ރަން ވަނައަށް ޓާގެޓްކޮށް އިންޑިއާސް ގޮޓް ޓެލެންޓަށް ޓޫ އޮފް އަސް ފުރައިފި، އެދެނީ ސަޕޯޓުކޮށްދިނުން

ދިވެހި ބޭންޑު ޓޫ އޮފް އަސް، އިންޑިއާސް ގޮޓް ޓެލެންޓް ސީޒަން 11އިގެ ލައިވް އޮޑިޝަންތަކުގައި ބައިވެރިވުމަށް މިއަދު ހަވީރު އެ ގައުމަށް ފުރައިފިއެވެ.

އިންޑިއަގެ އެންމެ ބޮޑު އެއް ޓެލްނޓު ޝޯކަމުގައިވާ އިންޑިއާސް ގޮޓް ޓެލެންޓުގެ އޮޑިޝަންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ، މުމްބާއީގެ ނަހަރް އިންޓަނޭޝަނަލް ސުކޫލުގައެވެ.

ޓޫ އޮފް އަސް ބޭންޑުގައި ހިމެނެނީ ލީޑް ލަވަކިޔުންތެރިޔާ އަޙްމަދު އަދުހަމާއި، ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ)އާއި އަޙްމަދު ޖަޝީމެވެ.

އިންޑިއާއަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 'އެސްއެސްޓީވީ'އަށް ދިން އިންޓަވިއުއެއްގައި އަދުހަމް ބުނީ، ރާއްޖެ ތަމްސީލުކުރުމަށް އިތުރު ފުރުސަތުތަކެއް ލިބޭތީ ވަރަށް އުފާވާ ކަމަށެވެ.

އިންޑިއާސް ގޮޓް ޓެލެންޓުގެ އޮޑިޝަންތަކަށް ފުރުމުގެ ކުރިން އަދުހަމް އިންޓަވިއު ދެނީ: އެ ބޭންޑުން ބުނީ، މަސައްކަތް ކުރާނީ ރަންވަނައެއް ހޯދުމަށް ކަމަށާއި ބޭނުމީ ބެލުންތެރިންގެ ސަޕޯޓު ކަމަށް ބުނެފައި ---- ސަން ފޮޓޯ/ މޫސާ ނަދީމް

ދުވަހަކަށް ވުރެ ދުވަހެއް ހުށަހެޅުންތައް ތަފާތު ކުރުމަށް އެ ބޭންޑުން މަސައްކަތް ކުރާ ކަމަށާއި ކުރިއަށް ވުރެ ތަފާތު ގިނަ ލަވަތަކެއް ފެންނާނެ ކަމަށް އަދުހަމް ބުންޏެވެ. އަދި، މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ވަރަށް ތައްޔާރަށް ތިބިކަން އަދުހަމް ފާހަގަކުރިއެވެ.

އެގޮތުން، އެ ބޭންޑުގެ އަމާޒަކީ މުބާރާތުން އެއްވަނަ ހާސިލުކުރުން ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ބޭންޑުން ތައްޔާރަށް އޮތްކަން އަދުހަމް ފާހަގަކުރިއެވެ.

"އެހެންވީމައި. ދިވެހިރާއްޖެއަކީ ކުޑަތަނެއް ނޫންކަން ދައްކާލަދޭނަން އިރާދަކުރެއްވިއްޔާ. ސަޕޯޓު ކުރަމުން ގެންދާށޭ. އިރާދަކުރެއްވިއްޔާ ހަމަ ރަނގަޅު ރަންވަނައަކާ އެކީގައި އަންނާނީ" އަދުހަމް ބުންޏެވެ.

އިންޑިއާސް ގޮޓް ޓެލެންޓަށް ފުރުމުގެ ކުރިން ޝަހީދު އިންޓަވިއު ދެނީ ---- ސަން ފޮޓޯ/ މޫސާ ނަދީމް

އޭގެއިތުރަށް، އެބޭންޑަށް ލިބޭ ތަރުހީބު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި ލިބޭ ކާމިޔާބީތަކަކީ ބޭންޑަށްވުރެ، ގައުމަށް ލިބޭ ކާމިޔާބީއެއް ކަމަށް އަދުހަމް ވަނީ ބުނެފައެވެ.

އަދުހަމްގެ އިތުރަށް ބޭންޑުގެ އިތުރު ބައިވެރިން ވެސް ވަނީ، ބެލުންތެރިން ސަޕޯޓު ކުރަމުން ދިޔުމަށާއި ރަނގަޅު ވަނައެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާސް ގޮޓް ޓެލެންޓުގައި ބައިވެރިވުމަށް ފުރުމުގެ ކުރިން އަދުހަމް އިންޓަވިއު ދެނީ: އެ ބޭންޑުން ބުނީ، މަސައްކަތް ކުރާނީ ރަންވަނައެއް ހޯދުމަށް ކަމަށާއި ބޭނުމީ ބެލުންތެރިންގެ ސަޕޯޓު ކަމަށް ބުނެފައި ----- ސަން ފޮޓޯ/ މޫސާ ނަދީމް

މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދުމަށްފަހު، ޓޫ އޮފް އަސްއިން އަންނަނީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް މަޝްހޫރުކަން ހޯދައި، ރާއްޖޭގައި ވެސް ބޭރުގެ ބޭންޑުތަކަށް ދޫނުކުރާނެ ފަދަ ހުނަރުވެރިން ތިބިކަން ދައްކަމުންނެވެ.

އެގޮތުން، ބްރިޓަންސް ގޮޓް ޓެލެންޓުގެ 19ވަނަ ސީޒަންގައި ބައިވެރިވުމަށް ވެސް އެބޭންޑުން ވަނީ ޝޯޓް ލިސްޓުކޮށްފައެވެ.

ޓޫ އޮފް އަސްއަކީ ރާއްޖެއާއި ބޭރުގެ މިއުޒިކާއެކު ލަވަތައް ހުށަހަޅައިދޭ ފިއުޝަން ބޭންޑެއް ކަމަށްވާއިރު، އެ ބޭންޑުން ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ މިއުޒިކްގެ މުއްސަނދިކަން ދުނިޔެއަށް ދައްކާލުމަށެވެ. އެ ބޭންޑުގެ އުންމީދަކީ ބައިނަލްއަގުވާމީ ސްޓޭޖެއްގައި ވާދަކުރުމުގެ އިތުރުން، ދިވެހި އެހެން ޒުވާނުންނަށް ވެސް އެފަދަ ފުރުސަތުތައް ހޯދަން ހިތްވަރުދިނުމެވެ.

comment ކޮމެންޓް