ޔާމީންގެ ބޮޑު ތުހުމަތެއް: އެމްއެމްއޭއިން 2 ބިލިއަން ރުފިޔާ ހިފެހެއްޓީ އިންތިޚާބަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވިދާޅުވީ އެމްއެމްއޭއިން ރުފިޔާ ހިފެހެއްޓީ އިންތިޚާބަށް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

މަރުކަޒީ ބެންކް، އެމްއެމްއޭއިން އޯޕަން މާކެޓު އޮޕަރޭޝަން ފަށައިގެން 2.1 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވައި މާކެޓުން ނެގި ނަމަވެސް އެ ކަމުގެ ސަބަބުން ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް ނާންނާނެ ކަމަށާއި އެއީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ފައިސާ ހޯދަން ކުރި ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ތުހުމަތުކުރައްވައިފިއެވެ.

އެމްއެމްއޭއިން ވަނީ އޯޕަން މާކެޓު އޮޕަރޭޝަން ފަށައި، 2.1 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވި ކަމަށް ބުނެފައެވެ. އެކަން ކުރަނީ މާކެޓުގައި ދިވެހި ރުފިޔާ ގިނަވުމުން ރުފިޔާގެ އަގު ހިފެހެއްޓުމުގެ ބޭނުމުގައެވެ.

އަމިއްލަފުޅު ގެކޮޅުގައި ސިލްސިލާގޮތެއްގައި ބާއްވަވާ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އެކްސެސް ލިކުއިޑިޓީގެ ގޮތުގައި މާކެޓުގައި 12،000 މިލިއަން ނުވަތަ 12 ބިލިއަން ރުފިޔާ އެބައުޅޭ ކަމަށެވެ. އެހެންވެ، އޭގެ ތެރެއިން ދެ ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވި ނަމަވެސް އެއީ އެންމެ 16 ޕަސެންޓު ކަމަށާއި އެ ކަމުގެ ނަތީޖާ ނުފެންނާނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

https://sun.mv/209620

"އަޅުގަނޑުގެ ސުވާލަކީ އެންމެ 16 ޕަސެންޓުން ޑޮލަރުގެ އަގަށް އެނގުންވާނެހޭ؟ އަދިވެސް ޑޮލަރުގެ ސްކާސިޓީއަކަށް އެޑްރެސްއެއް ނުކުރެވޭ. ރުފިޔާ ޑޮލަރު ހޯދަން ނުކުންނަ ވަރު މަދުކުރެވިދާނެ، އެކަމަކު އަދިވެސް ޑޮލަރުގެ އެވޭލެބްލިޓީއެއް ނެތޭ،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ރިސޯޓުތަކަށް މަޖުބޫރުކޮށްގެން މާރުކުރީ ގާތްގަނޑަކަށް 300 މިލިއަނެއްހާ ޑޮލަރު ކަމަށެވެ. އެއީ، ހެޔޮ އަސަރު ފެންނަން އެކަށިގެންވާ އަދަދެއް ނޫން ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

އޯޕަން މާކެޓު އޮޕަރޭޝަން ހިންގައިގެން މާކެޓުގައި އިތުރަށް ދައުރުވާ ރުފިޔާ އެމްއެމްއޭއިން ހިފެހެއްޓުމަކީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު، މިހާރު ފެންނަން ހުރި ނަންބަރުތަކަށް ބަލާއިރު އެކަމުގެ ހެޔޮ އަސަރު ޑޮލަރުގެ އަގުން ނުފެންނާނެ ކަމަށާއި އެ އަސަރު ކައިރި މުސްތަގުބަލެއްގައި ފެންނާނެ ކަމަށް ވެސް ނުބެލެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، އެމްއެމްއޭގައި ރުފިޔާ ހިފެހެއްޓީ ކުންފުނިތަކުން ކައުންސިލް އިންތިޚާބަށް ބޭނުންވާ އަދަދަށް ސަރުކާރަށް ފައިސާ ނުލިބޭތީތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން 400 މިލިއަން ރުފިޔާ އިންތިޚާބަށް ޚަރަދުކުރަން އުޅޭ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

"އަޅުގަނޑު އުފައްދާ ސުވާލަކީ މިހާރު [ރައީސް ޑރ. މުހައްމަދު] މުއިއްޒު މި އުޅެނީ ލޯކަލް ކައުންސިލް އިންތިޚާބަށް ރުފިޔާ ބޭނުންވެގެން ނޫންތޯ؟ ސާކިއުލޭޝަންގައި ރުފިޔާ އެ ހުރީ. އެ ރުފިޔާ ލިބޭނެ ގޮތެއް އަދިއެއް ނެތް. ކުންފުނިތަކުން ޕްރޮޑިއުސްއެއް ނުކުރޭ،" ޔާމީން ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑުގެ އެނަލޮޖީއަކީ މި އުޅެނީ އެހެންވީމާ މުއިއްޒަށް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް 400 މިލިއަން ރުފިޔާ ނުލިބޭނެތީ، މިހާރު އެމްއެމްއޭއަށް އެ ވަނީތާ ދެ ބިލިއަން ރުފިޔާ. އެހެންވީމާ އޭގެ ތެރެއިން ލާރި ހޯދަންބާއޭ މި އުޅެނީ؟"

