އިންޑިއާއި ޕާކިސްތާނާއި ދެމެދު މިދިޔަ މެއި މަހު ހިނގި ހަނގުރާމައިގައި ޕާކިސްތާނުގެ ފަސް ފައިޓާ ޖެޓާއި އެއް އަސްކަރީ މަތިންދާބޯޓު ވައްޓާލާފައިވާ ކަމަށް އިންޑިއާގެ ވައިގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެއެވެ.
މިއީ އެ ހަނގުރާމައަށް ފަހު އިންޑިއާއިން އެފަދަ އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ.
ވައިގެ ސިފައިންގެ ވެރިޔާ މާޝަލް ސްޓާފް އަމަރު ޕްރީތު ސިންގް އެކަން އިއުލާންކުރެއްވިއިރު، އިންޑިއާގެ އަސްކަރިއްޔާގެ ޖެޓްތައް ވެސް ޕާކިސްތާނުން ވައްޓާލި ކަމަށް އިންޑިއާގެ އަސްކަރިއްޔާއިން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ މަތިންދާބޯޓުތަކާއި ކްރޫޒް މިސައިލްތައް ހިމެނެއެވެ. އެ ހަމަލާތަކުގައި އެތައް ބަޔަކު މަރު ވެސް ވިއެވެ.
"އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ފަސް ހަނގުރާމަވެރިން މަރުވެފައިވާކަން ކަށަވަރުވެ، ބޮޑު މަތިންދާބޯޓެއް ވެއްޓުނުކަން އެނގޭ،" ސިންގް ވިދާޅުވިއެވެ.
އެއީ، ސަވައިލެންސް ޕްލޭނަކަށް ވެދާނެ ކަމަށް ބެލެވޭ ބޯޓެއް ކަމަށާއި ބޯޓު ވައްޓާލީ 300 ކިލޯމީޓަރުގެ ދުރުން ކަމަށް ވެސް ސިންގް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންޑިއާގެ އެސް-400 އެއާ ޑިފެންސް ސިސްޓަމްތަކުން ޕާކިސްތާނުގެ ގިނަ މަތިންދާބޯޓުތައް ވައްޓާލި ކަމަށެވެ.
ނަމަވެސް، ޕާކިސްތާނުން ވަނީ އެ ކަމާ ދެކޮޅު ހަދާފައެވެ. އަދި، އިންޑިއާ ނަޒާހަތްތެރި ނޫން ކަމަށާއި ޕާކިސްތާނުގެ އެންމެ މަތިންދާބޯޓެއް ވެސް ވެއްޓިފައިނުވާ ކަމަށް ޕާކިސްތާނުން ބުނެއެވެ.
"ހަގީގަތާ މެދު ޝައްކު އުފެދޭނަމަ، ދެ ފަރާތުން ވެސް އެ މީހުންގެ މަތިންދާބޯޓުތަކުގެ އިންވެންޓްރީ މިނިވަންކަމާ އެކު ތަހުގީގުކުރުމުގެ ހުއްދަ ދޭންވާނެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިކަމުގެ ސަބަބުން އިންޑިއާއިން ފޮރުވަން މަސައްކަތްކުރާ ހަގީގަތް ހާމަވެގެންދާނެ،" ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ދިފާއީ ވަޒީރު ހަވާޖާ މުޙައްމަދު އާސިފް ވިދާޅުވިއެވެ.
ޗައިނާއިން އުފައްދާ ޖެޓްތަކާއި އެމެރިކާގެ އެފް-16 މަތިންދާބޯޓުތައް އާންމު ގޮތެއްގައި އޮޕަރޭޓްކުރާ ޕާކިސްތާނުން ވަނީ މެއި މަހުގެ 7 އިން 10 އަށް ދެ ގައުމުގެ މެދުގައި ހިނގި ހަނގުރާމައިގައި ޕާކިސްތާނުގެ އެއްވެސް މަތިންދާބޯޓެއް ވައްޓާލި ކަމަށް އެ ގައުމުން މީގެ ކުރިން ދޮގުކޮށްފައެވެ.
ދެ ގައުމުތަކުގެ މެދުގައި ހިނގި ހަމަނުޖެހުން ފެށިގެން އައީ ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގަމް ޓައުންގައި އޭޕްރީލް 22 ވަނަ ދުވަހު ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާއެއްގައި 26 ފަތުރުވެރިން މަރާލުމުންނެވެ.
އެ ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ އަސްކަރީ ހަ ޖެޓް ވައްޓާލި ކަމަށާއި އޭގެ ތެރޭގައި މަދުވެގެން ތިން ރާފަލް ހަނގުރާމަ ބޯޓު ހިމެނޭ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. ކަޝްމީރު މައްސަލައިގައި ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ހަމަނުޖެހުންތައް ހިނގާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ކަޝްމީރުގެ މިލްކުވެރި ކަމަށް ދެ ގައުމުން ވެސް ދައުވާކުރެއެވެ.