ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ މައްސަލައިގައި ހިތްހަމެނުޖެހުން ފާޅުކޮށް، ހައުސިން މިނިސްޓްރީ ކުރިމަތީ މުޒާހަރާ ކުރަން ފަށައިފިއެވެ.
މިއަދު 11:00 ކަންހާއިރު ފެށި އެ މުޒާހަރާ ކުރަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 76 މާކްސްއަށް ވުރެ މަތިން ލިބި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައި، އެއްބަސްވުމުގައި ސޮއިކުރި ފަހުން ހައުސިން މިނިސްޓްރީން ފޮނުވި މެސެޖުތަކަކާ ގުޅިގެން ކަމަށް ބުނެއެވެ.
އެ މެސެޖުގައި ބުނެފައިވަނީ، 15 އަހަރު މާލޭގައި އުޅުނުކަން ކަށަވަރުނުވާތީ އެކަން މިނިސްޓްރީން އިތުރަށް ބަލަމުން ދާ ކަމަށާއި އެކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމަށެވެ.
އެތަނުގައި މުޒާހަރާ ކުރާ މީހުންނަށް މިނިސްޓްރީގެ އެތެރެއަށް ނުވަދެވޭ ގޮތަށް ފުލުހުން އެބަތިއްބެވެ. ނަމަވެސް، ވަކި ތަރުތީބަކުން ބައެއް މީހުންނަށް އެތެރެއަށް ވަނުމަށް ތަން ދައްކާ މަންޒަރު ފެނެއެވެ.

ފުލެޓްތައް ދޫކުރަން އެއްބަސްވުމުގައި ސޮއިކުރުން: ފުލެޓު މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށް، ހައުސިން މިނިސްޓްރީ ކުރިމަތީ މުޒާހަރާ ކުރަނީ -- ފޮޓޯ/ އެފްޑީސީ
އެތަނުގައި މުޒާހަރާ ކުރާ މީހުން ކުރާ ޝަކުވާއަކީ ކުރީ ސަރުކާރުން ދީފައި ހުރި ލިސްޓަށް ފުލެޓު ދޭނެ ކަމަށް މި ސަރުކާރުން ބުނެފައި، އެގްރީމަންޓުގައި ސޮއިކުރި ފަހުން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާ ކަމަށް ބުނެ މެސެޖުތަކެއް ފޮނުވާތީއެވެ.
އެއްބަޔަކު ފްލެޓް އެގްރީމެންޓްގައި ސޮއި ކުރުމަށް ފަހުގައި އެކަން ހުއްޓުވީ ކަމަށާއި އަނެއް ބަޔަކު ޕޯޓަލްއިން ފްލެޓް ލިބޭކަން އެންގުމަށް ފަހުން ހޯލްޑް ކުރީ ކަމަށް ބުނެ އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"މިއީ ސަރުކާރަކުން ކަން ކުރަން ވާނެ ގޮތެއް ނޫން. އެއް ދުވަހު ބުނާނެ ލިބޭނޭ. އަނެއް ދުވަހު ނުލިބޭނޭ. ރައްޔިތުން މި ތިބެނީ ވާނުވާގައި. މިޔަަށް ވުރެން ޒިންމާދާރު ވާން ވާނެ," ފްލެޓް ލިބުނުކަން އެންގުމަށް ފަހު އެގްރީމެންޓްގައި ސޮއި ކުރުން ހުއްޓުވުމުން މީހަކު ބުންޏެވެ.
ފުލެޓު ލިބޭ މީހުންގެ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށް ބުނެ މިނިސްޓްރީގެ ލިސްޓަށް، ފަހި ދިރިއުޅުން ކޯޕަޝަން (އެފްޑީސީ) އިން ވަނީ މި ފަހުން އެގްރިމަންޓުތަކުގައި ސޮއިކުރަން ފަށައިފައެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސް އަނެއްކާ ވެސް އެއް ބައެއްގެ އެގްރީމެންޓްތަކުގައި ސޮއި ކުރުން ވަނީ ހުއްޓާލައިފައެވެ.
އެއީ ހަތްދިހަ ހަ ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވިފައިވާ މައްސަލައެއް ފެންމަތިވެފައެވެ.
އެހެންވެ، ހައުސިން މިނިސްޓްރީން ނިންމީ 76 ޕޮއިންޓް ލިބި ގުރުއަތުން ބާކީވި މީހުންގެ ގުރު އަލުން ނަގައި، ފުލެޓު ދިނުމަށެވެ.
އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މިނިސްޓްރީން ވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓް ހައްގުވާ މީހުންގެ ލިސްޓު ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާ ކުރުމަށް ފަހު، އައު ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ ފެބްރުވަރީ މަހެވެ.
އެ ލިސްޓާ ގުޅޭ ގޮތުން ވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަނެއްކާ ވެސް މި ވަނީ އެ ލިސްޓަށް ވެސް ފްލެޓް ދިނުމުގައި ވެސް މައްސަލަތަކެއް ކުރިމަތިވެފައެވެ.