ވަޔާ އެއްލާލުމުގެ ނުރައްކާ އޮތް، ކާނިވާ ސްޓޭޖުގެ ފުރާޅުގެ ބައިތައް ނަގަނީ

ކާނިވާ ސްޓޭޖުގެ ފުރާޅުން ހަލާކުވެފައި ހުރި ބައިތައް ސާފުކުރަނީ: އެމަސައްކަތް ކުރަނީ ދިމާވެދާނެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށް ކަމަށް ކައުންސިލުން ބުނޭ --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭގެ ކާނިވާ ސްޓޭޖުގެ ފުރާޅުން ހަލާކުވެފައި ހުރި ބައިތައް ނަގައި، އެތަން ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެ ކައުންސިލުން ބުނީ، އެތަން ސާފުކުރީ ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށްޓަކައި ކަމަށެވެ.

ސިޓީ ކައުންސިލުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މިހާރު ވަނީ އެ ސްޓޭޖުގެ ފުރާޅުގެ ވަކި ހިސާބަކުން ބޮޑު ބައެއް ނަގާފައެވެ. އަދި، އެތަން ސާފުކުރުމުގެ މަސައްކަތް އެކައުންސިލުގެ މުވައްޒަފުން ކުރަމުން އަންނަ މަންޒަރު ފޮޓޯތަކުން ފެނެއެވެ.

ކާނިވާ ސްޓޭޖުގެ ފުރާޅުން ހަލާކުވެފައި ހުރި ބައިތައް ސާފުކުރަނީ: އެމަސައްކަތް ކުރަނީ ދިމާވެދާނެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށް ކަމަށް ކައުންސިލުން ބުނޭ --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ކާނިވާ ސްޓޭޖުގެ ފުރާޅު ސާފުކުރާއިރު، ވައިގަދަ ދުވަސްތަކުގައި ފުރާޅު އެއްލާލުމުގެ ހާދިސާތައް ދިމާވެއެވެ.

މިދިޔަ ހަފުތާގައި މޫސުން ގޯސްވެ ވައިގަދަވި ވަގުތެއްގައި ކާނިވަލުގެ ފުރާޅު ވަޔާ ހެލޭ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށް، ސޯޝަލް މީޑިއާގައި މީހަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މީގެ ކުރިން ވެސް ފުރާޅުން ބައެއް ވަޔާ އެއްލާލި ކަމުގެ ކަންބޮޑުވުން މީހަކު ފާޅުކުރިއެވެ.

މިދިޔަ ހޯމަ ދުވަހު މާލޭގައި ހިނގި އެފަދަ ހާދިސާއެއްގައި، ކެނދިގަސް ހިނގުން ގޯޅީގައި ހުރި އިމާރާތެއް މަރާމާތުކުރަން ބިމަށް ޖަހާފައި ހުރި ހޮޅިތަކެއް ފެންސާ އެކު ވެއްޓުނެވެ.

އެހެންވެ، އޭރު ފުލުހުން ވަނީ، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓުތަކުގައި ރައްކާތެރި ކަމަށް ޖަހާފައި ހުންނަ ފެންސު ވަޔާ ނުދާނެހެން ރަނގަޅަށް ހަރުކުރުމަށް އިލްތިމާސްކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މާޗު މަހު ސިޓީ ކައުންސިލުން ވަނީ މާލެ ސީޓީގެ ކާނިވާ ސަރަހައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު, އައު ސްޓޭޖެއް ހެދުމަށް ހަތަރު މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފައެވެ. އެމަސައްކަތް ނިންމަން އޭރު ހަވާލުކުރީ، މިދިޔަ މަހުގެ 31ގެ ނިޔަލަށެވެ.

https://sun.mv/203807

ކާނިވާ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ނަމަވެސް، އެތަން އެކިއެކި އިޖުތިމާއީ ހަރަކާތްތަކަށާއި، ސްޓޭޖް ޝޯތަކުގެ އިތުރުން ސިޔާސީ ހަރަކާތްތައް ހިންގުމަށް ވެސް ބޭނުންކުރެއެވެ.

comment ކޮމެންޓް