ސްކިންކެއާ އިންޑަސްޓްރީއަކީ ކޮންމެ ދުވަހަކުހެން ކޮންމެވެސް އާ އީޖާދަކާއެކު މޮޅެތި ހޯދުންތަކެއް ހޯދަމުން އަންނަ އިންޑަސްޓްރީއެކެވެ. މިއަދު އެންމެ މަގުބޫލު އެއްޗެއް މާދަމާ ބޭނުމެއް ނުކުރާނެއެވެ. ބައެއް ފަހަރު ބޭނުން ކުރާ އެއްޗެއްސަކީ އަޑު އަހާއިރަށް ހައިރާން ވެސް ކޮށްލާ އެއްޗެއްސެވެ. މިފަހަރު މިއީ އެފަދަ އެއްޗެކެވެ. އެއީ ސެލްމަން ޑީއެންއޭ އެވެ.
ހަށިގަނޑަށް ގިނަ ފައިދާތަކެއްކޮށްދޭ ސެލްމަންއަކީ އަގުބޮޑު މަހުގެ ބާވަތެއް ނަމަވެސް ދިވެހީންގެ ތެރޭގައިވެސް މަގުބޫލު މަހެކެވެ. ރާއްޖެއަށް ހަމައެކަނި އެތެރެކޮށްގެން ލިބޭ މި މަހަކީ މިހާރު ރެސްޓޯރެންޓްތަކުގެ މެނޫތަކުންވެސް މަގުބޫލު އެއްޗެކެވެ.
މި މަހުގެ ފައިދާތައް ގިނަ ކަމުން ސްކިންކެއާ އުފެއްދުންތަކަށްވެސް މި މަހުގެ ފައިދާތައް އަތުވެދާނެ ކަމަކީ މާ ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. އެހެންނަމަވެސް މިފަހަރު މި މަހުން ބޭނުންކުރާ ބާވަތަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވާނެ އެއްޗެކެވެ.
މިއަހަރު ފެށުމާއެކު ދެކުނު ކޮރިއާގެ ސްކިންކެއާ އުފެއްދުންތަކުން ފެންނަން ފެށީ ސެލްމަން ޑީއެންއޭއެވެ. ވާދަވެރިކަން ބޮޑު ދާއިރާގައި ކޮންމެ ބޮޑު ކުންފުންޏެއްވެސް އަވަސްވެގަތީ މި ޕްރޮޑަކްޓު އެހެން އުފެއްދުންތަކުގެ ތެރެއަށް އިތުރު ކުރުމަށެވެ. އެއީ ސެލްމަންގެ ދަރިފަންޏެވެ.
ސެލްމަން ޑިރައިވްޑްސް ޕޮލިޑިއޮކްސިރައިބޯނިއުކްލިއޯޓައިޑް (ޕީޑީއާރުއެން) ނުވަތަ ސެލްމަން ދަރިފަނި މިއަހަރު ފެންނަން ފަށާފައިވަނީ ތަފާތު އެކި ޕްރޮޑަކްޓުތަކުންނެވެ. އޭގެތެރޭގައި މޮއިސްޗަރައިޒާ އާއި ސީރަމްތައް ވެސް ހިމެނެއެވެ. މައިކްރޮނީޑްލިން ފަދަ ޕްރޮސެސްތަކުގެ ތެރެއަށްވެސް މި ބޭނުންކުރަން މިހާރު ވަނީ ފަށާފައެވެ. ނަމަވެސް މިއިން ފައިދާއެއް ވޭހެއްޔެވެ؟
އެންމެ ވަރުގަދަ އެއް ސްކިންކެއާ އިންޑަސްޓްރީ އޮތް ކޮރިއާގެ ބައެއް ބޮޑެތި ބްރޭންޑުތަކުން ބުނާގޮތުގައި ޕީޑީއާރުއެން ބޭނުން ކުރުމުން ކޮލަޖެން އުފައްދާ މިންވަރު އިތުރުވެއެވެ. އަދި މޫނުގެ ހަންގަނޑު އަވަހަށް ވަރުގަދަކޮށްދީ ރިޕެއާ ކުރުމަށް ވެސް ޕީޑީއާރުއެން އެހީތެރިވާ ކަމަށް ކުންފުނިތަކުން ބުނެއެވެ.
ބައެއް ޑާމިޓޯލަޖިސްޓުންވެސް މިކަމަށް އެއްބަސްވެއެވެ. އެގޮތުން މޫނުގައި ބިހި ނެގުން ނުވަތަ އެކްނީ ފަދަ ހަމުގެ މައްސަލަތަކަށްފަހު އުފެދޭ ލައްތަކާއި ލަކުނުތައް ފިލުވުމަށް ޕީޑީއާރުއެން އެހީތެރިވާކަމަށް ޑާމިޓޯލަޖިސްޓުން ބުނެއެވެ. ޑޮކްޓަރުން ބުނާގޮތުގައި ޕީޑީއާރުއެންގައި ހިމެނޭ ބަޔޯ ކެމިކަލް މާއްދާތަކަކީ އިންސާނާގެ ހަމާވެސް ވަރަށް ގުޅޭ މާއްދާތަކެވެ. އެއާ ގުޅިގެން މިއީ ފައިދާހުރި މާއްދާއަކަށް ވުން ވަރަށް އެކަށީގެންވާ ކަމަށް ބުނެއެވެ.
ކޮރިއާގެ ޕްރޮޑަކްޓުތަކުގައި ތަފާތު އެކި ކަހަލަ މާއްދާތައް ބޭނުންކުރާއިރު މިއިން ފައިދާ ފެންނަ ކަން ވެސް ފެނިގެން ގޮސްފައިވެއެވެ. އޭގެތެރޭގައި ސެންޓެލާ އާސިއާޓިކާ އާއި އޯޓް އަދި މަގްވޯޓް ފަދަ މާއްދާތައް ހިމެނެއެވެ. ނަމަވެސް ހުޅަނގުގެ އުފެއްދުންތަކުގައި މިފަދަ އުފެއްދުންތައް އަދި ބޭނުންކުރުން ވަރަށް މަދެވެ.