76އަށް ވުރެ މަތިން މާކްސް ލިބި، ފުލެޓު ނުލިބޭ މީހުންގެ ގުރު ނަގާ ދުވަސް އާންމުކުރަނީ

އެފްޑީސީން އަޅާ ފުލެޓުތައް: 76އަށް ވުރެ މަތިން މާކްސް ލިބި، ފުލެޓު ނުލިބޭ މީހުންގެ ގުރު ނަގާ ދުވަސް އާންމުކުރަނީ -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 76އަށް ވުރެ މަތިން މާކްސް ލިބި، ގުރު ނެގުމުން އުނިވުމުން ފުލެޓު ނުލިބޭ މީހުންގެ ގުރު ނަގާ ދުވަސް އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހަތްދިހަ ހަ ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވިފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެހެންވެ، ހައުސިން މިނިސްޓްރީން ނިންމީ 76 ޕޮއިންޓް ލިބި ގުރުއަތުން ބާކީވި މީހުންގެ ގުރު އަލުން ނަގައި، ފުލެޓު ދިނުމަށެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި، ގުރުއަތުން ބާކީވި މީހުންނަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލަށް ރިއާޔަތްކޮށް، ފުލެޓު ލިބޭ މީހުންނަށް އިއްޔެއިން ފެށިގެން އެކަން އަންގަމުން އަންނަ ކަމަށެވެ. އަދި، އެމީހުންގެ ގުރުނަގާ ދުވަސް އާންމުކުރާނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.

އިތުރަށް އެމިނިސްޓްރީން ބުނީ، ދެމަފިރިން ވަކިން ފުލެޓަށް ހުށަހަޅައިގެން ދެމީހުންނަށް ވެސް ފުލެޓު ލިބޭ ހާލަތުގައި އެ ސްކީމުގެ ދަށުން ފުލެޓު ދިނުމަށް މިނިސްޓްރީން ނިންމާފައި ވަނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށް ކަމަށެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: 76އަށް ވުރެ މަތިން މާކްސް ލިބި، ފުލެޓު ނުލިބޭ މީހުންގެ ގުރު ނަގާ ދުވަސް އާންމުކުރަނީ -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އެފަދަ މީހުންނަށް މިކަން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން އަންގަމުން އަންނައިރު، މި ހާލަތުގައި އަމަލު ކުރަން ޖެހޭނެ ގޮތް ވެސް މިނިސްޓްރީން ވަނީ ކިޔައިދީފައެވެ.

އެ ހާލަތުގައި، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް 'ފުލެޓު ދޫކޮށްލާ ކަމުގެ އިގުރާރު'ގައި ދެމަފިރިން ސޮއިކުރުމަށް ފަހު، ރަސްމީ ފަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެއިތުރަށް، ނޯޓަރައިޒްކޮށްފައިވާ އަސްލު ލިޔުމާއި ނޯޓަރީ ޕަބްލިކް ދޫކޮށްފައިވާ ސެޓުފިކެޓުގެ އަސްލު މިނިސްޓްރީގެ ކައުންޓަރަށް ހުށަހަޅަން ޖެހެއެވެ.

އޭގެފަހުން، ޕޯޓަލްއަށް އިގުރާރު ހުށަހެޅުމުން އަނބިމީހާ ނުވަތަ ފިރިމީހާގެ އީ ފާސްއިން ލޮގިން ވުމަށް ފަހުގައި، އިގްރާރު އެޕްރޫވް ކުރަން ޖެހޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

https://sun.mv/209574

އެ ސްކީމުގެ ދަށުން އުސޫލާ ޚިލާފަށް 75 ޕޮއިންޓު ލިބުނު 315 މީހަކަށް ފުލެޓު ދިން މައްސަލައެއް ތަހުގީގު ކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީން މިއަދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފައެވެ.

ފުލެޓަށް ގުރު ނެގުމުގެ މައްސަލައިގައި، ކުރީގެ ސަރުކާރުގައި ފުލެޓާއި ގޯތި ދޫކުރުމުގައި އިސްކޮށް ހުންނެވި، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ 76 މާކްސް ލިބުނު މީހުންގެ ތެރެއިން ގުރު ނަގައިފައި ނުވަނީ ދެ ފުލެޓަށް ޝަރުތު ހަމަވި ދެމަފިރިންގެ ކަމަށެވެ. އެގޮތަށް ދިމާވި މީހުންނަށް، ކޮންމެ ދެމަފިރިއަކަށް އެއް ފުލެޓް ރިޒާވްކޮށްފައި ހުންނާނެ ކަމަށާއި، މިނިސްޓްރީން މައުލޫމާތު އޮޅުވާލަނީ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓް ހައްގުވާ މީހުންގެ ލިސްޓު ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާ ކުރުމަށް ފަހު، އައު ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ ފެބްރުވަރީ މަހެވެ.

އެ ލިސްޓާ ގުޅޭ ގޮތުން ވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް