ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިއުޒިކް އިންޑަސްޓްރީގެ ފާހަގަކޮށްލެވޭ ބޮޑެތި ނަންތައް ގުޅިގެން ބޮޑު ކޮންސާޓެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
"ޓުގެދާ ފޮ ޕަލެސްޓައިން"ގެ ނަމުގައި ގިނަ އަދަދެއްގެ ތަރީން ހިމެނޭނެ ޚާއްސަ ކޮންސާޓެއް އިއުލާނުކޮށްފައިވަނީ އިއްޔެއެވެ. މިއީ ފަލަސްތީނުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލަވަކިޔުންތެރިން އެކުގައި ގުޅިގެން ހިންގާ އިވެންޓެކެވެ.
މި އިވެންޓުގައި ގިނައިން ހިމެނިފައިވަނީ އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިންނާއި ހޮލީވުޑްގައިވެސް ނަން ފާހަގަކޮށްލެވޭ ތަރީންނެވެ. އަލަށް އިއުލާނުކޮށްފައިވާ ކޮންސާޓުގައި 20 އަށް ވުރެ ގިނަ ފަންނާނުން ބައިވެރިވާއިރު އޭގެތެރޭގައި ޖޭމްސް ބްލޭކް އާއި ޖޭމީ އެކްސްއެކްސް އާއި ޕަލޯމާ ފެއިތު އާއި ރޭޗެލް ޗިނޫރީރީ ހިމެނެއެވެ. އޭގެއިތުރުން ރީނާ ސަވަޔާމާ އާއި ޕިންކްޕެންތުރެސްގެ އިތުރުން ސަމްފާ ފަދަ ބޮޑެތި ތަރީންވެސް މި ކޮންސާޓުން ފެންނާނެއެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބޭންޑް ބެސްޓީލް ވެސް މި ކޮންސާޓްގައި ޕަފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް އެ ކޮންސަޓްގައި އިތުރު ތަރީން ބައިވެރިވުން އެކަށީގެންވެއެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި މި އިވެންޓު އިތުރަށް ބޮޑުވާނެ ކަމަށްވެސް އިވެންޓު އިންތިޒާމުކުރާ ތަރީން ހާމަކޮށްފައިވެއެވެ.
މިއަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސާޓަކީ މުޅި ދުވަހު ކުރިއަށްދާނެ ބޮޑު ކޮންސާޓެކެވެ. އިނގިރޭސިވިލާތު ވެމްބްލީގެ އޯވޯ ސްޓޭޑިއަމްގައި ބާއްވާ މި ކޮންސާޓްގެ ޓިކެޓުތައް ދޫކުރަން ފަށާފައިވާއިރު މި ކޮންސާޓުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގައި އެހީތެރިވަމުންދާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.
މި ހުރިހާ ތަރީން އެއްވެސް ފައިސާ އެއް ނުނަގައި ހުރިހާ އެހީއެއް ފަލަސްތީނަށް ދިނުމަށް ނިންމާފައިވާއިރު މި ތަރީންތަކަކީ މީގެކުރީންވެސް ފަލަސްތީނުގެ ހައްގުގައި ވާހަކަދައްކާފައިވާ ތަރީންނެވެ.