއިދުތައް ކަނޑައެޅުމާއި ޕާފޯމަންސް ޗެކްކުރުމުގެ އިތުރުން ދެފުށް ފެންނަ ގޮތަށް ކުންފުނިތައް ހިންގަން ބާރު އެޅުންފަދަ މުހިންމު ކަންކަން ހިމެނެއެވެ.

"ޕީސީބީއަށް މިހާރު ހަމައެކަނި އުސޫލު ހަދައި ލަފާ ދިނުން މި އޮންނަނީ. މިހާރު ގާނޫނު އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ބާރުތައް މި އޮންނަނީ ކުންފުނިތަކުގެ. ބޯޑް މެންބަރުންނާއި އެމްޑީން އައްޔަންކުރުމުގެ ވެސް. އަދި، މިހާރު މި އޮތް ގޮތުން ޕީސީބީ ހިންގަނީ ފިނޭންސް މިނިސްޓްރީގެ ތެރޭގައި. ނަތީޖާއަކީ މިނިވަންކަމާ އެކު ކުންފުނިތަކުގެ ކަންކަން ބެލުމުގެ ފުރުސަތު ހަނި," އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުން ހުރިހާ ކަމެއް ކުރުމުގެ ބަދަލުގައި އަމިއްލަ ވިޔަފާރިތައް ބޭނުންކޮށްގެން ރާއްޖޭގައި މަޝްރޫއުތައް ހިންގުން އިތުރުކުރަން ޖެހެއެވެ.

އެ ވާހަކައަށް އިކޮނޮމިސްޓް ވެސް ތާއީދުކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ޒިންމާތަކާއި ކުރަންވީ މަސައްކަތްތައް ކަރުދާހަށް ސާފުކޮށް ގެންނަން ޖެހެއެވެ. އަދި، ކުންފުނިތަކުގެ އިސް މަގާމުތަކަށް އާދެވޭނީ ކޮން ފެންވަރެއްގެ ބަޔަކަށް ކަމާއި ވިޔަފާރިތައް ހިންގަން ވާނީ ބިޒްނަސް ޕްލޭނެއްގެ ދަށުންކަން ވެސް ލިޔަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މި އުސޫލުތަކާ ހިލާފުވާނަމަ އަދަބު ދެވޭނެ ގޮތެއް ވެސް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ސަރުކާރުން އަބަދު ސަބްސިޑީ ދޭ އުސޫލުން ކުންފުނިތައް ހިންގުން ހުއްޓާލަން އޭނާ ލަފާ ދެއްވައެވެ.

މި ފާހަގަކުރި ހައްލުތަކަކީ ސިޔާސީންނަށް ނޭނގޭ ކަންކަމެއް ނޫނެވެ. މިއީ ނުކުރެވޭނެ ކަންކަމެއް ވެސް ނޫނެވެ. މި ކަންކަން ނުކުރަނީ ގަސްތުގައެވެ. އެއީ، ވައްކަން ކުރުމަށާއި ސިޔާސީ މަންފާ ނެގުމަށްޓަކައެވެ. ނަމަވެސް، އަބަދު މިހެން ދާން ވެއްޖެނަމަ ދެން ކުރިމަތިމާން އޮތް ނުރައްކާ މާ ބޮޑެވެ. އެހެންކަމުން އަވަސް ހައްލެއް ބޭނުންވެއެވެ. އެ ހައްލު ގެންނަން އެންމެ ފުރަތަމަ ބޭނުން ވަނީ އިހުލާސްތެރިކަމެވެ.

comment ކޮމެންޓް