ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ނުރުހި، ޕާޓީ ދޫކޮށްލާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވުމުން މުޅި ޕީއެންސީއިން މިއަދު ދިފާއަށް ނުކުމެއްޖެއެވެ.
އައްބާސް ވަނީ ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ވަރަށް އަވަހަށް ޕާޓީން ވަކިވާނެ ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަތަކާ އެކު މިއަދު ޕީއެންސީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަޖިލީސް މެންބަރުން ގެންދަވަނީ އެކަން ދޮގުކުރައްވަމުންނެވެ. އަދި، ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ސާބިތުވެ ތިއްބެވި ކަމުގެ ޔަގީންކަން ދެއްވައި އެ ބޭފުޅުން ގެންދަވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރައްވަމުންނެވެ.
އައްބާސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް ނިންމަވައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގައުމާއި ރައްޔިތުންގެ ހައްގުގައި ޕާޓީން ވަކިވާނެކަން ޔަގީން ކަމަށެވެ. އެ ގޮތުން، ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ) ބައްދަލުވުމުގައި ގިނަ މެންބަރުންތަކެއް ސަރުކާރާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް: އޭނާ ވިދާޅުވީ، ޕީއެންސީގެ ބައެއް މެންބަރުން ސަރުކާރާ މެދު ނުރުހިފައި ތިއްބެވި ކަމަށް -- ފޮޓޯ/ މަޖިލިސް
"ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލަމުން ބައެއް މެންބަރުން ވިދާޅުވެފައިވަނީ ސަރުކާރުން ގެންގުޅުއްވަމުން ގެންދަވާ ނުރަނގަޅު ސިޔާސަތުތަކަށް ބަސް ނުބުނެ އަބަދު މަންމަންވެފައި ނުތިބެވޭނެ ކަމަށާއި ގައުމާއި ރައްޔިތުންގެ ހައްގުގައި ހައްގު ބަސް ބުނަން ނުކުންނާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، މަޝްވަރާނުކުރައްވާ ކުއްލިކުއްލިއަށް ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ހުށަހަޅާ ބިލުތަކަށް ވޯޓުނުދެއްވާނެ ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވި ކަމަށެވެ.
"ދާއިރާތަކުގެ ތަރައްގީ އެއްވެސް މިންވަރަކަށް ނުހިނގާކަމާއި މޮޅެތި ބަސްތައް ވިދާޅުވުމާއި، ޕްރޮޖެކްޓުތައް އިއުލާންކުރެއްވުމާއި، ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ރުޅިގަދަވެ މާޔޫސްވެފައި ތިބިކަމަށް މެންބަރުން ޕީޖީ ގްރޫޕް ބައްދަލުވުމުގައި ވިދާޅުވި،" އޭނާ ތުހުމަތުކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެ ކަންކަމާ އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކަމަށެވެ. އަދި، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވެސް ކަންބޮޑުވުން ފާޅުކުރައްވައި ކަންކަން ތަކުރާރުވާނަމަ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް އައްބާސްގެ ޕޯސްޓުގައިވެއެވެ.
އެހެންވެ، ޕީއެންސީގެ ޕީޖީ ބައްދަލުވުން ހޫނުވެ އިއްޔެ އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ބައްދަލުވުން ވެސް ނުބާއްވާ ކަމަށް އައްބާސް ވިދާޅުވިއެވެ.
އެ ވާހަކަތަކާ އެކު ޕީއެންސީގެ ގިނަ މެންބަރުންތަކެއް އަންނަނީ މިއަދު އެ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވެސް ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުން ވަނީ އައްބާސްގެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އެގޮތުން، އަބްދުއްރަހީމް ވަނީ އެ ބައްދަލުވުމުގައި އެފަދަ ކަމެއް ނުހިނގާ ކަމަށް ވިދާޅުވެފައެވެ.
"މި ބައްދަލުވުމުގައި އަޅުގަނޑު ވެސް ބައިވެރިވީން. މިއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް. މިހެން ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ،" އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އައްބާސްގެ ވާހަކަތައް ދޮގުކުރައްވައި ޕީއެންސީ ޕީޖީގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ހަގީގަތާ ހިލާފު ވާހަކަ ފަތުރައިގެން ޕީއެންސީގެ ޕީޖީ ބަލިކަށިކުރެވޭނެ ކަމަށް ދެކުމަކީ މޮޔަކަމެއް ކަމަށެވެ.
މީގެ އިތުރުން ވެސް ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ އަދަދެއްގެ މެންބަރުން ގެންދަވަނީ އައްބާސްގެ ތުހުމަތުތަކަށް އިންކާރުކުރައްވަމުންނެވެ. އަދި، ސަރުކާރާއި ރައީސް މުއިއްޒާ އެކުގައި ތިއްބެވިކަމުގެ ޔަގީންކަން އަރުވައި ޕޯސްޓް ކުރައްވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވަނީ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައެވެ.
ބައެއް މައްސަލަތަކުގައި މީގެ ކުރިން ޕީއެންސީގެ ބައެއް މެންބަރުން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެފައިވެއެވެ. އެކަމަކު، އެ މެންބަރުންނަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ކޮންމެ މަހަކު 50،000 ރުފިޔާ ދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ތުހުމަތުކުރެއެވެ. ސަރުކާރުން އަންނަނީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.
ޖުމުލަ 93 މެންބަރުން ތިއްބަވާ 20ވަނަ މަޖިލީހުގެ 75 މެންބަރުން ނިސްބަތްވެވަޑައިގަންނަވަނީ ޕީއެންސީއަށެވެ.