ވީއައިއޭއިން 6 މަސްތެރޭ 34،573 ޓަނު ކާގޯ އުފުލައިފި

ވީއައިއޭއިން ކާގޯ އުފުލުން: ވީއައިއޭއިން ވަނީ 6 މަސްތެރޭ 34،573 ޓަނު ކާގޯ އުފުލައިފައި -- ފޮޓޯ/ ވީއައިއޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭ 34،573 ޓަނުގެ މުދާ އުފުލައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭ 25،262 ޓަނުގެ މުދާ އެތެރެކޮށް، 2،432 ޓަނުގެ މުދާ އެކްސްޕޯޓުކުރިއެވެ.

އަދި ޓްރާންސްޝިޕްމަންޓް މުދަލުގެ ގޮތުގައި 6،879 ޓަނުގެ މުދާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި އެއާ ޓު އެއާގެ 5،621 ޓަނުގެ މުދަލާއި، އެއާ ޓު ސީގެ 1،258 ޓަނުގެ މުދާ ހިމެނެއެވެ. އެއީ 12 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ފުރަތަމަ ހަ މަސް ތެރޭ އެންމެ ގިނަ މުދާ އުފުލާފައި ވަނީ އެފްކޮމް މެދުވެރިކޮށެވެ. އެގޮތުން އެފްކޮމްއިން 112 ފްރައިޓާސް އޮޕަރޭޓްކުރިއެވެ. އަށާރަ ފްރައިޓާސް އޮޕަރޭޓުކޮށްގެން ދެވަނައަށް އެންމެ ގިނައިން މުދާ އުފުލީ ފްލައި ވާވުންނެވެ. މީގެ އިތުރުން އެމްޖެޓްސް އަދި ގަތަރު ކާގޯއިން ވެސް މުދާ އުފުލިއެވެ.

ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިގުތިސާދަށް އެމްއޭސީއެލްއިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމެއްކަން އެ ކުންފުނިން ފާހަގަ ކުރެއެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލަމާތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ހުޅުވި ކާގޯ ޓާމިނަލަކީ މި ފަދަ ގިނަ ޚިދުމަތްތަކެއްދެވޭ ފެންވަރަށް ތަރައްގީކުރެވިފައިވާ ތަނެކެވެ. އެގޮތުން ކުރިން ކާގޯ ޓާމިނަލުން 50،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭއިރު އާ ޓާމިނަލުން 120،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވެއެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރަކީ ވެލާނާ ވީއައިއޭގެ ކާގޯ ޓާމިނަލުގެ ކެޕޭސިޓީ ތިން ލައްކަ ޓަނަށް އިތުރު ކުރުން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް