ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި މާސްޓާކާޑު ގުޅިގެން ވިޒިޓް މޯލްޑިވްސްއަށް ޒަމާނީ 'ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް' ތައާރަފުކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ މި ޕްލެޓްފޯމުން ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް، ފަތުރުވެރިން އިސްކަންދޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށެވެ. މިސާލަކަށް އޭގެ ތެރޭގައި ފަތުރުވެރިންގެ ޚަރަދުކުރުމުގެ އާދަތައް ދައްކުވައިދޭ ޑޭޓާ ވެސް ހިމެނޭނެ ކަމަށް ބޭންކުން ބުންޏެވެ.
އެ ޑޭޓާ ބޭނުންކޮށްގެން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ކުރިއެރުމުގެ ފުރުސަތުތައް ހޯދުމަށް މަގުފަހިވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ވަކިން ޚާއްސަކޮށް ފަތުރުވެރިންގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ވެސް ފަތުރުވެރިން ކުރާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރަނގަޅު ނިންމުންތައް ނިންމުމުގެ ފުރުސަތު ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.
ވިޒިޓް މޯލްޑިވްސްއަކީ ނުވަތަ ކުރީގެ ނަމުންނަމަ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޑިޖިޓަލް އައިޑީ އަދި ޕޭމަންޓް ނިޒާމު ޑިޖިޓަލްކޮށް މިހާރަށްވުރެ ޒަމާނީކުރެވޭ ގޮތަށް, ފަސް އަހަރުދުވަހުގެ ޕްރޮގްރާމެއް ބީއެމްއެލްއާއި، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އެންސީއައިޓީ އާއި މާސްޓަކާޑުން މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.
ބޭންކުން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މަގުސަދަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އަޕްގްރޭޑްކޮށް، ރައްކާތެރި އަދި ހަރުދަނާ ޑިޖިޓަލް ޚިދުމަތްތައް ލިބުން އިތުރުކުރުމެވެ.