ޑުރަގާއި ބަނގުރަލާއެކު 4 މީހުން ހައްޔަރުކޮށް 3 މީހުން ބަންދަށް

މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން، އެއް އެޕާޓްމަންޓަކުން ފަސް ފުޅި ބަނގުރާ ވެސް ވަނީ ފެނިފަ -- ފޮޓޯ: ފުލުހުން

މަސްތުވާތަކެއްޗާއި ފަސް ފުޅި ބަނގުރަލާ އެކު މަސްތުވާތަކެތިން މުއާމަލާތުކުރާކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ, އެ މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ހަތަރު މީހުންނެވެ. ނަމަވެސް, ޝަރުތުތަކާ އެކު އެކަކު ދޫކޮށްލިއިރު އެ މައްސަލައިގައި ދެން ތިބި މީހުން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ. އެ ތިން މީހުންނަކީ:

  • މުޙައްމަދު ލަޔާން އަޙްމަދު / މ. އާރު (21އ)
  • އަލީ ނާޒިމް / ކޮކާހަނދުވަރު، މ. މުލައް (40އ)
  • އަލީ ނާވީ ނިޔާޒު / މ. މޯނިންވިއު (23އ)

މީގެ ތެރެއިން ނާޒިމާއި ލަޔާން ހަތް ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، ނާވީ ބަންދުކުރަން އަމުރުކުރީ ފަސް ދުވަހުގެ މުއްދަތަކަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި ވަނީ މާލެއާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަަލައި ފާސްކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ ދެ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.08 ގުރާމުގެ ތަކެއްޗާއި ފަސް ފުޅި ބަނގުރާ ފެނިފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.

comment ކޮމެންޓް