މިހާތަނަށް ގުޅިފަޅުން 23 ޕަސެންޓު މީހުންނަށް ގޯތި ރަޖިސްޓްރީ ދޫކޮށްފި

ގުޅިފަޅު ރަޖިސްޓްރީ ދޫކުރުން: މިހާތަނަށް ގުޅިފަޅުން 23 ޕަސެންޓު މީހުންނަށް ގޯތި ރަޖިސްޓްރީ ދޫކޮށްފި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް 23.9 ޕަސެންޓު މީހުންނަށް ރަޖިސްޓްރީ ދޫކޮށްފިއެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ހައުސިން މިނިސްޓްރީން ފެށީ، މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ.

ހައުސިން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި އެ 3،520 ގޯތީގެ ތެރެއިން މިހާތަނަށް 843 މީހަކަށް ވަނީ ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައެވެ. އެއީ 23.9 ޕަސެންޓެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ގުޅިފަޅު ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެ މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައެވެ.

މީގެ ކުރިން ވަކިން ހިންގަމުން އައި ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފީސް އިމާރާތުގައި މިދިޔަ ޑިސެންބަރު މަހުގެ 12ގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ލިބުނު ގެއްލުންތަކާ ގުޅިގެން އެ އިމާރާތް ވަނީ ތަޅާލައިފައެވެ. އެ ބިމުގައި މާލޭ ސިޓީ ކައުންސިލްގެ ތިން ސެކްޝަނެއް ހިންގާ އިމާރާތެއް ވެސް ހުއްޓެވެ.

ގުޅިފަޅު ގޯތީގެ ރަޖިސްޓްރީ ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިޓީ ކައުންސިލުން ބޭނުންކުރަމުންދިޔަ ބައިގައެވެ.

ގުޅިފަޅު ބިން ހިއްކުމުގެ ތެރެއިން -- ފޮޓޯ/ މިނިސްޓަރު މުއްތަލިބު

ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ދެ ފަހަރަކު ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށްފައިވެއެވެ. މިފަހަރު ރަޖިސްޓްރީ ދޫކުރަނީ، އައު ލޭންޑް ޔޫޒް ޕްލޭންގެ ދަށުން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އަލުން ގުރު ނެގުމަށް ފަހުގައެވެ.

ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ދޫކުރުމަށް ހެދި އެއްބަސްވުމުގައި ގާނޫނާ ފުށޫ އަރާ ކަމެއް ހުރި ކަމަށް ބުނެ މި ސަރުކާރުން އެއްބަސްވުމަށް ބަދަލުގެނެސްފައިވެއެވެ.

މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ، ގުޅިފަޅުން ގޯތި ލިބޭ މީހެއްގެ ނަމުގައި 'މާލެ ސަރަހައްދުން' 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އެކުލަވައިލި އައު އުސޫލެއްގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގޯއްޗެއް އޮތް ނަމަ' ކަމަށް ބަދަލުކޮށްފައެވެ.

ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު -- ފޮޓޯ/ ރައީސް އޮފީސް

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެ ބަދަލު ގެންނަން ޖެހުނީ، ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ގޯތި ދޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްއިރު އެ މާއްދާއާ އެއްބަސްވުމާ ފުށޫ އަރާތީ ކަމަށެވެ.

އެ ބަދަލު ގެނައިކަން ހާމަކުރި ފަހުން، ގުޅިފަޅުން ގޯތި ލިބޭ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ވަނީ، މި ސަރުކާރުން އެއްބަސްވުމަށް ގެނައި ބަދަލު ބަލައިނުގަންނާނެ ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

އޭގެ ފަހުން މުއްތަލިބު އެކްސްގައި ވިދާޅުވީ، މިހާރު ސޮއިކޮށްފައިވާ އެއްބަސްވުން އެގޮތަށް ބާއްވާފައި ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުން ސޮއިކުރުމަށް މިނިސްޓްރީން މިހާރު ނިންމައިފައިވާ ކަމަށެވެ. އޭގެ މަގުސަދަކީ ގޯތި ދޫކުރުން އަވަސް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ނުލިބޭނެތީ، ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށް ޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް މިނިސްޓްރީން އިއުލާންކޮށްފައިވެއެވެ.

comment ކޮމެންޓް