އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން، 2030 ވަނަ އަހަރުގެ ނިޔަލަށް ހަނދުގައި 100-ކިލޯވޮޓްގެ ނިއުކްލިއާ ރިއެކްޓަރެއް ގާއިމުކުރުމުގެ އަމާޒު ހިފާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
މިކަން ހާމަކުރެއްވީ "އަންލީޝިން އެމެރިކަން ޑްރޯން ޑޮމިނަންސް" ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އިދާރާގެ ވަގުތީ ވެރިޔާ ޝޯން ޑަފީއެވެ. ޑަފީ ސިފަކުރެއްވި ގޮތުގައި މިއީ ހަނދުގެ މައްޗަށް ސްޓްރެޓެޖިކް ގޮތުން މުހިންމު ސަރަހައްދެއް ހޯދައި، އެމެރިކާއަށް ވާދަވެރިކަން ދެމެހެއްޓުމަށް ފަށާ "އައު ހަނދު ރޭހެކެވެ."
ހަނދުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ތަހުގީގުތައް ކުރުމަށް އިތުބާރު ހުރި ހަކަތައަކީ ވަރަށް މުހިންމު ކަމެކެވެ. ހަނދުގެ ދެ ހަފްތާއަށް ދެމިގެންދާ ދިގު ރޭގަނޑުތަކުގައި އިރުގެ އަލި ނުލިބޭތީ ސޯލާ ޕެނަލްތައް ބޭނުމެއް ނުކުރެވެއެވެ. ނަމަވެސް، ނިއުކްލިއާ ރިއެކްޓަރެއް ބޭނުންކޮށްގެން އަނދިރީގައި ވެސް މެދުނުކެނޑި ކަރަންޓު އުފެއްދޭނެއެވެ.
މިކަމުގެ ފައިދާ ޚާއްސަކޮށް ބޮޑުވާނީ، އަބަދުވެސް އަނދިރިކަން ލިބިފައިވާ ވަޅުގަނޑުތަކުގައި ފެން-އައިސްގެ ބޮޑެތި ރިޒާވްތައް ހުންނަ ހަނދުގެ ދެކުނު ޕޯލްގައެވެ.
މި އައިސްއަކީ ދިރިހުރުމަށާއި، ރޮކެޓް ފިއުލް އުފެއްދުމަށް ބޭނުންތެރި އެއްޗަކަށްވުމުން، އެ ސަރަހައްދުގައި ހަކަތަ ގާއިމުކުރުމަކީ މިޝަންތައް ފުޅާކުރުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި މަޝްރޫއުގެ ފަހަތުގައި ވަރުގަދަ ސްޓްރެޓެޖިކް ވާދަވެރިކަމެއް އެބައޮތެވެ. ޗައިނާ އާއި ކޮރެޔާއިން ވެސް 2030 ގެ އަހަރުތަކުގެ މެދުތެރޭގައި މިފަދަ ރިއެކްޓަރެއް ހަނދުގައި ބެހެއްޓުމަށް ރާވަމުން އަންނާތީ، އެމެރިކާގެ އޮފިޝަލުން ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ ފުރަތަމަ މިކަން ކުރާ ގައުމަކަށް އެ ސަރަހައްދު 'ކްލެއިމް' ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިއީ އެ ސަރަހައްދަކީ އެހެން ޤައުމުތަކަށް ނުވަދެވޭ 'ކީޕް-އައުޓް ޒޯން' އެއްގެ ގޮތުގައި ހެދުމަށް މަގުފަހިކޮށްފާނެ ކަމެކެވެ. ޑަފީ ވަނީ ދެކުނު ޕޯލްއަކީ ފެން-އައިސް އާއި އިރުގެ އަލި އެންމެ ގިނައިން ލިބޭ، ހަނދުގެ "އެންމެ މޮޅު" ސަރަހައްދު ކަމަށާއި، "އެމެރިކާއިން އެތަނަށް ފުރަތަމަ ގޮސް، އެމެރިކާއަށްޓަކައި އެތަން ހޯދަންޖެހޭނެ" ކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައެވެ.
މި ބިޔަ މަޝްރޫއު ހަގީގަތަކަށް ހެދުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ނާސާއިން ވަނީ މި މަޝްރޫއު އަވަސްކުރުމުގެ ގޮތުން، 30 ދުވަހުގެ ތެރޭގައި ޕްރޮގްރާމް މެނޭޖަރަކު އައްޔަންކުރުމަށާއި، 60 ދުވަހުގެ ތެރޭގައި ކުންފުނިތަކުގެ އަތުން ޕްރޮޕޯސަލްތަކަށް ހުޅުވާލުމަށް އަންގާފައެވެ. ނަމަވެސް، މާލީ ގޮތުން މިކަމަށް ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއަށް 350 މިލިއަން ޑޮލަރު ކަނޑައަޅާފައިވީ ނަމަވެސް، ނާސާގެ އާންމު ބަޖެޓަށް ބޮޑެތި ކުޑަކުރުންތަކެއް ހުށަހަޅާފައިވެއެވެ.
އޮބްޒާވަރުން ފާހަގަކުރާ ގޮތުގައި މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ނާސާއަށް ލިބޭނެ އެންމެ ކުޑަ ބަޖެޓެވެ. މިކަމުގެ ސަބަބުން، ނާސާއިން ދަނީ އެ އިދާރާގެ އެހެނިހެން ސައިންޓިފިކް ޕްރޮގްރާމްތަކާއި މުވައްޒަފުންގެ އަދަދު ވެސް މަދުކުރަމުންނެވެ.