ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނި، އެޕަލްއިން އެމެރިކާގައި އިތުރު 100 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ.
މިއީ ޓްރަމްޕްގެ ސަރުކާރުން އައިފޯނަށް އަޅާފާނެ ޓެރިފްތަކުން ދުރުވުމަށް އެޕަލްއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
މި އާ އިންވެސްޓްމަންޓާ އެކު، އެމެރިކާގެ އިޤުތިޞާދަށް އެޕަލްއިން ކުރާ ޖުމްލަ އިންވެސްޓްމަންޓް 600 ބިލިއަން ޑޮލަރަށް އަރާނެއެވެ. މި އަހަރުގެ ކުރީކޮޅު އެ ކުންފުނިން ވަނީ 500 ބިލިއަން ޑޮލަރު އިންވެސްޓްކޮށް، އެމެރިކާގެ 20,000 މީހުންނަށް ވަޒީފާ ހޯދައިދޭނެ ކަމަށް ވައުދުވެފައެވެ.
މި އިންވެސްޓްމަންޓްގެ މައިގަނޑު ބޭނުމަކީ އެމެރިކާގައި އެޕަލްގެ ސަޕްލައި ޗެއިން ވަރުގަދަކޮށް، އެޑްވާންސްޑް މެނުފެކްޗަރިންގެ ދާއިރާ ފުޅާކުރުމެވެ. ނަމަވެސް، އައިފޯން އެއްކޮށް އެމެރިކާގައި އުފެއްދުމަށް ޓްރަމްޕް އެދޭ އެދުމަށް، މި އިންވެސްޓްމަންޓުން އަދި ފުދޭވަރެއް ނުވެއެވެ.
އެޕަލްގެ ސީއީއޯ ޓިމް ކުކްއާ ބައްދަލުކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެޕަލް ފަދަ ކުންފުނިތައް އެނބުރި ގެއަށް (އެމެރިކާއަށް) އަންނަނީ ކަމުގައެވެ. ހުރިހާ ކުންފުނިތަކެއް އެނބުރި އަންނާނެ، ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިއީ އެމެރިކާގައި ވިއްކާ އައިފޯންތައް، އެމެރިކާގަައި އުފެއްދުން ކަށަވަރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،" ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް، ޓިމް ކުކް ވިދާޅުވި ގޮތުގައި އައިފޯނަށް ބޭނުންވާ ސެމިކޮންޑަކްޓަރު، ގްލާސް އަދި ފޭސް އައިޑީ މޮޑިއުލް ފަދަ ގިނަ ބައިތައް މިހާރު ވެސް އުފައްދަނީ އެމެރިކާގެ ކުންފުނިތަކުންނެވެ. ނަމަވެސް، ފޯނު އެސެމްބަލް ކުރުމުގެ އެންމެ ފަހު މަރުހަލާ އަދިވެސް ކުރިއަށްދާނީ އެމެރިކާއިން ބޭރުގައެވެ.
ރައީސް ޓްރަމްޕް ވަނީ މީގެ ކުރިން އައިފޯން ހިމެނޭހެން ޗައިނާއިން އެތެރެކުރާ އިލެކްޓްރޯނިކް ސާމާނަށް 25 އިންސައްތައިގެ ބޮޑު ޓެރިފެއް ނަގާނެކަމުގެ އިންޒާރު ދެއްވާފައެވެ. މި ޓެރިފްތަކުގެ ސަބަބުން، މިދިޔަ ޖޫން މަހުގެ ކުއާޓަރުގައި އެކަނި ވެސް އެޕަލްއަށް 800 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވެޑްބަޝް ސެކިއުރިޓީސްގެ ތަޖުރިބާކާރު ޑެނިއަލް އައިވްސް ވިދާޅުވީ، މިއީ އެޕަލްއަށް ލިބުނު ކާމިޔާބެއް ކަމުގައެވެ. މިކަމުގެ ސަބަބުން ވައިޓް ހައުސްއާއި އެޕަލްއާ ދެމެދު އުފެދިފައިވާ ދެބަސްވުން ކުޑަވެ، ޓްރަމްޕްގެ ތާއީދު އެ ކުންފުންޏަށް ލިބުމަށް މަގުފަހިވާނެ ކަމަށް އޭނާ ދެކިލައްވައެވެ.
އެޕަލްގެ އާ އިންވެސްޓްމަންޓްގައި އެމެރިކާގެ ގިނަ ކުންފުނިތަކެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ޚާއްޞަ ބިއްލޫރި އުފައްދާ ކޯނިން، ސެމިކޮންޑަކްޓަރު މެޝިނަރީ ފޯރުކޮށްދޭ އެޕްލައިޑް މެޓީރިއަލްސް، އަދި ޗިޕް އުފައްދާ ޓެކްސަސް އިންސްޓްރޫމަންޓްސް، ގްލޯބަލްފައުންޑްރީސް، ބްރޯޑްކޮމް އަދި ސެމްސަންގް ފަދަ ކުންފުނިތައް ހިމެނެއެވެ.
މި އިއުލާނާ އެކު ބުދަ ދުވަހު އެމެރިކާގެ ސްޓޮކް މާކެޓްގައި އެޕަލްގެ ހިއްސާގެ އަގު ފަސް އިންސައްތަ މައްޗަށް ދިޔައިރު، ކޯނިންގެ ހިއްސާ ހަތަރު އިންސައްތަ އަދި އެޕްލައިޑް މެޓީރިއަލްސްގެ ހިއްސާ ދެ އިންސައްތަ މައްޗަށް ގޮސްފައިވެއެވެ.