ޣައްޒާ ހިފުމަށް ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ކެބިނެޓުން ފާސްކޮށްފި

އިސްރާއީލުގެ ކެބިނެޓް ބައްދަލުވުމެއް. އިސްރާއީލުގެ ކެބިނެޓުން ވަނީ ޣައްޒާ ހިފުމަށް ހުށަހަޅާފައިވާ ޕްލޭން ފާސްކޮށްފައި. ފޮޓޯ/ރޮއިޓާސް

ފަލަސްތީނުގެ ޣައްޒާ ސިޓީ ފަތަހަ ކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އެ ގައުމުގެ ސަލާމަތީ ކެބިނެޓުން އިއްޔެ ފާސްކޮށްފިއެވެ.

ސަލާމަތީ ކެބިނެޓް ބައްދަލުވުމުގެ ކުރިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސް ބަލިކޮށް އިސްރާއީލުން ޣައްޒާގެ ފުރިހަމަ އަސްކަރީ ކޮންޓްރޯލް ނަގަން ގަސްތުކުރާކަން އިއުލާން ކުރައްވާފައެވެ.

"ހަމާސް ބަލިކޮށް ޣައްޒާގެ ކޮންޓްރޯލު ހޯދުމަށް ބޮޑުވަޒީރު ހުށަހެޅުއްވި ހުށަހެޅުން ޕޮލިޓިކަލް-ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފި." ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ހަނގުރާމައިގެ ސަރަހައްދުތަކުން ބޭރުގައި އާންމު އާބާދީއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ޣައްޒާ ސިޓީގެ ކޮންޓްރޯލް ހޯދުމަށް އައިޑީއެފް ތައްޔާރުވާނެ."

އޭގެއިތުރުން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަސް ކަމެއްވެސް ކެބިނެޓުން ވަނީ ފާސްކޮށްފައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހަޅާފައިވާ ފަސް ކަމަކީ ހަމާސްއިން ހަތިޔާރު ބެހެއްޓުމާއި، ހަމާސްގެ ބެލުމުދަށުގައިތިބި ހުރިހާ އަސީރުން މިނިވަން ކުރުމާއި، ޣައްޒާ ސަރަހައްދުން ހަތިޔާރު ބޭލުމާއި، އިސްރާއީލުން ޣައްޒާގެ ސަލާމަތީ ބާރު ކޮންޓްރޯލު ކުރުން އަދި ހަމާސް ނުވަތަ ފަލަސްތީނުގެ ވެރިކަމުގެ ބަދަލުގައި މަދަނީ ސަރުކާރެއް އޮތުމެވެ.

ކެބިނެޓް ބައްދަލުވުމުގެ ކުރިން ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުން ބޭނުންވަނީ ސަލާމަތީ ޕެރިމިޓަރެއް ކަމަށާއި، އަދި އެ ސަރަހައްދުގެ ވެރިކަން ކުރުމަށް ޣައްޒާ އަރަބި ބާރުތަކާ ހަވާލުކުރަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން އެކަން ބަހައްޓަން. އަޅުގަނޑުމެން ބޭނުންވަނީ ސެކިއުރިޓީ ޕެރިމިޓަރެއް އޮންނަން. އަޅުގަނޑުމެން ބޭނުމެއް ނޫން އެތަން ހިންގާކަށް. އަޅުގަނޑުމެން ބޭނުމެއް ނޫން ގަވާނިން ބޮޑީއެއްގެ ގޮތުގައި ތިބޭކަށް." ނަތަނަންޔާހޫ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ ތެރޭގައި ނަތަންޔާހޫ ދެއްކެވި އެ ވާހަކަތަކަކީ "ބަޣާވާތެއް" ކަމަށެވެ.

އަދި ޣައްޒާ ހިފުމަށް ނަތަންޔާހޫ ރާވާފައިވާ ކަންކަމުން އެނގެނީ އޭނާގެ އަމާޒަކީ އޭނާގެ އަމިއްލަ މަސްލަހަތަށް ހިދުމަތް ކުރުމަށްޓަކައި އިސްރާއީލުގެ އަސީރުން ގުރުބާން ކުރުން ކަމަށް ހަމާސްގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ދެމުންގެންދާ ހަމަލާތަކުގެ ޕްލޭނަށް ބަދަލު ގެނެސް ހަމާސް އެއްކޮށް ނައްތާލައި، މުޅި ޣައްޒާ ކޮންޓްރޯލު ކުރުމަށް އިސްރާއީލުން ރާވާފައިވާ ޕްލޭނާ އެމެރިކާއިން ނުބެހޭނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ސެކިއުރިޓި ކައުންސިލްގެ ބައްދަލުވުމެއް މިއަދު ބާއްވާފައި ވަނީ ޣައްޒާގެ އިންސާނީ ހާލަތު ގޯސްވުމުން ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުން އިސްރާއީލަށް ވަރަށް ބޮޑަށް އަމާޒުވެ، ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމާއި ކާނާ ލިބުން ދަތިވުމުގެ ސަބަބުން ހަތަރު މީހަކު މަރުވެފައިވާއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 197 އަށް އުފުލިފައެވެ.

comment ކޮމެންޓް