މާލެ ސިޓީ ކައުންސިލްގެ ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކަށް މިއަދު އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ބޮޑުތަކުރުފާނު މަގު، ސިޓީ ކައުންސިލަށް ވަންނަން ދިޔަ ޕިކަޕަކާއި އެ ސަރަހައްދުން ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓުވި މައްސަލަ ރިޕޯޓުކުރީ މެންދުރު 02:30ހާއިރު ކަމަށެވެ.
'ސަން'އަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓުގައި ހިމެނޭ ސައިކަލަށް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފައެވެ.
އެކްސިޑެންޓުގައި އަނިޔާވި ފިރިހެން ކުއްޖަކު އެ ސަރަހައްދަށް ވެއްޓިފައި އޮތްއިރު، މީހުންނާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށާއި އެކުއްޖާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފުވައްމުލަކު ސިޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ.
ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓު ހިނގީ ފުނާޑު ހުސްނުހީނާ މަގުގައެވެ. އަދި، ކުއްޖާ ދުއްވާފައި ދިޔަ ސައިކަލު ފާރެއްގައި ޖެހި، ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތިއެއްގެ ހޮޅިދަނޑީގައި ޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ރިޕޯޓުކުރީ ރޭ 2:40 ހާއިރެވެ. އެ އެކްސިޑެންޓު ހިނގި ވަގުތު ސައިކަލް ދުއްވަން އިން 17 އަހަރުގެ ފިރިހެން ކުއްޖާ ރޭ 3:38 ހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ 13ވަނަ ދުވަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް 17އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. މި އެކްސިޑެންޓުގައި މަރުވި ކުއްޖާއަކީ ވެސް ސައިކަލު ދުއްވަން އިން ކުއްޖެކެވެ.