އެ މަނިކުފާނު ވިދާޅުވީ، އެމްއެމްއޭގައި ހިފެހެއްޓި ދެ ބިލިއަން ރުފިޔާގެ ތެރެއިން 400 މިލިއަން ރުފިޔާ އިންތިޚާބަށް ސަރުކާރަށް ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ. އެއީ، ގަވަރުނަރު އަހުމަދު މުނައްވަރު ކަންބޮޑުވެލައްވާނެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެހެންވީމާ އެކަން ކުރަންބާއޭ މި އުޅެނީ؟ ހަމަ ގައިމު ވެސް އޯޕަން މާކެޓް އޮޕަރޭޝަނަކުން މީތި އިފެކްޓިވްއެއް ނުވޭ. ޑޮލަރުގެ އަގެއް ނޫނީ ޑޮލަރުގެ އެވޭލެބްލިޓީއަކާއި އަގަކަށް ބަދަލެއް ނާންނާނެ،" ޔާމީން ވިދާޅުވިއެވެ.

"ދެން ދިވެހި ރުފިޔާ ވެއްޖިއްޔާ މުނައްވަރު އެހާ މައިންޑެއް ނުކުރާނެ. އެއީ ބޭރުގެ ދަރަނި އަދާކުރަން ޑޮލަރު ބަހައްޓަން އެބަޖެހޭ. އެކަމަކު، ދިވެހި ރުފިޔާ ކަމަށްވަންޏާ ދޭނެ. އެހެންވީމާ މުނައްވަރު ވެސް މުނައްވަރުގެ މަގާމު ދިފާއުކުރުމަށްޓަކައި ކުރެވޭނެ ގޮތަކީ މިއީ ކަމަށްވާތީ ކުރަނީ،"

https://sun.mv/208752

އެހެންވެ، އޯޕަން މާކެޓު އޮޕަރޭޝަންގެ ތެރެއިން ދައުރުވުން ހުއްޓުވައި އެމްއެމްއޭގައި ހިފެހެއްޓި ދެ ބިލިއަން ރުފިޔާއަކީ ކައުންސިލް އިންތިޚާބަށް ފަންޑު ހޯދަން ކުރި ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. ކުންފުނިތަކުގައި އެ ހަކަތަ ނެތުމުން ބޭނުންވާ ވަރަށް ފައިސާ ނުނެރެވޭ ކަމަށާއި އެހެންވެ އެމްއެމްއޭގައި ހުރި ފައިސާ ނަގަނީ ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.

އެކަން ކުރަނީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކާ ވާދަކޮށްލަން ނުކެރޭތީ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރުފިޔާ މާކެޓުގައި އިތުރުވީ މިދިޔަ ސަރުކާރުގައި ކޮވިޑްގެ ދުވަސްވަރު ފައިސާ ޗާޕުކުރުމުން ކަމަށް މި ސަރުކާރުން ބުނެއެވެ. އޭރު ފައިސާ ޗާޕުކުރީ އިތުރު ގޮތެއް ނެތިގެން ކަމަށް އެމްޑީޕީން ބުނެއެވެ.

ރާއްޖޭގައި މިހާރު ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ. މިއީ މި ފަހުގެ ތާރީޚެއްގައި ދިވެހި ރުފިޔާގެ އަގު އެންމެ ބޮޑަށް ދަށްވި ފަހަރެވެ. ރުފިޔާގެ އަގު ދަށްވެ، ޑޮލަރު ލިބުން ދަތިވެފައިވާއިރު ދިވެހި ބޭންކްތަކަށް ވަންނަ ޑޮލަރުގެ 90 އިންސައްތަ އެމްއެމްއޭއަށް މާރުކުރުވަން ވަނީ މަޖުބޫރުކޮށްފައެވެ.

އެކަން ރާއްޖެއަށް ދަރަނީގެ ބިރުވެރިކަން ބޮޑުވުމުންނެވެ. މި އަހަރު ދަރަންޏަށް 500 މިލިއަނެއްހާ ޑޮލަރު ދައްކަން ޖެހޭއިރު އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ. ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން އަންނަނީ އެ ދަރަނީގެ ކަންބޮޑުވުން ފާޅުކޮށް، ޚަރަދު ކުޑަކުރަން ގޮވާލަމުންނެވެ.

comment ކޮމެންޓް