އެޕަލްގެ 18.8 އިންޗީގެ ފޯލްޑަބަލް ޑިވައިސް ނެރުން ފަސްކޮށްފި

އެޕަލްއިން ނެރޭނެކަމަށް ބެލެވޭ ފޯލްޑަބަލް ބޮޑު ޑިވައިސް --

އެޕަލްއިން އުފައްދާނެ ކަމަށް ބެލެވޭ 18.8 އިންޗީގެ ބޮޑު ފޯލްޑަބަލް ޑިވައިސް ނެރުން ފަސްކޮށްފައިވާ ކަމަށް އެނަލިސްޓަކު ވިދާޅުވެއްޖެއެވެ.

ޖީއެފް ސެކިއުރިޓީޒްގެ އެނަލިސްޓެއް ކަމަށްވާ ޖެފް ޕޫ ވިދާޅުވި ގޮތުގައި، މި ޑިވައިސް ގިނަ އަދަދަކަށް އުފައްދަން ހަމަޖެހިފައިވާއިރު، މި ޑިވައިސް އުފައްދަން ފަށާނީ ވެސް 2027 ވަނަ އަހަރުގެ ފަހުންނެވެ.

މިއީ މެކްބުކް އާއި އައިޕެޑްގެ ތަޖުރިބާ އެއްކޮށްލާނެ ހައިބްރިޑް ޑިވައިސްއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް، މި ލަސްވުމުގެ އަސަރު އެޕަލްގެ ފޯލްޑަބަލް ފޯނަށް ނުކުރާނެ ކަމަށް ޖެފް ޕޫ ފާހަގަކުރައްވައެވެ. "އައިފޯން 18 ފޯލްޑް"ގެ ނަމުން ނަންދެވިދާނެ މި ފޯނު، ކުރިން ރާވާފައިވާ ގޮތަށް 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އައިފޯން 18 ސީރީޒްއާއެކު ނެރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެހެންކަމުން، މިއީ އެޕަލްއިން ނެރޭނެ ފުރަތަމަ ފޯލްޑަބަލް ޑިވައިސްއަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން، އެނަލިސްޓް ވަނީ ކުރިއަށް އޮތް އައިފޯން ސީރީޒްތަކާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. އޭނާ ލަފާކުރާ ގޮތުގައި މި އަހަރު ނެރޭނެ އައިފޯން 17 ސީރީޒްގައި މިހާރުގެ އައިފޯން 16 އާ އަޅާބަލާއިރު މާ ބޮޑެތި އަޕްގްރޭޑްތަކެއް ނުފެންނާނެއެވެ. ނަމަވެސް، 2026 ވަނަ އަހަރު ނެރޭނެ އައިފޯން 18 ސީރީޒްގައި ފާހަގަކޮށްލެވޭފަދަ ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް އޭނާ ދެކެއެވެ.

އެޕަލްގެ ފުރަތަމަ ފޯލްޑަބަލް ފޯނާ ބެހޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު، ގިނަ ރިޕޯޓްތައް ބުނާގޮތުގައި، ޑިސްޕްލޭގައި ލައްޕާލުމުން ހުންނަ ރޫ ނުހުންނާނެއެވެ.

މި ޑިސްޕްލޭ އުފައްދާނީ ސެމްސަންގް އިންނެވެ. އަދި އޭގެ ހިންޖާއި މެޓަލް ބެކްޕްލޭޓް ފޯރުކޮށްދޭނީ "ފައިން އެމް-ޓެކް" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

މި ފޯނުގައި ބޭނުންކުރާނީ އައިފޯން 18 ސީރީޒް އާއެކު ނެރޭނެ ކަމަށް ބެލެވޭ އައިއޯއެސް 27ގެ ޚާއްސަ ވާޝަންއެކެވެ. މި ފޯނު ނެރުމާއެކު، އެޕަލްއިން ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް ސީރީޒްއާ ސީދާ ވާދަކުރަން ފަށާނެއެވެ.

comment ކޮމެންޓް