މާލޭން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ ތަފުސީލު ދެމަސްތެރޭ ހާމަކުރަނީ

މާލޭ އިމާރާތްތައް: ކުރިއަށް އޮތް ދެމަސްތެރޭ މާލޭން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ ތަފްސީލުތައް ހާމަކޮށްދޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލޭން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ ތަފުސީލު ކުރިއަށް އޮތް ދެމަސް ތެރޭގައި ހާމަކުރާނެކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

މޭޔަރު އެ ޔަގީންކަން ރައްޔިތުންނަށް ދެއްވީ މިހާރު ކުރިއަށްދާ މާލޭ ސިޓީގެ ރައްޔިތުންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، މާލޭ ސިޓީއަށް ގާނޫނުން މަތިކޮށްފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ރަށްވެހިކަމުގެ ޚިދުމަތް ދިނުމާއި ދިރިއުޅުމަށްޓަކައި އަމާން، އުފާވެރި މާހައުލެއް ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އެހެންކަމުން މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރިކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް: ވިދާޅުވީ، ކުރިއަށް އޮތް ދެމަސްތެރޭ މާލޭން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ ތަފްސީލުތައް ހާމަކޮށްދޭނެ ކަމަށް ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

އާޒިމް ވިދާޅުވި ގޮތުގައި، އެކައުންސިލް އުފެދިގެން ހިނގާދިޔަ 15 އަހަރު ތެރޭ ބިމުގެ އޮޑިޓެއް ނުވަތަ ދަފުތަރެއް އެކުލަވާލާފައެއް ނުވެއެވެ. ނަމަވެސް، އެ މަސައްކަތްތައް މިހާރު ކުރަމުންދާކަން މޭޔަރު ހާމަކުރެއްވިއެވެ.

ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މާލޭން ކުއްޔަށް ދޫކޮށްފައި ހުރި ހުރިހާ ބިންތަކެއް ކުއްޔަށް ދޫކޮށްފައި ހުރީ ކޮން ބަޔަކަށްތޯ، ކޮން ބޭނުމަކު ތޯ، ކޮން ކުއްޔަކަށް ތޯ، ކިހާ މުއްދަތަކަށް ތޯ، އެތާ ސީއެސްއާރު ކޮމްޕޯނަންޓު ހިމެނިފައިވޭތޯއާއި މިހުރިހާ ކަމެއް، އޭގެއިތުރުން ވެސް ހުރި ކަމެއް ވެއްޖިއްޔާ ތި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ތިބޭފުޅުންގެ ބިންތަކުގެ ހުރިހާ ތަފުސީލެއް އަޅުގަނޑު ހާމަކޮށްދޭނަން

އެ ކައުންސިލުން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ މުއްދަތު ހަމަވުމުން މީގެކުރިން އަމަލުކުރަމުން އައި ގޮތް މިހާރު ބަދަލުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އޭރު އަމަލުކުރި ގޮތަކީ، ކޮންޓްރެކްޓު ހަމަވުމުން ނުވަތަ ހަމަވާން ކައިރިވުމުން ދެ ފަރާތުން ވާހަކަދައްކައިގެން މުއްދަތު އިތުރުކުރަނީ ކަން މޭޔަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ކޮންމެ ކޮންޓްރެކްޓެއް ހަމަވުމުން އިއުލާނުކޮށްގެން ލިބޭ އެންމެ ފައިދާހުރި ޕްރޮޕޯސަލާ އެއްކޮށް ކުރިއަށް ދިޔުމަށް މިހާރު އެކައުންސިލުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ، އެކައުންސިލާއި ރައްޔިތުންނަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް މޭޔަރު ގަބޫލުކުރައްވައެވެ.

ކައުންސިލްގެ މިލްކުވެރިކަމުގައި ހުރި ބިންތަކުގެ ތަފުސީލުތައް ހިއްސާކުރުމަށް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު މޭޔަރުގެ އަރިހުން މީގެކުރިން ވަނީ އެދިވަޑައިގެންފައެވެ. އެ މައުލޫމާތަށް ތަކުރާރުކޮށް އެދުމުން ވެސް މައުލޫމާތު ނުދޭކަމަށް ވިދާޅުވެ ސައިފްވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

މާލޭގެ ބިންތައް ނުއަގުގައި ދިގު މުއްދަތަށް ދޫކުރާކަމުގެ ތުހުމަތު ސައިފް ވަނީ މޭޔަރަށް ކުރައްވައިފައެވެ.

https://sun.mv/208856

މުސްތަގުބަލުގައި އެއްވެސް ކޮންޓްރެކްޓެއް ރައްޔިތުންނާއި ކައުންސިލަށް ނުފެނި، އެއްވެސް ބޭފުޅަކަށް ނުލިބޭނެ ކަމުގެ ޔަގީންކަން މޭޔަރު ވަނީ ރައްޔިތުންނަށް އަރުއްވާފައެވެ.

comment ކޮމެންޓް